ރައްޔިތުންގެ މަޖިލިސް

މީރާގެ ވެރިޔަކަށް ޒަރީރު އައްޔަންކުރަން ރުހުން ދީފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިމައްސަލަ ދިރާސާކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީންވެސް ފާސްކޮށްފައިވަނީ ޒަރީރަށް ރުހުން ދިނުމަށެވެ.

މީރާގެ ކޮމިޝަނަރު ކަނޑައެޅުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ދެ ނަން ފޮނުއްވިއިރު އިސްކަން ދެއްވާފައިވަނީ މީރާގެ ކުރީގެ ކޮމިޝަނާ ޖެނަރަލް ޔަޒީދު މުހައްމަދު އަށެވެ.

ޔަޒީދު އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީރާގެ ކޮމިޝަނާ ޖެނަރަލް އެވެ. އޭރު ޒަރީރު އަކީ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އެވެ.

މީރާގެ ކޮމިޝަނާ ޖެނަރަލް އަކަށް ޒަރީރު އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދިން އިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މިސަރުކާރުގައި އޭނާ ވަނީ އައްޔަންކުރައްވާފަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް -- ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.