މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.33 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ 33.7 ޕަސަންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 22.3 ޕަސަންޓް އިތުރު މިންވަރެކެވެ.
މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ އާއި ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ހިމެނެ އެވެ.
ފަތުރުވެރިން އިތުރުވުމުގެ ސަބަބުން މިއަހަރުގެ ފެބްރުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށްވުރެ އިތުރުވެފަ އެވެ.
މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ކަމުގައިވާތީ އެއަހަރުގެ ފެބްރުއަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވާތީ އަދި މިއަހަރުގެ ފެބްރުއަރީގައި މި އާމްދަނީ ބަލައިގަނެފައި ވާތީ މިދިޔަ އަހަރާއި އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ހަމައެއާއެކު ބޭންކް އިންކަމް ޓެކްސް ދަށްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ މި މުއްދަތުގެ ތެރޭގައި ލިބިފައިވާތީ ފެބްރުއަރީ މަހު ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 70.1 ޕަސަންޓް -- 1.63 ބިލިއަން ރުފިޔާ އެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.6 ޕަސަންޓް -- 246.36 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި 102.85 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 91.08 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.48 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ލިބިފައިވެ އެވެ.
މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 100.34 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.