ރަ އްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވައިދަށް އަމަލު ނުކުރައްވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ދިޔައީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ މައްސަލައިގައި ސިއްރާއި ފާޅުގައި އެމްޑީޕީގެ ބައެއް މެންބަރުން ދިޔައީ ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕް ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމަށް ވެސް ބައެއް މެންބަރުން ގެންދެވީ ނަޝީދުގެ ޝަކުވާ ހުށަހަޅުއްވަމުންނެވެ. މަޖލީހުގެ ގަވައިދާ އެއްގޮތަށް އަމަލުކުރެއްވުމަށް އަސްލަމް ގެންދެވީ ރައީސް ނަޝީދަށް އިލްތިމާސް ކުރައްވަމުންނެވެ.
ރައީސް ނަޝީދުގެ އަމަލުތަކާއި މަޖިލީހުގެ ގަވައިދަށް އެމަނިކުފާނު އަމަލުކުރެއްވުމަށް ބާރު އެޅުއްވުމަށް ޕާލިމެންޓްރީ ގުރޫޕުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އަސްލަމް ވަނީ އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ. މި އިންޓަވިއުގައި އަސްލަމް އެންމެ ބޮޑަށް ހަނދާން ކޮށްދެއްވީ ރައީސް ނަޝީދު ކަމަށްވީ ނަމަވެސް ބާރުގަދަ އެހެން ބޭފުޅަކު ނަމަވެސް ގާނޫނާއި ގަވައިދާ ހިލާފަށް އުޅުއްވާނަމަ އެމީހަކަށް ފިޔަވަޅު އަޅާނެ ކަމެވެ. މަގާމުން ވަކިކުރަންޖެހޭނަމަ ވަކިކުރަން ވެސް ފަސްނުޖެހޭނެ ކަމެވެ.
އެގޮތުން ރައީސް ނަޝީދަށް އަސްލަމް ދެއްވި މެސެޖަކީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެމަނިކުފާނު މަގާމުން ވަކިކުރުމަށް ސޮއި ހަމަކޮށްފައިވާ ކަމުގެ މެސެޖެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު އަސްލަމް އަވަސް އަށް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭ ވަރަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެކަނިވެސް ވޯޓު ހަމަކޮށްފައިވާ ކަމަށް ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑު އަމިއްލައަށް އިސް ނަގައިގެން އެފަދަ ކަމެއް [ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް] ކުރާކަށް ނުވިސްނަން. އެކަމަކު މިހާރުވެސް ރައީސް ނަޝީދު ވަކި ކުރެވޭ ވަރަށް ސޮއި ކުރެވިފަ އޮތް އިތުބާރު ނެތް ކަމުގެ މޯޝަން އެއް އެބަ އޮތް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާ އަދި ސޮއި ނުކުރައްވާ ކަމަށެވެ. ނަޝީދު މަގާމުން ވަކިކުރުމަށް ސޮއި ހަމަކޮށްފައިވީ ނަމަވެސް ޕާލިމެންޓްރީ ގުރޫޕަށް ރަސްމީކޮށް މައްސަލަ އަދި ގެނެސްފައި ނުވާ ކަމަށެވެ. އެކަމަކު މައްސަލަ މާދަމާ ހުށަހަޅަން ޖެހުނު ނަމަވެސް މެންބަރުން ތިއްބެވީ އެކަމަށް ތައްޔާރަށް ކަމުގައިވެސް ވިދާޅުވި އެެވެ. ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިނަމަ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޭނާ ވެސް އިތުބާރު ނެތް ކަމުގައި ސޮއި ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ. މަޖިލީހުގެ ގަވައިދާއި އުސޫލަށް އުޅުއްވަން އެއްވެސް ބޭފުޅަކު ބޭނުން ނުވާނަމަ އެއީ ރައީސް ނަޝީދު ކަމަށްވީ ނަމަވެސް އެ ބޭފުޅަކާ އެކު ނޫޅުއްވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވަކި ކޮޅަކަށް ބުރަވެ ވާހަކަ ދެއްކުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެކެވެ. އުސޫލެއްގެ ގޮތުން މަޖިލީހުގެ ރައީސަކަށް ކޮންމެ ބޭފުޅެއް އިންނެވި ކަމުގައިވީ ނަމަވެސް އެއްވެސް މައްސަލައެއްގައި ވަކި ކޮޅަކަށް ނުޖެހި ހުންނަވަން ޖެހެ އެވެ. އެކަމަކު ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މައްސަލަތަކުގައި ވަކިކޮޅަކަށް ބުރަވެ ވާހަކަފުޅު ދައްކަވަ އެެވެ. މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގެން މެންބަރުންނަށް ރައްދުވެސް ދެއްވަ އެވެ.
އަސްލަމް ވިދާޅުވީ އެއީ ރައީސް ނަޝީދު ހައްދަވާ ވަރަށް ބޮޑު ގޯހެއް މަށެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދާ އެފަދަ އަމަލުތަކުގެ ސަބަބުން ޕާޓީގެ ޕީޖީ ގުރޫޕްގެ ތެރޭގައި އިތުރު މައްސަލަތައް އުފެދި އެ މައްސަލަތައް ހައްލުކުރަން އުނދަގޫވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން އަމަލު ކުރައްވަން ވާނީ މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން. ރައީސް ނަޝީދު އަމިއްލަފުޅު ކަންކަމަކާ އަޅުގަނޑު ނުބެހޭނަން. ނަމަވެސް މަޖިލީހުގެ ގަވައިދާ ހިލާފުވީމަ ވަރަށް އުނދަގޫވޭ. އެހިސާބުން އަޅުގަނޑު ދަންނަވާނަން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދާ ހިލާފު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ކަމަށާއި ނަމަވެސް ގަވައިދާ ހިލާފަށް އަމަލުކުރައްވާކަން އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. ރައީސް ނަޝީދު އެފަދަ އަމަލުތައް އިސްލާހު ވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެހެން ގުނަވަންތައް އޮތްކަން ދަނެގެން އެ ގުނަވަންތަކުގެ ހިޔާލު ހޯއްދަވަން ޖެހޭކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެއްވެސް ކަމެއް މެޖޯރިޓީން ނިންމާނަމަ ރައީސް ނަޝީދު ނަމަވެސް އެކަމަކަށް އިހްތިރާމު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލީހުގެ ބައެއް މެންބަރުން މެޖޯރިޓީގެ ނިންމުމަށް އިހްތިރާމު ނުކުރެއްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދަކީ ހަގީގަތުގައި ވަރަށް މަސައްކަތް ވެސް ކުރައްވާ ހީވާގި ބޭފުޅެއް. ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ގަވައިދުން ބޭރުން ބައެއް ކަންކަން ކުރައްވާތީ ހިޔާލު ތަފާތު ވަނީ،" އަސްލަމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ގޯސްކޮށް ކުރައްވާ ކަންކަން ރަނގަޅު ކުރައްވައިފިނަމަ އެމަނިކުފާނަކީ ވަރަށް ފުރިހަމަ މަޖިލިސް ރައީސަކަށް ވާނެ ކަމަށް އަސްލަމް ގަބޫލުކުރައްވަ އެވެ. އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށްވުރެ އެމަނިކުފާނު މަޖިލީހުގެ ގަވައިދަށް ރުޖޫއަވެވަޑައިގެން ގައުމަށް ހިދުމަށް ކުރެއްވުމަކީ މާބޮޑަށްވެސް ދެކެވަޑައިގަންނަވަން ބޭނުންވާ މަންޒަރެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި މިފަހުން ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ދެ ބަޔަކަށް ބެހިގެން އެމްޑީޕީގެ މަޖިލިސް މަސައްކަތް ކުރައްވާ ކަމަށްވެސް އަސްލަމް އެއްބަސްވެވަޑައިގެންނެވި އެވެ. މި ހިޔާލު ތަފާތުވުން ތަކުގައި ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ސަރުކާރާ ދެކޮޅު ހިޔާލުތައް ފާޅުކުރެއްވުމަކީ ދެރަ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ހިޔާލުތަފާތުވުންތައް ބޮޑުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންތަކާ ދެކޮޅަށް ޕާޓީގެ ބައެއް މެންބަރުން ތަކުރާރުކޮށް ވޯޓު ދެއްވާ މައްސަލައަކީ އަބަދު ފިޔަވަޅު ނާޅުއްވާ ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށެވެ. ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވަނީ ވެސް ރައީސް ނަޝީދާ އެކުގައި މަސައްކަތް ކުރައްވާ މެންބަރުންތަކެއް ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އަސްލަމް ދެއްކެވި ވާހަކަފުޅުތަކުން ނަޝީދު މަގާމުން ވަކިކުރުމުގެ ޕްލޭނެއް އޮތް ކަން އެނގެ އެވެ. ސާފު ނުވަނީ އެކަން ކުރާނެ ވަގުތެވެ. މަޖިލިސް މިވަގުތު ޗުއްޓީގައި އޮތުމުން މިވަގުތު އެކަން ތަންފީޒު ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ބައެއް މެންބަރުން މީގެ ކުރިންވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފަހުން ނިކުމެދާނެ މައްސަލަތަކަކަށް ބައްލަވައި އެކަން ހުއްޓުވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަން އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކުން އެނގި ހާމަވެ އެވެ. ރައްޔިތުންގެ މަޖިލިސް އަންނަ އަހަރު ހުޅުވުމާ އެކު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާނެ ކަމަށް ބެލެވޭ އެތައް ސަބަބެއް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ތެރެއިން ފެނެ އެވެ.
ގާނޫއަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެހެންކަމުން މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ. އަދި މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 22 މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.