މުހައްމަދު އަސްލަމް

ދެ ރައީސުންގެ ކޯޅުން ނިމެނޭނީ މަޝްވަރާކޮށްގެން: އަސްލަމް

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައްސަލަތަކުގައި ވާހަކަދައްކަވައި މަޝްވަރާކުރައްވައިގެން ކަމަށާއި އެކަމުގައި މެދުވެރިއެއްގެ މަގާމު އަދާކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަސްލަމު ވިދާޅުވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އެންމެ އިސް އެއް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މަޝްވަރާތަކެއް ކުރަންޖެހޭ ކަމަށާއި އެމްޑީޕީގެ މުސްތަގުބަލް އޮތީ އެ މަޝްވަރާތަކާ ގުޅިފައި ކަމަށެވެ. މަޝްވަރާ ކުރެވިއްޖެ ކަމަށްވާނަމަ މިހާރު ފެންނަމުންދާ ބައިބައިވުންތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ.

"އެއްކޮށް ހައްލު ނުވެދާނެ. އެހެންނަމަވެސް މިހާރަށް ވުރެ ޕްރެޝަރު ކުޑަ ކުރެވޭނެ. އެއްކޮށް ހައްލު ނުވަނީ ބައެއް ބޭފުޅުންނަށް ޒާތީވެވޭތީ. ވިސްނުން ތަފާތުވިޔަސް ޕާޓީ ތަފާތު ވިޔަސް ޒާތީވެގެން ނުވާނެ. އެހެންނޫނީ ނަފްރަތު އުފެދި ކުރިން އޮތް ގުޅުން ރުޖޫއަ ނުކުރެވޭ ހިސާބަށް ހިނގައިދާނެ،" އަސްލަމް ވިދާޅުވި އެވެ.

ހިޔާލު ތަފާތުވުންތައް ނައްތާލައި މަޝްވަރާ ކޮށްގެން މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް މައްސަލައެއް ހައްލު ކުރެވޭނީ އެ މައްސަލައެއް ޕީޖީއަށް ހުށަހެޅުމުން ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އުފެދިފައި ހުރި މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް ދެ ރައީސުންނާ ވަކިން ބައްދލުކުރައްވާ މަޝްވަރާކުރައްވާ ކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިފަދަ މަޝްވަރާތަކެއް ނުހިނގާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ހިޔާލު ތަފާތުވިޔަސް ޕާޓީ ދޫކޮށްލަފާނެހެން. އެއީ ވަރަށް ގިނަ ދުވަހު ޕާޓީއަށް ހިދުމަތް ކޮށްދީފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. ދެން އަޅުގަނޑަށް މިހާރުވެސް ޔަގީން މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ. ސުޕަ މެޖޯރިޓީ އަދިވެސް ލިބޭނެ ކަމަށް މި އުންމީދު ކުރައްވަނީ،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރާ ހިޔާލުތަފާތުވާ އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ މެންބަރުންނާ މަޝްވަރާ ނުކޮށް ސަރުކާރުން މަޖިލީހަށް ބިލް ހުށަހެޅުމެވެ. މިމައްސަލައިގައި އަސްލަމް ވެސް އެއްބަސްވާ ބައެއް ކަންކަން އެބަހުއްޓެވެ. އަސްލަމް ވިދާޅުވީ މަޝްވަރާ ހިންގަންޖެހޭ ވަރަށް ބައެއް ބިލްތަކުގައި މަޝްވަރާ ނުކުރެވި އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ހުރިހާ ބިލަކު ހުރިހާ ފަހަރަކު އަމަލުކުރެވޭ ގޮތް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާހަކަދައްކަވައިގެން ސަރުކާރުން ބިލް ހުށަހަޅާއިރު މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް މިހާރު ހަމަޖައްސަވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތަކުގައި މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވާ ބައެއް މެންބަރުންނަކީ ޕީޖީ ބައްދަލުވުންތަކަށް ގަވައިދުން ވަޑައިނުގަންނަވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅުންނަށް ބިލްތަކުގައި އޮންނަ އެއްޗެއް އެނގިވަޑައިނުގެންފާނެ ކަމަށާއި ބައްދަލުވުންތަކަށް ވަޑައިގަތުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސިޔާސީ ޕާޓިއެއް ނަމަ ހަމަތަކަކާއި އުސޫލުތަކެއް ހުންނާނެ ކަމަށެވެ. އަދި ޕާޓީއެއްގައި ކުރިއަށްދާނަމަ ދާންވާނީ ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތައް ފުރިހަމަ އަށް ގަބޫލުކުރައްވައިގެން ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ޕާޓީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވާ ކަމަށާއި އެބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ވިޕް ލައިނާ ހިލާފުވީމަ ފުރަތަމަ ނަސޭހަތް. ދެން ނަސޭހަތާއި އެކު މާފަށް އެދުމުގެ ފުރުސަތެއް. ދެން ޕާޓީގައި ހުންނަ ބައެއް އިނާޔަތްތައް ކަނޑާނެ. ދެން އެއް އަހަރު ވަންދެން ޕާޓީގެ މަގާމުތަކާއި އިންތިހާބުތަކަށް ކުރިމަތި ނުލެވޭ ގޮތް ހަދާނެ. މިފަދަ ފިޔަވަޅުތަކަކަށް ފަހު އެންމެ ފަހުން ވަކިކުރުމާ ހަމައަށް މިދަނީ،" ވިޕް ލައިނާ ހިލާފުވުމުން އަޅާނެ ފިޔަވަޅުތައް ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން މަޖިލިސް މެންބަރުންނަށް އާންމު ގޮތެއްގައި ފިޔަވަޅު އަޅަނީ ތްރީލައިން ވިޕާ ހިލާފުވުމުންނެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ދަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އެޅުމުގެ އުސޫލުތައް އިސްލާހުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޓޫ ލައިން ވިޕާ ހިލާފު ވުމުންވެސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މިހާރު ގަބޫލުކުރެއްވޭ ކަމަށެވެ.

"ވިޕްލައިނާ ހިލާފުވުމުން އަޅާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން. މިކަމާ ގުޅިގެން ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާ މިދަނީ މަޝްވަރާ ވެސް ކުރެވެމުން. މިއީ އެމްޑީޕީ ޕީޖީގެ ގަވައިދަށް ގެނެވޭ އިސްލާހެއް،" އަސްލަމް ވިދާޅުވި އެވެ.