މިހާރަކު ހަވީރު 6:00 ގެ ފަހުން އެއްގަމު އުޅަނދަކަށް ނުދުއްވެ އެވެ. މި ފިޔަވަޅު އެޅީ ކޮވިޑް-19 ގެ ބަލި ފެތުރުމުގެ ބިރު މާ ބޮޑުވެގެން ކަމަށް ބުނެ އެވެ. އަދި އެއޫ ކޮވިޑް-19 އިގެ ނަމްބަރުތައް މަތިވަމުން ދިއުމާއެކު، މީހުން އެއްވެ އުޅުން މަދު ކުރަން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ. އެހެންވެ އިރުއޮއްސި 6:00 ގެ ފަހުން ދުއްވުން މަނާކޮށް، 8:00 ގެ ފަހުން ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓުތައް ވަނީ ބަންދު ކުރަން ފަށާފަ އެވެ. އެ ވިޔަފާރިތައް ބަންދު ކުރިއަސް މަގުމަތިން އެންމެ މީހަކު ވެސް މަދެއް ނުވެ އެވެ.
ފޯނު ފިހާރަތައް އޮންނަނީ ފުރިފަ އެވެ. ފޮތި ފިހާރަތަކުގައި އެވަރަށް މީހުން އޮވެ އެވެ. މަގުމަތީގެ ހަލަބޮލިކަން ވަކިން ކުޑައެއް ނޫނެވެ. އެހެންވެ ކެއިން ބުއިމުގެ ހިދުމަތް ދޭ މީހުން ގަބޫލުކުރާ ގޮތުގައި ހަމައެކަނި އެ ވިޔަފާރިތަކަށް ތަންފީޒު ކުރާ މި ގަވައިދުގެ ސަބަބުން ދަނީ ބޮޑު ވިޔަފާރި ގެއްލުމެއް ވަމުންނެވެ. ކޮވިޑްގެ "ޕޮޒިޓިވް" ގައި ޖެހި މި ވިޔަފާރިތައް މިވަނީ ވެންޓިލޭޓަރަށް ވެއްޓިފަ އެވެ.
"ހީވަނީ އަޅުގަނޑުމެން މި ވިޔަފާރިތަކުން އެކަނި ހެން މި ބަލި ފެތުރެނީ. ކެފޭ، ރެސްޓޯރެންޓު ބަންދު ކުރިއަސް މީހުން އެއްވެސް އުޅުން މަދެއް ނުވޭ. ފިހާރަތަކުގެ ބޭރުގައި ވަދެވޭނީ މީހުންގެ އަދަދު ލިޔެފައި ހުއްޓަސް އެއަކަށް ނުބަލަ، ހިތަށް އެރި ވަރަކަށް ވައްދައިގެން ވިޔަފާރި ކުރަނީ. އެކަމަކު ފިޔަވަޅު މި އަޅަނީ މި ވިޔަފާރިތަކަށް،" ޗާންދަނީ މަގުގައި ހިންގާ، ވެލާރަސް ޓޭސްޓުގެ ވެރިޔާ ވިދާޅުވި އެވެ.
އިގްތިސޯދީ ޗެއިން ރޫޅިގެންދާނެ ކަމެއް
ކެއިން ބުއިމުގެ ހިދުމަތްދޭ މި ސިނާއަތުގައި ބިދޭސީ މުވައްޒަފުން ގިނަ ނަމަވެސް މި ތަންތަނުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރެ އެވެ. މި ދާއިރާއަށް އަލަށް ނުކުމެ ވޭޓަރުންގެ ގޮތުގައި ދިވެހިން ހިދުމަތް ދޭތަން ވެސް މިހާރު ފެންނަމުންދެ އެވެ. މި ސިނާއަތުގައި މާލެ ސަރަހައްދުގައި އެކަނި 1،400 އަށް ވުރެ ގިނަ ތަންތަން ހިންގަ އެވެ. ރިސޯޓްތަކުގައި ހުރި ރެސްޓޯރެންޓުތައް ނުލައި ބެލި ނަމަވެސް މުޅި ރާއްޖޭގައި ހުރި ހޮޓާ / ކެފޭ އަދި ރެސްޓޯރެންޓާއި ފުޑް ކައުންޓަރުތަކުގެ އަދަދު 2،600 އަށް ވުރެ ގިނަ އެވެ. މި ސިނާއަތުން ދުވާލެއްގެ މައްޗަށް ބާޒާރުން 6،000ރ. އާއި 8،000ރ. ގެ ވިޔަފާރިއެއް ކުރެ އެވެ.
އަންދާޒާއަކީ އާއްމު ގޮތެއްގައި ހިންގޭ ދުވަސްވަރެއްގައިނަމަ، ތިން މިލއަނެއްހާ ރުފިޔާގެ ވިޔަފާރި ހަމައެކަނި މި ސިނާއަތުން ދުވާލެއްގެ މައްޗަށް އިގްތިސޯދުގެ ތެރޭގައި ދައުރު ކުރުމެވެ. އެކަމަކު މި ވިޔަފާރިތަކަށް ތަކުރާރުކޮށް އަންނަ "ކޮވިޑް ޕޮޒިޓިވް ދަތި" ކަމުގެ ސަބަބުން ވިޔަފާރި ހިންގުމުގެ ފޯރި ގެއްލި ވަނީ އެތައް ބަޔަކު މި ދާއިރާ އިން ނުކުމެގެން ދިއުމާ ކައިރިވެފަ އެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ އެއް ފައުންޑަރު ކަމަށްވާ އިބްރާހިމް އާމިރު ވިދާޅުވި ގޮތުގައި ސަރުކާރުން މި ވިޔަފާރިތަކަށް އެހީތެރި ކަމެއް ނުދީފިނަމަ އެއްކޮށް ހުއްޓިގެންދާނެ އެވެ.
"އެޗްޕީއޭގެ އުސޫލުތަކުގެ ސަބަބުން އެއްކޮށް ހަލާކު ވެއްޖެ. އަނެއް ކޮޅުން އެއްވެސް އެހީތެރިކަމެއް ނުލިބޭ. ބިދޭސީންގެ އިންޝުއަރެންސް މަތިވެއްޖެ. ބިދޭސީން ބައިތިއްބަން އަލަށް އަމަލު ކުރަން ފަށާ ގަވައިދުން އިތުރު ތަންތަން ހިފަން ޖެހޭ. ކޯޓާއަށް ގެންނަ ބަދަލުން ކޯޓާ ބޮޑު ވާނެ. ކަރަންޓު ބިލު މި އަންނަނީ ކޮމާޝަލް ރޭޓުގައި. މިކަން ބަދަލު ކުރަން ވެސް އެދެވުނު ވަރެއް ނޭނގެ. ބުނަނީ ގާނޫނެއް ބަދަލު ކުރާށޭ ޖެހޭނީ މިތަން ކޮށްދެންޏާ،" ސަލްސާ އާމިރު ވިދާޅުވި އެވެ.
"އެކަމަކު ސިޔާސީ މީހުން ކެމްޕޭނަށް ދާންވީމަ އުސޫލުތައް ބަދަލު ކުރެވޭ. ހަމަ ރަަށްރަކަށަށް ވެސް ދާންވީ. އެކަމަކު ސިޔާސީ ޕާޓީތަކުގެ ބަޖެޓަށް ފައިސާ ދޭން ތިބި މީހުން މީހުންނަށް މިކަން ހިންގޭނެ ގޮތެއް ނުދެއްކުނު." އޭނާ ވިދާޅުވި އެވެ.
މިހެން ވާނަމަ އިގްތިސޯދު ގުޑާނެ
މި ވިޔަފާރިއަށް އަންނަ ކޮންމެ ގުޑުމެއްގެ ރޯޅި މުޅި އިގްތިސޯދަށް ކުރާނެ އެވެ. އިގްތިސޯދު ހަމައެކަނި ގުޑާނީ ޓޫރިޒަމަށް އަންނަ ލޮޅުންތަކުން އެކަންޏެއް ވެސް ނޫނެވެ. މި ވިޔަފާރިތަކަކީ އެންމެ ގިނައިން ދައުލަތަށް ޖީއެސްޓީގެ އާމްދަނީ ވައްދާ ވިޔަފާރި ތަކެވެ. އަދި މިއީ ކުދި މެދުފަންތީގެ ގިނަ މަސައްކަތްތެރިންގެ އާމްދަނީއާ އެންމެ ގުޅިފައިވާ ވިޔަފަރިތަކެވެ.
ދަނޑުވެރިންގެ ތަކެތި ވިއްކޭނީ މި ވިޔަފާރިތައް ހިންގިގެންނެވެ. މަސްވެރިންނަށް މަސް ވިއްކޭނީ މި ތަންތަން ހުޅުވާނަމަ އެވެ. ދުފާ ތަކެތި ބަންދުކޮށް ތައްޔާރު ކުރާ މީހުންގެ މަސައްކަތް ބިނާވެފައިވަނީ މި ތަންތަނުގެ ވިޔަފާރި އަށެވެ. ރޮށި ފިހާ އަންހެން މީހާގެ މަސައްކަތާ ވެސް މި ތަންތަން ދެމި އޮތުން އޮތީ އިންތިހާއަށް ގުޅިލާމެހިފަ އެވެ. އަދި މި ހުރިހާކަމެއް ގުޅިގެން އައިސް ވަށާ ޖެހެނީ ދައުލަތަށް ލިބޭ އާމްދަނީ އާ އެވެ.
ރާއްޖޭގެ ހުރިހާ ސިނާއަތްތަކަށް ވުރެ މި ސިނާއަތުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މައްޗެވެ. އެހެންވެ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހިންގޭނެ ގޮތެއް ނުދެއްކިއްޖެނަމަ އާމްދަނީގެ ހީނަރު ކަމެއް ފެންނަން ފަށާނެ އެވެ.
މި ވިޔަފާރިތަކަށް ވަމުންދާ ގެއްލުމާމެދު އަޑު އުފުލަން ފުރަތަމަ ނުކުތީ ރޭމް އިސްވެ އޮވެގެނެވެ. އެކަމަކު ރޭމަށް އެކަން ނުވެގެން "އަމާން" ދީ ހަތިޔާރު ބެހެއްޓި އެވެ. އޭގެ ފަހުން އެހެން ބަޔަކު ގުޅިގެން ނުކުތެވެ. ނުވި އެވެ. އެހެންވެ މިހާރު އަނެއްކާ މި ވަނީ ކެއިން ބުއިމުގެ ވިޔަފާރި ކުރާ ހުރިހާ ފަރާތްތައް ގުޅިގެން އަލުން އެތުރެން ފަށާފަ އެވެ.
މަސައްކަތުގައި އުޅުއްވާ، އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މި ވިޔަފާރިތަކުގެ އާމްދަނީގެ 70 ޕަސެންޓު ވެސް މިހާރު ނުލިބެ އެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި މި ތަންތަން ސަލާމަތްކޮށް އިގްތިސޯދު ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ އެތަށް ބަޔަކު ހާލުގަ ޖެހިގެންދާނެ އެވެ.
ރެސްޓޯރެންޓުތައް ތަޅު އެޅުވުމާ ހަމައަށް
އެޗްޕީއޭގެ ފިޔަވަޅުތަކުން ގެއްލުވެ، ކުރިއަށް އޮތް ރޯދަ މަހު މި ވިޔަފާރިތަކުގެ 50 ޕަސެންޓް ހުއްޓުމުގެ ބިރު އެބައޮތެވެ. އެހެންވެ މި ކަން ހައްލު ކުރެވޭތޯ "ހޮޓާ ކެފޭ ރެސްޓޯރެންޓް އަދި ކޮވިޑް" ގެ ނަމުގައި ވަނީ ގްރޫޕެއް ހަދައި އިހުތިޖާޖު ކުރަން ތައްޔާރުވެފަ އެވެ.
މިހާތަނަށް މިކަމުގައި 70 އަށްވުރެ ގިނަ ވިޔަފާރިވަނީ ބައިވެރިވެފަ އެވެ.
އެކަކު ބުނި ގޮތުގައި މިހާރު ހުޅުވާފަ ބަހައްޓާގޮތަށް ތިބުމަށްވުރެ ބަންދު ކުރުން މާރަނގަޅެވެ.
"އެހެންވެ މި ތައްޔާރު ވަނީ ބަންދު ކުރަން. އެކަމުގައި މިހާރު ވެސް ގިނަ ބަޔަކު ބައިވެރިވެއްޖެ."
ކޮވިޑް-19 ބަލި ރާއްޖޭން ފެނުނު ފަހުން މުޅި ގައުމު ބަންދުކޮށް ހުޅުވާލުމުން މި ވިޔަފާރިތައް ބޯ ހިއްލާލަން ފުރުސަތު ލިބުނު ނަމަވެސް އަނެއްކާ ވެސް ބޮލުގައި އަޅާ މި ވިޔަފާރި ކަންބާލާފަ އެވެ.