ދި ވެހިންނަށް އެންމެ ކަމުދާ ރަހަތައް ހިމަނައިގެން މާލޭގައި ވިންޓޭޖްގެ ދެވަނަ ރެސްޓޯރެންޓެއް ހުޅުވައިފި އެވެ. މިތަން ހުޅުވާފައިވަނީ ހ. ފަތްކުރީގަ އެވެ.
ވިންޓޭޖް ކެފޭ އަށްފަހު ވިންޓޭޖް ގާޑަން ހުޅުވާފައި ވަނީ ދިވެހި ޒުވާންނުންގެ ރަހަތަކަށް ހާއްސަކޮށްގެން ވަރަށް ގިނަ ގައުމުތަކެއްގެ ކެއުންތައް ތަޖުރިބާކޮށްލަން ލިބޭ ގޮތަށެވެ.
ވިންޓޭޖް ގާޑަންގެ ވެރިޔާ ހުސައިން އިސްމާއިލް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ރެސްޓޯރެންޓް އެހެން ރެސްޓޯރެންޓް ތަކާއި ތަފާތު ވަނީ ހުރިހާ ރަހަތަކެއް އެއްތަނަކުން އެއްފުރާޅެއްގެ ދަށުން ލިބޭތީ ކަމަށެވެ.
"މިތަނުގެ ކެއުންތައް ތައްޔާރުކޮށްފައި ހުންނާނީ މިކްސް ކުޒީން އެއް ގޮތަށް. އިންޑިއަން ފުޑް ލިބޭނެ. ޗައިނީސް ފުޑް އަދި ތައި ފުޑް ވެސް ލިބޭނެ. ދެން ހަމަ ވެސްޓާން ފުޑްއާ މޯލްޑިވިއަން ފުޑްވެސް ލިބޭނެ،" ވިންޓޭޖް ގާޑަން ތަފާތުވާ ސަބަބުތައް ހިއްސާކުރައްވަމުން ހުސައިން ވިދާޅުވި އެވެ.
މި ރެސްޓޯރެންޓްގެ ތިރީ ބައި ކޮފީ ބޯން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހަދާފައިވާއިރު ފުރަތަމަ ފަންގިފިލާއިން ފާހަގަ ކުރެވެނީ ރެސްޓޯރެންޓްގެ ނަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެވެ.
ބަގީޗާއެއްގެ އިހުސާސް ކަސްޓަމަރުންނަށް ގެނެސް ދިނުމުގެ ގޮތުން ޑެކަރޭޝަން ތަކުގައި ގަސް ބޭނުންކޮށްފައިވެ އެވެ. ކަސްޓަމަރުންނަށް ގުދުރަތީ މާހައުލެއްގައި ތިބެގެން ކެއުމަށް އިންސާފުކޮށްލެވޭ ކަހަލަ އިހުސާސެއް ގެނެސްދިނުމަކީ ރެސްޓޯރެންޓް ހިންގާ ފަރާތުން އެންމެ ބޭނުންވާ ގޮތެވެ.
"ފުރަތަމަ ފްލޯގައި އިންނާނެ އޯޕަން އޭރިއާއެއް ފައިން ޑައިންއަށް ހާއްސަ. ދެން އިންނާނީ ވަރަށް ބޮޑަށް ޖަންގަލް ސްޓައިލްއަށް ހަދާފައި ހުރި ތަނެއް،" ހުސައިން ވިދާޅުވި އެވެ.
ގަސް ގިނަކޮށް ޖަންގައްޔެއް ގޮތަށް ހަދާފައިވާ ބަޔަކީ އެހެން މީހުންނާ ވަކިން، އެކަހެރި މާހައުލެއްގައި މީހުންނާ ބައްދަލުކޮށް މަޝްވަރާކޮށްލުމަށް ވަރަށް ހިތްފަސޭހަ ތަނެކެވެ. މިފަދަ ގޮތަކަށް ވަކި ސަރަހައްދެއް ހަދަން ބޭނުންވީ މޫނުބުރުގާ އަޅާ މީހުންނަށް އެ މީހުން ބޭނުންވާ "ޕްރައިވެސީ" ހޯދައިދިނުމަށް ކަމަށް ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ ބައްދަލުވާ އެފަދަ ބައެއް ބޭފުޅުންގެ ވަރަށް ބޮޑު އެދުމެއް އެއީ ތަންކޮޅެއް އެކަހެރިކޮށް ތިބެވޭނެ ގޮތަށް ތަނެއް ފަރުމާކޮށްދިނުން،" ހުސައިން ވިދާޅުވި އެވެ.
ހުސައިންގެ އަމާޒަކީ ރެސްޓޯރަންޓް ވިޔަފާރީގައި ފާހަގަކުރެވޭ ބޮޑެތި ފްރެންޗައިޒްތައް ފަދައިން ވިންޓޭޖްގެ އިތުރު ރެސްޓޯރަންޓް ތަކެއްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުޅުވުމެވެ.
ހުޅުމާލޭގައި ވިންޓޭޖްގެ ރެސްޓޯރެންޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެެ. އުއްމީދަކީ ކުރިއަށް އޮތް ޖެނުއަރީ މަހު އެ މަސައްކަތް ފެށުމަށްފަހު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހުޅުމާލޭގައި ރެސްޓޯރަންޓް ހުޅުވުން ކަމުގައިވެސް ވިދާޅުވި އެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ ދެ ސަރަހައްދެއްގައިވެސް ވިންޓޭޖްގެ ދެ ރެސްޓޯރަންޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.