އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތް ނިންމާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ އިން މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްއަށް މެންބަރުންގެ އިތުބާރު ނެތުމުން އެމަނިކުފާނު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަކީ މެންބަރުންގެ އަމިއްލަ ކަމެއް ކަމަށެވެ. އެގޮތަށް މައްސަލަ ހުށަހެޅުމުން އެކަމުގައި ގޮތް ނިންމުން އެއީ މަޖިލީހުގެ ރައީސްއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވަން ޖެހޭނީ މަޖިލީހުގެ އަމީންއާންމު ކަމުގައި ވިދާޅުވި އެވެ.
"މައްސަލަ ކުރިއަށް ގެންދަވާނަންތޯ، ނުގެންދަވާނަންތޯ ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް އެއް ނޫން. އެކަމުގައި ގޮތް ނިންމަވާނީ މަޖިލީހުގެ އަމީންއާންމު" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި މައިގަނޑު ބޭނުމަކީ މަޖިލީހުގެ މަސައްކަތްތައް ގަވާއިދާ އެއްގޮތަށް ނުހިނގާތީ ކަމަށެވެ.
"މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ބަސްވެސް އެއްވެސް ވަރަކަށް ނުހިނގުން އެއީވެސް މައްސަލަ ހުށަހެޅި ސަބަބެެއް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާ ކޮންމެ ފަހަރަކު މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. ރިޔާސީ އިންތިހާބު ނިމުމަށްފަހު މަޖިލީހުގެ ރައީސް އާއި އަދި އެމަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓުންނާ އެކު ސުލްހަވެރިކޮށް މަސައްކަތް ކުރެއްވޭނެ ކަމަށް ކުރިން އުއްމީދު ކުރެއްވި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ އުއްމީދު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުނު ސަބަބާ ގުޅޭގޮތުންވެސް އަސްލަމް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާއަށް ބައެއް މެންބަރުން ވަޑައިގެން ޗެމްބަރުގެ ދޮރު ހުޅުއްވައި ބައްލަވާލެއްވުމަށްފަހު ވަޑައިގެންނެވީ ކަމަށެވެ. އަސްލަމް ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ބައެއް މެންބަރުން އަމަލުކުރެއްވީ ކޯރަމް ގެއްލުވާލުމަށެވެ.