r
މީރާ

މީރާގެ ވެރިޔަކަށް ކޮމިޓީން ރުހުން ދިނީ ޒަރީރަށް

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީރާގެ ކުރީގެ ދެ ވެރިން ކަމަށްވާ ޔަޒީދު މުހައްމަދާއި ހަސަން ޒަރީރުގެ ތެރެއިން ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ޔަޒީދުގެ ބަދަލުގައި ޒަރީރު އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމަށް މައްސަލަ ދިރާސާކުރި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.

މީރާގެ ކޮމިޝަނަރު ކަނޑައެޅުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ދެ ނަން ފޮނުއްވިއިރު އިސްކަން ދެއްވާފައިވަނީ ޔަޒީދު އަށެވެ.


އެކަމަކު ކޮމިޓީން މިއަދު ނިންމީ ޒަރީރު އަށް ރުހުން ދިނުމަށެވެ. އެގޮތުން ކޮމިޓީގައި ހިމެނޭ 10 މެންބަރަކު ވަނީ ޒަރީރަށް ރުހުން ދިނުމަށް ތާއީދުކުރައްވާ ވޯޓު ދެއްވާފަ އެވެ. ޔަޒީދަށް ރުހުން ދިނުމަށް ތާއީދު ކުރެއްވީ ހަތަރު މެންބަރުންނެވެ.

ކޮމިޓީގެ ނިންމުން ފާސްވާނީ މަޖިލީހުގެ ތަޅުމުން އެގޮތަށް ނިންމުމުންނެވެ.

ޔަޒީދު އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީރާގެ ކޮމިޝަނާ ޖެނަރަލް އެވެ. އޭރު ޒަރީރު އަކީ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާގެ އުފަން ރަށް -- ތ. ތިމަރަފުށި ހިމެނޭ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.