މީރާގެ "ހޭވައްލާ - ސާފު ކުރަމާ" ޕްރޮގްރާމުގެ ދަށުން ވިލިމާލޭގެ އަތިރިމަތި ސާފުކޮށްފި އެވެ.
ވިލިމާލޭގައި މިއަދު ހެނދުނު 7:00 ޖެހި އިރު ފެށި ސާފު ކުރުމުގެ އެ ހަރަކާތުގައި އެ އޮތޯރިޓީގެ 175 މުވައްޒަފުން ބައިވެރިވެ ވިލިމާލޭގެ އަތިރިމަތީގެ ބޮޑު ބައެއް ސާފުކޮށް، 200 ކޮތަޅުގެ ކުނި ނަގާ އުކާލި އެވެ.
މި ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މި ހަރަކާތަކީ މީރާގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ޕްރޮގްރާމެއް ކަމަށާއި މީރާގެ މުވައްޒަފުންނަކީ އަބަދުވެސް އިޖްތިމާއީ ކަންކަމުގައި އިސްނަގާ ބައެއް ކަމަށެވެ.
މީރާގެ މި ހަރަކާތް ހިންގުމުގައި މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ވިލިމާލެ ޕޮލިސް ސްޓޭޝަނުން މީރާއަށް އެހީވެ ދިނެވެ.
ކުރިން މީރާއިން ވަނީ "ހޭވައްލާ-ސާފުކުރަމާ" ގެ ހަރަކާތް މާލެ އާއި ހުޅުމާލޭގައި ކުރިޔަށް ގެންގޮސްފަ އެވެ.