ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

މާލޭން ބިދޭސީން "ހޮވާލައިގެން" ރިސޯޓަށް، މިވަނީ ކިހިނެއް؟

ނަޒީރު އަލީ (އަސްލު ނަމެއް ނޫން) މާލޭ ބޮޑު ތަކުރުފާނު މަގުގައި ޓޭކްއަވޭއެއް ހިންގާތާ ލައްކަ ޒަމާން ވެއްޖެ އެވެ. އެތަނުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް މަސައްކަތް ކުރެ އެވެ. އެކަމަކު މިއަދު މިތަނަށް ކުރިމަތިވެފައިވާ މައްސަލައަކީ ބޭނުންވާ މުވައްޒަފުން ނުލިބުމެވެ. ބަދިގޭގައި މަސައްކަތް ކުރަން "ކިޗަން ހެލްޕަރެއް" ހޯދަން 9،000ރ. ގެ މުސާރައެއް ދޭން އިއުލާނު ކުރުމުން ވެސް އަންނާނެ މީހަކު ނުވި އެވެ. ކޮވިޑް-19 އަށްފަހު އިގްތިސޯދު އަލުން ފަށައިގެންފައިވާއިރު ފުޑް އިންޑަސްޓްރީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިއެވެ. ބޭނުންވާ މުވައްޒަފުން ހޯދުން ދަތިވެ، އަދި ތިބި މުވައްޒަފުން ދަނީ ރިސޯޓު ތަކަށް "ކަހާލަމުން"ނެވެ.

މިއަދު، ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހާ ގެއްލުމަށްފަހު ހޯދަމުން ދާއިރު ފެންނަނީ ބޮޑު ރިސޯޓަކުންނެވެ. މިކަމާ ހުރެ ގިނަ ރެސްޓޯރެންޓް/ ކެފޭތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ. ކުއްލިއަކަށް މިވަނީ ކިހިނެއް ހެއްޔެވެ؟ މިއީ ކޮން ބަޔަކު ކުރާ ކަމެއް ހެއްޔެވެ؟

"މިހާރު މިއީ ބޮޑު ވެއްޖެ މައްސަލައެއް. މާލޭގެ ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރާ ބިދޭސީން ކަހާލައިގެން ރިސޯޓުތަކަށް ދަނީ ގެންދަމުން. މިކަމުގެ ސަބަބުން ރެސްޓޯރެންޓުތަކުގައި މިހާރު މުވައްޒަފުންނެއް ނުތިބޭ. ބައެއް ތަންތަން އެދަނީ ބަންދު ކުރަމުން." މާލޭގެ އެންމެ ބޮޑު އެއް ރެސްޓޯރެންޓުގެ ވެރިޔާ އޭނާ އަށް ކުރިމަތިވެފައިވާ މި މައްސަލަ ކިޔައިދިނެވެ.

ރާއްޖޭގެ ފުޑް އިންޑަސްޓްރީ އެތުރިފައި އޮތްގޮތުން ހަމައެކަނި ދިވެހިން ލައިގެން މި ހިދުމަތް ދެވޭނެ ގޮތެއް އަދި ނެތެވެ. މިހާތަނަށް މިދާއިރާ އަށް ތަމްރީން ވެފައި ތިބި ދިވެހިން ނެތުމުގެ އިތުރުން ހަގީގަތަކީ ސާވިސް އިންޑަސްޓްރީއެއްގައި ހިދުމަތް ކުރަން ބަރޯސާވެވޭ ވަރަށް ގިނަ ދިވެހިންގެ ސިކުނޑި ވެސް މިކަމަށް ތައްޔާރު ކޮށްދެވިފައި ނެތުމެވެ. މިކަމަށް އެކަށީގެންވާ މަސައްކަތު "ޕޫލެއް" ރާއްޖެއަކު ނެތެވެ. އެހެންވެ ގިނަ ތަންތަނުގައި މަސައްކަތް ކުރަނީ ބިދޭސީންނެވެ. ހާއްސަކޮށް ވޭޓަރުންނާއި ބަދިގެ ހެލްޕަރުން އަދި ސާފު ކުރާ މީހުންގެ ގޮތުގައި ގިނައިން ތިބީ އެ މީހުންނެވެ. މީގެތެރޭގައި ގިނައީ އަވަަށްޓެރި ގައުމުތަކުގެ ރައްޔިތުންނެވެ. ހާއްސަކޮށް ބަންގްލަދޭޝް މީހުންނެވެ. ނަމަވެސް އެ ގައުމުން މިހާރު މަސައްކަތު މީހުން ރާއްޖެ ނުގެނެވޭއިރު މާލޭގައި ތިބި މީހުންގެ ޑިމާންޑް މިވަނީ "ބޮޑު ވިޔަފާރި" އެއްގެ ގޮތުގައި އުފުލާލާފަ އެވެ.

މާލޭގެ ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރާ ބިދޭސީން ކަހާލައިގެން ރިސޯޓުތަކަށް ދަނީ ގެންދަމުން. މިކަމުގެ ސަބަބުން ރެސްޓޯރެންޓުތަކުގައި މިހާރު މުވައްޒަފުންނެއް ނުތިބޭ. ބައެއް ތަންތަން އެދަނީ ބަންދު ކުރަމުން
މާލޭގެ ބޮޑު ރެސްޓޯރެންޓެއްގެ ވެރިއެއް

މުވައްޒަފުން "ހޮވަން" ބިދޭސީ އެޖެންޓުން ތަކެއް!

މިކަން ކުރަނީ ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓުތަކުންނެވެ. އަވަސް އިން ބެލިބެލުމުން އެނގުނު ގޮތުގައި މިކަމުގެ އަޑީގައި ދިވެހިންގެ ބަޔަކު ހަރަކާތްތެރިވެ އެވެ. އަދި އެކަމަށް ބާރުދޭ ބައެއް ޑޮކިއުމެންޓްތައް ވެސް އަވަސް އަށް ލިބިފައިވެ އެވެ. ބިދޭސީ އެޖެންޓުން ތަކެއް ބިދޭސީން ހޯދުމުގައި މާލޭގައި ހަރަކާތެރިވެ އެވެ. މާލޭގެ ރެސްޓޯރެންޓުތަކުގައި ތިބި ބިދޭސީ މުވައްޒަފުން "ހޭންޑް ޕިކްކޮށް" ނަގަނީ މި މީހުންނެވެ. މީގެން ކޮންމެ މީހެއްގެ ބޮލަަށް "ކަޓެއް" ލާފައި މި މީހުން ރިސޯޓު ތަކަށް ފުރުވާލަ އެވެ. މިކަން މިގޮތަށް ކުރާއިރު ރެސްޓޯރެންޓުތަކުގައި ގަވައިދުން ތިބި ގިނަ ބަޔަކު ވެސް މިގޮތަށް "އުފުރާލައިގެން" ދަނީ ގެންދަމުންނެވެ.

ރާއްޖޭގައި ފުޅާކޮށް ކޭޓަރިންގެ ހިދުމަތްދޭ ބުރުޒުން ވާހަކަ ދެއްކެވި އިސްވެރިއަކު ވިދާޅުވި ގޮތުގައި ގިނަ ރެސްޓޯރެންޓް / ކެފޭތަކުގައި ތިބި މުވައްޒަފުން "ކަހާލައިގެން" ރިސޯޓު ތަކަށް ދަނީ ގެންދަމުންނެވެ. އެހެންވެ މިކަން ސަރުކާރުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިސާ އާއި އެކޮމަޑޭޝަން ދީގެން ގަވައިދުން ގެންގުޅޭ މީހުން ވެސް ހޮވާލައިގެން އެބަ ގެންދޭ. ރިސޯޓު ތަކުން މި ކިޔަނީ އަޅުގަނޑުމެންނަށް ވުރެ ބޮޑު މުސާރައެއް. ކިޔާފަ ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި ގެންދަނީ،" ބުރުޒު ކޭޓަރިން އިން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.

ސާވިސް ޗާޖުން ރެކެން ޖަހާ މަޅިއެއް

އަވަސް އަށް އެނގިފައިވާ ގޮތުގައި މާލެ ތެރޭގައި އުޅޭ ބިދެސީ އެޖެންޓުން މިކަން ކުރަނީ ދިވެހިންގެ ނަމުގައިވާ "ރެކްރޫޓްމަންޓް" ކުންފުނިތަކެއް މެދުވެރިކޮށެވެ. ބައެއް ރިސޯޓު ތަކުން ވަނީ މިފަދަ މީހުންނާއެކު ކޮންޓްރެކްޓް ހަދާފަ އެވެ. މި ކޮންޓްރެކްޓުގެ ބޭނުމަކީ "ސާވިސް ޗާޖު ނުދީ" ރިސޯޓުތައް ސަލާމަތްވުމެވެ.

ސާވިސް ޗާޖު ގާނޫނު އޮތްގޮތުން ކޮންޓްރެކްޓް ސްޓާފުންނަށް މި އިނާޔަތް ނުދީ ގެންގުޅެވިދާނެ އެވެ. މީގެ ފައިދާ ނަގައި ބައެއް ރިސޯޓު ތަކަށް ބިދޭސީން ވަނީ ނަގާފަ އެވެ. މި ބިދޭސީން ގެންދަނީ މާލެ ތެރެއިން ހޮވާލައިގެންނެވެ. ދިވެހިންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި މާލެ ތެރެއިން މީހުން ނަގައިގެން ބައެއް ރިސޯޓު ތަކުން ދަނީ ހިދުމަތް ދެމުންނެވެ.

މާލޭގެ ރެސްޓޯރެންޓަކުން 8،000ރ. ގެ މުސާރައެއް ދޭ ބިދޭސީ މީހާ ގެންގޮސް ރިސޯޓުން ދެނީ 7500ރ. ނޫނީ 6،500ރ. ގެ މުސާރަ އެކެވެ. ނަމަވެސް އެ މީހާ އަށް މުސާރަ ދެނީ ޑޮލަރުންނެވެ. މީގެ އިތުރުން އެކޮމޮޑޭޝަން އާއި ފުޑް ދެ އެވެ. އެހެންވެ އެ މީހުންނަށް މީގެ ފައިދާ ބޮޑުވެ އެވެ.

"މާލޭގައި މަސައްކަތް ކުރާއިރު 8،000ރ، ދިނަސް އެ މީހުން [ބިދޭސީން] ޖެހޭނެ އެކޮމިޑޭޝަނަށް ދޭން. އަނެއްކާ މާލޭގައި ރުފިޔާ އިން މުސާރަ ދޭނީ. އެމީހުން ޖެހޭ ޑޮލަރު ގަންނަން. އެެހެންވީމަ މިތަންކޮޅު [މާލެ ތެރެއިން] ނަގައިގެން މިކަން މި ހިންގަނީ. އެ މީހުން [ބިދޭސީން] ގެންދަން ނުބަލާ ވަކި ވަޒީފާއެއް. މާލޭގައި ވޭޓަރަކަށް އުޅޭ މީހުން އެބަތިބި ސާފު ކުރަން ގެންގޮސްފަ ވެސް،" ބޮޑު އެހެން ރެސްޓޯރެންޓެއްގެ ވެރިއަކު ބުންޏެވެ.

ދިވެހިންނަށް ވަޒީފާ ނުދީ ސަލާމަތްވޭ!

ބިދޭސީން ގެންދަން ގިނައިން އުޅެނީ އިންޑިއާ މީހުންނެވެ. މި މީހުންނަކީ ރާއްޖޭގެ ރިސޯޓުތަކުގެ އެޗްއާރު މެނޭޖުމަންޓާ ރަހުމަތްތެރި މީހުންނެވެ. މިގޮތަށް ބިދޭސީން ގެންދާ އެޖެންޓުންނަށް ކޮންމެ މީހެއްގެ ބޮލަކަށް އެވްރެޖުކޮށް މަހަކު 300 ޑޮލަރު ވަރު ލިބެ އެވެ. އެގޮތަށް ގެންދާ ބިދޭސީ މީހާ ގެންދިއުމުން ރިސޯޓުތަކުގެ އެޗްއާރުގައި ތިބޭ ބިދޭސީންނަށް ވެސް ކަޓެއް ދެ އެވެ. އެނގިފައިވާ ގޮތުގައި މިގޮތަށް ބިދޭސީން ގެންދަން ބައެއް އެޗްއާރު ހެޑުން ވަނީ ކުންފުނިތައް ވެސް ހަދާފަ އެވެ.

މީހުން ގެންދިއުމުގެ މަސައްކަތް ކުރަނީ މާލޭގައި ތިބި އެ މީހުންގެ ރަހުމަތްތެރިންނެވެ. މިކަން ކުރަނީ ދިވެހިންނަށް ވަޒީފާ ނުދީ ސާވިސް ޗާޖުން ރެކޭށެވެ.

"މިގޮތަށް ކޮންޓްރެކްޓް ސްޓާފުން ނެގީމަ ރިސޯޓަށް ސާވިސް ޗާޖު ސަލާމަތް ކޮށްލެވޭ. ސާވިސް ޗާޖު ނެގިޔަސް އެ މީހުން [ރިސޯޓްތަކުން] އެ ބޭނުން ކުރަން ފުރުސަތު ލިބޭ. އެހެންވެ މިކަން ކުރަނީ. މިހާރު ރިސޯޓުތައް ހުޅުވަމުންދާއިރު މުވައްޒަފުންނަށް ދިވެހިން ނުހޯދަން ކުރާކަމެއް މިއީ،"

ސާވިސް ޗާޖުން ސަލާމަތްވާން ކުރާ މި މަސައްކަތްތާއެކު ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް މިވަނީ ބެލެވެން ފަށާފަ އެވެ. ސަބަބަކީ ފުޑް އިންސްޑްޓްރީ އަކީ އިގްތިސޯދުގައި މުހިންމު ރޯލެއް ކުޅޭ ބަޔަކަށްވުމެވެ. އެހެންވެ މީހުން ނުލިބުމުގެ މައްސަލަ ކުރިމަތިވެ ގިނަ ފުޑް އައުޓްލެޓްތަކެއް ބަންދު ކުރަން ޖެހޭ ހިސާބަށް މިކަން ދިއުމުގެ ކުރިން އަވަސް ފިޔަވަޅު އަޅަން ޖެހެ އެވެ.