މީރާ

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށައިފި

ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން މިއަދުން ފެށިގެން ފީ ނަގަން ފަށައިފި އެވެ.

ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނެގުން ލާޒިމުކުރަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުންނެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ އަކީ ހުރިހާ ވިޔަފާރި ހަރަކާތަކުންވެސް ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ޖެހޭ ފީ އެކެވެ.

ވަކިވަކިން ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅާއި ކޮތަޅު ބޮނޑި ވިއްކި ނަމަވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ބުނެފަ އެވެ.

ޕްލާސްޓިކް ކޮތަޅު ނެގުން އިސްތިސްނާ ހާލަތްތައް

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ މައުލޫމާތު ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ.

މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީއެސްޓީ ބަޔާނުގައި ހިމަނާ އެ ފައިސާ ދައްކަން ޖެހެ އެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ޖީއެސްޓީ ދައްކަންޖެހޭ ސުންގަޑި ކަމަށް މީރާއިން ބުނެ އެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މީރާ އިން އެކުލަވާލި "ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" ގެޒެޓްކޮށްފައިވަނީ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ.