ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ތިން އަހަރު ކުރިން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއްގެ ވައުދާ އެކީ އެވެ. ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެއްވެސް ފަރުދަކު ބާކީ ނުކުރައްވާނެ ކަމުގެ ޔަގީންކަމާ އެކީ އެވެ. ތައުލީމާއި ސިއްހަތު އަދި ތިމާވެށީގެ ދާއިރާގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. ވެރިކަމުގެ ފުރަތަމަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ތަރައްގީގެ އެތައް މަޝްރޫއެއް މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ބާރު ސްޕީޑްގައި ފެށިގެން ދިޔަ އެވެ.
ރައްޔިތުން އެދި އެދި ތިބި ހެޔޮ ބަދަލު ފެންނަން ފެށި އެވެ. ނަމަވެސް ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ދެ އަހަރުވެސް ނުވާނެ އެވެ. މުޅި ދުނިޔެއަށް ބިންދައިލި ކޮވިޑް-19 ގެ ބަލާއާފާތް ރާއްޖެއަށް ވެސް ލައްވައިލީ އެވެ. ހުރިހާ މަޝްރޫއަކާއި މަސައްކަތެއް ހުއްޓާލައިފައި ސަރުކާރުން މަސައްކަތް ކުރަން ޖެހުނީ ނުވެސް ވިސްނާތިއްބައި ކުއްލިއަކަށް ކުރިމަތިވި މުސީބާތުން އަރައިގަތުމަށެވެ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެތައް ފިޔަވަޅެއް އަޅަން ޖެހުނެވެ. އިގްތިސޯދު ހުއްޓުނުއިރު ކޮވިޑަށް ބިލިއަނުން ހަރަދުކުރަން ޖެހުނެވެ. ސަރުކާރަށް ކުރިމަތިލާންޖެހުނީ މުޅިން އާ އިމްތިހާނަކާ އެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން އެތައް ފިޔަވަޅުތަކެއް އަޅި އެވެ. މުޅި ގައުމު ބަންދުކޮށް، ރައްޔިތުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓުވަން މަޖުބޫރުވީ އެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިނދަ ޖެހުނެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހި، ޓޫރިޒަމަށް ހުޅުވިފައި އޮތް ދޮރު މަޖުބޫރުން ބަންދުކުރަން ޖެހުނެވެ. ވިޔަފާރިތައް ހާލުގައި ޖެހުނެވެ. ހާއްސަކޮށް ކުދި ވިޔަފާރިތައް ދިޔައީ މަރަށް ތެޅެމުންނެވެ. ރައްޔިތުންގެ ވަޒީފާތައް ގެއްލުނެވެ. ރާއްޖެ އޮތީ ފަހުގެ ތާރީހެއްގައި ދުވަހަކު ވެސް ނުދެކޭހާ ހާލުގައި ޖެހިފަ އެވެ.
ރައްޔިތުންގެ ފަރާތުން އަންނަމުން ދިޔަ ޕްރެޝަރާއި، ވިޔަފާރިތަކުގެ ޝަކުވާއާއި އަދިވެސް އެހެނިހެން ޕްރެޝަރުތަކާއެކީ މި ސަރުކާރުން ވަރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ހާލަތު މިހާރު މިވަނީ ރަގަޅު މިސްރާބަކަށް އަނބުރައިލާފަ އެވެ. ކަޅު އަނދިރި ދުވަސްތަކަކަށްފަހު އަލުން ގައުމު ޓޫރިޒަމަށް ހުޅުވައިލާ، ވިޔަފާރިތައް އަލުން ބަލުން ކޮޅަށް ޖަހަން ސަރުކާރަށް ވެވެން އޮތް ގޮތަކުން އަންނަނީ އެހީތެރިވަމުންނެވެ. އެގޮތުން ވަރަށް ރަގަޅަށް ކޮވިޑްގެ ކަންކަން އަންނަނީ މެނޭޖްކުރަމުންނެވެ.
މިއަހަރުގެ ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ކޮވިޑްގެ އެކި ކަންކަމަށް 3.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އޭގެތެރެއިން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. ފްރަންޓްލައިން އެލަވަންސް އަދި އެހެނިހެން މުވައްޒަފުންގެ ހަރަދަށް މި މުއްދަތުގެ ނިޔަލަށް ޖުމްލަ 160.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މެޑިކަލް ކޮންޒިއުމެބަލްސްއަށް 817 މިލިއަން ރުފިޔާ އަދި ކެޕިޓަލް އައިޓަމްސް އަދި އިންފްރާސްޓްރަކްޗާ އަށް 272.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން އޮޕަރޭޝަނަލް މަސައްކަތަށް 196.5 މިލިއަން ރުފިޔާ އަދި މަރާމާތުގެ ހަރަދަށް 23.9 މިލިއަން ރުފިޔާ މި ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. މިހުރިހާއެއް ހަރަދުކުރަން ޖެހުނީ ހަމަ ކުއްލިއަކަށެވެ. މިއީ މިގައުމަށް ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ވިސްނައިގެން ތިބި ކަމެއް ނޫނެވެ.
ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ އަމިއްލަ ފަރުދުންނާއި އަމިއްލަ ވިޔަފާރިތައް ނަގާ ކޮޅަށް ޖަހަން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 2.8 ބިލިއަން ރުފިޔާ މިކަމަށް ހަރަދުކުރި އެވެ. އެސްއެމްއީތަކަށް އެހީވުމަށް ސަރުކާރުން ލޯނު ދޫކުރަން ފެށުމުން ވިޔަފާރިތަކަށް އާ އުންމީދަކާއި ހިތްވަރެއް ލިބުނެވެ.
އެސްއެމްއީ ތަކަށް ދީފައިވާ އެހީ
- ބީއެމްއެލް ކޮވިޑް ރިކަވަރީ ލޯން: 709.2 މިލިއަން ރުފިޔާ
- އީއައިބީ ކޮވިޑް ރިކަވަރީ ލޯން ސްކީމް (ފޭސް އެކެއް): 354.2 މިލިއަން ރުފިޔާ
- އެސްޑީއެފްސީ ވިޑް ރިކަވަރީ ލޯން: 363.9 މިލިއަން ރުފިޔާ
- އިންކަމް ސަޕޯޓް އެލަވަންސް: 421 މިލިއަން ރުފިޔާ
- 2020 ވަނަ އަހަރުގެ ކަރަންޓު ބިލު ޑިސްކައުންޓް: 146.8 މިލިއަން ރުފިޔާ
- 2020 ވަނަ އަހަރުގެ ފެން ބިލު ޑިސްކައުންޓް: 25.9 މިލިއަން ރުފިޔާ
- 2021 ވަނަ އަހަރުގެ ކަރަންޓު ބިލު ޑިސްކައުންޓް: 51.2 މިލިއަން ރުފިޔާ
- 2021 ވަނަ އަހަރުގެ ފެން ބިލު ޑިސްކައުންޓް: 14.7 މިލިއަން ރުފިޔާ
ގައުމުގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް ވެސް ސަރުކާރަށް އެތައް ހަރަދުތަކެއް ކުރަން ޖެހުނެވެ. އެގޮތުން އިގްތިސޯދީ ކަންކަމުގައި ޖުލައި މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެރެއިން ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި އެކި އެކި ފަރާތްތަކަށް 1.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 420.9 މިލިއަން ރުފިޔާ އަދި ޔުޓިލިޓީ ޑިސްކައުންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 169 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ދީފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 17،864 އެޕްލިކޭޝަން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 11،797 އެޕްލިކޭޝަން އެޕްރޫވްކޮށް، 48.7 މިލިއަން ރުފިޔާ ސަރުކާރުން ދޫކުރި އެވެ. ދެވަނަ ފިޔަވަހީގައި 43،719 އެޕްލިކޭޝަން ލިބުނުއިރު 39،060 އެޕްލިކޭޝަން އެޕްރޫވްކޮށް 170.6 މިލިއަން ރުފިޔާ ދޫކުރި އެވެ. ތިންވަނަ ފިޔަވަހީގައި އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް އެދި ހުށަހަޅާފައި ވަނީ 46،067 އެޕްލިކޭޝަނެވެ. އޭގެތެރެއިން ސަރުކާރުން އެޕްރޫވްކުރީ 43،084 އެޕްލިކޭޝަނެވެ. ތިން ވަނަ ފިޔަވަހީގައި 201.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ކޮވިޑްގެ ރާޅު ބިންދައިލުމާއި ގުޅިގެން ސަރުކާރުން އެޅި އަނެއް ފިޔަވަޅަކީ އިކޮނޮމިކް ރެސްޕޮންސް ޕެކޭޖެއް އެކުލަވައިލުމެވެ. މި ޕެކޭޖްގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޖުމްލަ 1.7 ބިލިއަން ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.
އިކޮނޮމިކް ރެސްޕޮންސް ޕެކޭޖްގެ ދަށުން ފޯރުކޮށްދިން އެހީ
- ކޮވިޑް ރިކަވަރީ ލޯން ސްކީމް: 1.1 ބިލިއަން ރުފިޔާ
- އިންކަމް ސަޕޯޓް އެލަވަންސް: 22،945 މީހަކަށް، 420.9 މިލިއަން ރުފިޔާ
- ކަރަންޓު ބިލު ޑިސްކައުންޓް: 143 މިލިއަން ރުފިޔާ
- ފެން ބިލު ޑިސްކައުންޓް: 26 މިލިއަން ރުފިޔާ
އިކޮނޮމިކް ރެސްޕޮންސް ޕެކޭޖްގެ ދަށުން ސަރުކާރުން ވަނީ ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނު ވެސް ދޫކޮށްފަ އެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރި އެވެ. އިންޓްރެސްޓް ރޭޓް ހަ ޕަސެންޓާއެކު ދޫކުރި މި ލޯނު ފަސް އަހަރާ އަށް އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ލޯނު ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދާއިރާތަކާއި ރަށްތަކަށެވެ. އަދި މިހާރު ހިންގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ކެފޭ / ރެސްޓޯރެންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އިސްކަންދޭ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރު ސްކީމްތަކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާނެ މުއްދަތު މާޗް 2020 އިން ޑިސެމްބަރު 2020 ގެ ނިޔަލަށް ފަސްކޮށްދިނެވެ. ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރި ލޯނުތަކުގެ ފައިސާ ދައްކަން އޮތް މުއްދަތަަށް އިތުރު ހަ މަސް ދުވަހުގެ ގްރޭސް ޕީރިއެޑެއް ވެސް އިތުރުކޮށްދިނެވެ. އަދި ލޯނު ނަގައިފައިވާ މީހުންނަށް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ވެސް ސަރުކާރުން ފަހިކޮށްދިނެވެ.
ސަރުކާރުން ދޫކޮށްފައިވާ އިމާރާތްތަކާއި ބިމު ކުލި ނެގުން ވެސް ހުއްޓައިލި އެވެ. ކޮވިޑާ ގުޅިގެން ރައްޔިތުން ދަތި އުނދަގުލުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރަށް ދައްކަން ޖެހޭ މިފަދަ ކުލިތައް ދެއްކުން ފަސްކޮށްދިނެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށެގެން ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކަން ޖެހޭ ބިމު ކުލި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެއްކުމުގެ އިހުތިޔާރު ސަރުކާރުން ރައްޔިތުންނަށް ދިނެވެ. އަދި ފަސްކޮށްދިން ކުލި އެއް އަހަރަށް ބަހާލައިގެން އަނބުރާ ދެއްކުމަށެވެ. އަދި ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގައި އެއްވެސް ޖޫރިމަނާއެއް އަދި އިންޓްރެސްޓެއް ވެސް ނަގާފައެއްް ނުވެ އެވެ.
ޓެކްސް ދެއްކުމަށް ވެސް ލުއިދިން
ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ކޮވިޑްގެ ވަބާ އާއި ގުޅިގެން ސަރުކާރުން ވަނީ ލުއިތަކެއް ދީފަ އެވެ. އެގޮތުން އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ގޮތުން ދައްކަން ޖެހޭ ކޮމިޓްމެންޓް ޕޭމަންޓް ވަނީ ޓެކްސްގެ ގޮތުގައި ނުދައްކާ ފައިސާގެ ވަކި ޕަސެންޓަކަށް ކުޑަ ކޮށްދީފަ އެވެ. އެގޮތުން 50 ޕަސެންޓުން ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދަށް ވަނީ ކުޑަކޮށްދީފަ އެވެ. ޓެކްސް ފައިސާ 26 މަހުގެ މުއްދަތަކަށް އިންސްޓޯލްމެންޓަށް ދެއްކޭނެ އެވެ. ބޭނުންނަމަ މިހާރު ހިނގަމުންދާ އިންސްޓޯލްމެންޓް ރިޝެޑިއުލް ކުރެވޭނެ އެވެ. ޓެކުހާ ގުޅޭ ޖޫރިމަނާ ނުދެއްކޭނަމަ އެކަމަށް ވެސް ލުއި ގޮތްތަކެއް ސަރުކާރުން ހޯދައިދިނެވެ. އެގޮތުން ޖޫރިމަނާ ފައިސާ ދައްކަން ދަތިވާނަމަ ޓެކްސް ދެއްކުމަށް އިންސްޓޯލްމެންޓް އެގްރިމެންޓަކަށް އައުމާއެކީ އެއްކަލަ ޖޫރިމަނާ ފައިސާ މާފުކޮށްދޭނެ އެވެ. އަދި އިންސްޓޯލްމެންޓް އެގްރިމެންޓަކަށް އައުމާއިއެކު ޓެކްސް ކްލިއަރެންސް ވެސް ދޫކުރާނެ އެވެ. ސަރުކާރުން ބުނި ގޮތުގައި މި ލުއިތައް ދިނުމަށް ހަމަޖެހިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނެ އުސޫލެއްގެ ދަށުން ކަމަށެވެ.
އެތައް ހަރަދެއް ދައުލަތުގެ ބަޖެޓުންނާއި އެކުވެރި ގައުމުތަކުގެ އެހީތެރިކަމާއިއެކު ކޮށް، ސަރުކާރުން އަންނަނީ ކޮވިޑް މެނޭޖްކުރުމަށް ބުރަ އަދި ރަގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ގައުމެއް ބޮޑު ބަލިމަޑުކަމަކުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ގޮތްތަކެއް މި ސަރުކާރުން ހޯދި އެވެ. ހުރިހާ ތަރައްގީގެ މަޝްރޫއެއްގެ ދުވެލި މަޑުޖައްސައިލުމަށްފަހު މި ބަލިމަޑުކަމުން ސަލާމަތްވުމަށް އަތުކުރި އޮޅާލައިގެން ނުކުމެ އެތައް ގުރުބާނީއެއް ވަނީ ވެފަ އެވެ. މިއީ ރައީސް ސޯލިހުގެ ހިތްތިރިކަމާއި އަދި ކެތްތެރިކަން ސާފުކޮށް ފެންނަން އޮތް ކަމެކެވެ. އެމަނިކުފާނަކީ ކުރިމަތިވާ ކޮންމެ އަޑިގުޑަންގަނޑަކާއި އަދި ގޮންޖެހުމަކާ ކެރިގެން ކުރިމަތިލާން ކެރޭނެ ބޭފުޅެއްކަން ހާމަވެގެން ދިޔަ އެވެ. އަދި އެއް ގޮތް ނެތިއްޔާ އަނެއް ގޮތް އޮންނާނެ ކަން ވެސް ސާބިތުކޮށްދިނީ ހަމަ ރައީސް ސޯލިހެވެ. ކޮވިޑް ތެރޭގައި ކޮށްދެއްވި މަސައްކަތާއި އަދި ފޯރުކޮށްދެއްވި އެހީތެރިކަމުން އެކަން ވަރަށް ސާފެވެ.