މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖުލައި މަހު 2.93 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ 17.1 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 16.4 ޕަސެންޓް އިތުރު އަދަދެކެވެ.
އާމްދަނީ ދަށްވި ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ ޖޫން 2023 ގައި އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރި ނަމަވެސް ޖުލައި 2024 ގައި ސުންގަޑިއައް ބަދަލެއް އައިސްފައި ނުވާތީ ޖޫން 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2024 ގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ.
އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ ފަތުރުވެރިންގެ އަދަދު އިތުރުވުމުންނާއި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ދައްކަންޖެހޭ މި އަހަރުގެ ދެވަނަ އިންޓެރިމްގެ ފައިސާވެސް ޖުލައި މަހު ބަލައިގަނެފައިވާތީ ކަމަށް މީރާއިން ބުނެ އެވެ.
މީގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މީރާއަށް މި އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 75 މިލިއަން ޑޮލަރު ހިމެނެ އެވެ.
ޖުލައި މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެ ގޮތުން އިންކަމް ޓެކުހުގެ ގޮތުގައި 1.47 ބިލިއަން ރުފިޔާ މީރާއަށް ބަލައިގަތްއިރު އެއީ ޖުލައި މަހު ލިބުނު ޖުމްލަ އާމްދަނީގެ 50 ޕަސެންޓެވެ.
ޖީއެސްޓީގެ ގޮތުގައި މީރާއަށް މިދިޔަ މަހު 997.31 މިލިއަން ރުފިޔާ ބަލައިގަތްއިރު އެއީ އެމަހުގެ އާމްދަނީގެ 33.3 ޕަސެންޓެވެ.
މީގެ އިތުރުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 116 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 75 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ.