ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު އޮތީ ސީދާ ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމުގެ ބަހުސްގެ ތެރެއަށް ނަޝީދު ވަދެވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މެންބަރު ހުންނެވި ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ހިނގަމުންދާ ވަގުތެއްގައެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި މި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން އެވެ.
މިމައްސަލައިގެ ތެރެއަށް ނަޝީދު ކުރިން މަސައްކަތް ކުރެއްވި އެމްޑީޕީއާއި އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ދަ ޑިމޮކްރެޓްސް ތަދައްޚުލްވި އެވެ. އެކަމަކު ޑިމޮކްރެޓްސް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިން ބޭރުވެފަ އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބަހުސް ވަރުގަދަ ވެފައިވާއިރު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"އަދި ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނަނީ ސީދާ ރައްޔިތުންނަށް ކަމަށް [ދެކެން]،" ނަޝީދު ވިދާޅުވި އެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް އިތުރަށް ބަޔާންކޮށް ގާނޫނުއަސާސީ މަޖިލީހުން އިސްލާހު ކުރީ އެކަމަށް އޮންނަ އިޖުރައާތުގެ ތެރެއިން ކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ. ނަމަވެސް ދައުލަތުގެ އެ ދިފާއާ މެދު ގޮތެއް ނިންމާނީ މުޅި މައްސަލަ ނިންމާ ހުކުމް ކުރާ އިރު ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ކަނޑައަޅާފަ އެވެ.