ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

ސަރުކާރަށް ދެން ދެވޭނީ ކޮން އެހީއެއް؟

ކޮވިޑާ ގުޅިގެމް ސަރުކާރުން އެކި ފަރާތްތަކަސް ދީފައިވާ އެހީތަކުގެ ވާހަކަ ކިޔައިދޭ ވީޑިއޯ ރިޕޯޓް -- އަވަސް ވީޑިއޯ | އަބްދުﷲ ޝަފީއު

ކޮވިޑުގެ ބަލީގައި ޖެހި މުޅި އިގްތިސޯދު ވެސް ބަލި ވެއްޖެ އެވެ. ކުރިން އާ ރޯކަމާއެކު ދުރަށް ޕްލޭން ކުރި ވިޔަފާރިތައް ހުއްޓިއްޖެ އެވެ. ހަރަދު ބޮޑުކޮށް ހިނގަހިނގާ އޮތް ސަރުކާރަށް އިތުރު ބުރައެއް ކުރިމަތިވެއްޖެ އެވެ. ނަމަވެސް މި ހާލަތުގައި ވެސް ގައުމެއްގެ ނިސްބަތުން ކެރިފޯރުންތެރިކަން ހުރި މިންވަރުން އެހީވެ ދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކަށް ކޮންމެ ވެސް "ރިލީފް" އެއް ނުވަތަ ލުޔެއް ގެނެސްދެވޭތޯ ސަރުކާރުން އެހީގެ ޕެކޭޖެއް ނެރުނެވެ. ސަރުކާރުން ތައާރަފުކުރި "2.5 ބިލިއަން ރުފިޔާ" ގެ މި ޕެކޭޖުގައި މި ޕެކޭޖުގައި އަމިއްލަ ވިޔަފާރިތަކަށް ދޭ އެހީ އާއި ވަޒީފާ ގެއްލޭ މީހުންނަށް ދޭ އިންކަމް ސަޕޯޓުގެ ގޮތުގެ އިތުރުން ލޯނު ފަސްކޮށް ދިނުމާއި ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް އަށް ދޫކުރާ ލޯނު ވެސް ހިމެނެ އެވެ.

"ދައުލަތެއްގެ ހައިސިއްޔަތުން ވަރަށް ރަނގަޅު އެހީ ތަކެއް ސަރުކާރުން ދެމުން އެބަދޭ. ދެން އިތުރަށް އެހީއެއް ދޭނަމަ ޖެހޭނީ ލޯނު ނަގަން. ދިވެހި ދައުލަތުގައި އެ ނޫން ގޮތަކަށް ފައިސާ ދިނުމުގެ ގާބިލްތަކެއް ނެތް. މިއީ ވެސް އިތުރަށް ވިސްނަން ޖެހޭ ކަމެއް،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ މާލިއްޔަތުން މިހާތަނަށް ދިނީ ކޮން އެހީތަކެއް ހެއްޔެވެ؟ މި އެހީ ކިތައް ފަރާތައް ލިބިއްޖެ ހެއްޔެވެ؟ ކޮންމެ ގޮތެއްގައި ވިއަސް އެހީ ތަކެއް ދީފި އެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ވަޒީފާ ގެއްލުމުގެ މީހުންނަށް "އިންކަމް ސަޕޯޓް" ގެ ގޮތުގައި މިހާތަނަށް 1،450 ފަރާތަކަށް، 5،000ރ. ގެ މަގުން 5.8 މިލިއަން ރުފިޔާ ދީފައިވެ އެވެ. މިއީ މިހާލަތުގައި އެންމެ "ތަދުވި" މީހުނެވެ. ރިސޯޓުތައް ބަންދު ކުރުމުން ވަޒީފާ ގެއްލި އެތައް ބަޔަކު ބިކަވި އެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި "ހެލިކޮޕްޓާ މަނީ" ނުވަތަ އާއްމުންގެ އަތަށް ސީދާ ހާޑް ކޭޝް ބެހުމަކީ މި ހާލަތުގައި ރާއްޖެ ފަދަ ގައުމަކަށް ކުޅަދާނަ ކަމަށް ނުވާނެ އެވެ.

ސަބަބަކީ މުޅި ދުނިޔެ އެއް ހާލަތެއްގައި އޮތުމެވެ. ސުނާމީ ކާރިސާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ނަގުދު ފައިސާ ބެހި އެވެ. އޭރުގެ ހާލަތަކީ ރެޑްކްރޮސް އަދި ރެޑްކްރެސެންޓް ފަދަ ދުނިޔޭގެ އެހީދޭ ޖަމިއްޔާތަކުން ގިނަ އެހީތަކެއް ދިނުމެވެ. އެހެންވެ އެންމެ ގެއްލުވި ރަށްރަށުގެ ރައްޔިތުންނަށް ގިނަ ދުވަސްތަކެއް ވާންދެން 8،000ރ. އާއި 10،000ރ. ދެ އަދަދަކަށް ފައިސާ ދިނެވެ. ނަމަވެސް މި ހާލަތުގެ ތަފާތަކީ އެގޮތަށް ދެވެން ނެތުމެވެ. މުޅި ދުނިޔޭގައި ކޮވިޑް-19 ފެތުރިފައިވާއިރު ހަގީގަތަކީ އެހީ ހޯދުމަކީ ފަސޭހަ ކަމަށް ނުވާނެ އެވެ. އަދި ހާއްސަކޮށް މިހާރު އެހީ ހޯދުމުގައި ކޮންމެ ބައެއްވެސް ފުރަތަމަ އިސް ކުރަނީ އެ ބައެއްގެ ގައުމެވެ. މި ހަގީގަތް ގަބޫލު ކުރަން މަޖުބޫރު ވެއެވެ.

އެހެންވެ ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލް ފަދަ އަސާސީ ހިދުމަތްތަކުން 30 ޕަސެންޓާއި 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ. ކޮވިޑް-19 އާ ގުޅިގެން 46،417 ގޭބީސީއެއްގެ ފެން ބިލުން ޖުމްލަ 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީ އަކަށް ދިން ޖުމްލަ 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް ދިން 12،661 ގޭބީސީ އަކަށް ދިން 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން ދީފައިވާ 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެވެ. މިއާއެކު ކަރަންޓާއި ފެން ބިލަށް ދިން ޑިސްކައުންޓުގެ ޖުމްލަ އަގު ހިސާބު ކޮށްލާނަމަ 59 މިލިއަން ރުފިޔާ އަށް އަރަ އެވެ. މި ފައިސާއަކީ ރައްޔިތު މީހާ އަށް ފައިސާ ނުބެހިނަމަ ވެސް އެހީއަކަށް ވެގެންދާނެ އެވެ.

ބާޒާރު މަތީގައި މީހަކު މަސައްކަތް ކުރަނީ: ކޮވިޑް-19 އާ ގުޅިގެން ގިނަ ވިޔަފާރިތަކަށް ސަރުކާރުން ވަނީ އެހީ ދީފައި -- ފޮޓޯ: އަވަސް އާކައިވް

ކަރަންޓާއި ފެން ބިލުމުގެ ޑިސްކައުންޓުގެ އިތުރުން ހާލަތު ލައްވާލިއިރު ގިނަ ބަޔަކު ތިބީ ވިޔަފާރިތައް ފަށަން ދަރަނި ނަގައިގެންނެވެ. ބަލީގެ ސަބަބުން އިގްތިސޯދީ ހަރަކާތްތައް ހުއްޓިގެން ދިއުމުގެ ނަތީޖާއަކަށްވީ ލޯނު ދެއްކޭނެ ގޮތެއް ނެތިގެން ދިއުމެވެ. އެހެންވެ ރިލީފް ޕެކޭޖުގައި ހިމަނައިގެން މިހާތަނަށް 13.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ފަސް ކޮށްދީފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް -- ފޮޓޯ: ރައީސް އޮފީސް

ލޯނު ފަސްކޮށް ދިން ނަމަވެސް، ވިޔަފާރީގެ ހަރަކާތްތައް ހުއްޓިގެން ދިއުމުގެ ނަތީޖާއަކީ ކޮވިޑް-19 އިގެ ހާލަތު ރަނގަޅު ވެގެން ވެސް ވިޔަފާރިއަކުން ކުރިއަށް ގެންދެވޭނެ ގޮތެއް ބޭނުން ވުމެވެ. އެހެންވެ ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް ދިޔައީ ލޯނު ދެމުންނެވެ. މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް 223 މީހަކަށް 251 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

އަދި "ކުދި މެދު" ވިޔަފާރިތަކަށް ސަރުކާރުގެ "އެސްޑީއެފްސީ" ބޭންކް އިން ވެސް ލޯނު ދަނީ ދެމުންނެވެ. މިހާތަނަށް 957 ފަރާތަކަށް 108.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތް ކުރާ 272 ފަރާތަކަށް 8.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 685 ވިޔަފާރި އަކަށް 100.8 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެސްޑީއެފްސީން ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި އިގްތިސޯދުގައި ހިންގާ ކުދި މެދު ވިޔަފާރީގެ ގިނަ ދާއިރާތައް ހިމެނެ އެވެ. ލޯނު ދޫކުރި ފަރާތްތަކުގެ ތެރޭގައި އަންހެން ވިޔަފާރިވެރިން ހިމެނޭ 124 ވިޔަފާރިއަށް 24.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 70 އަންހެނަކަށް 2.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ދޯންޏަކަށް މުދާ އަރުވަނީ -- ފޮޓޯ:އަވަސް އާކައިވް

ސަރުކާރުގެ އެހީތެރިކަމުގެ "ބޮޅަށް" އެންމެ ފަހުން އިތުރުވީ ޓޫރިޒަމް ސެކްޓާ އެވެ. ރިސޯޓުތަކުގެ އޯނަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ފުރަތަމަ ދުވަހުވެސް ޓޫރިޒަމް ބިމު ކުއްޔެވެ. ސަރުކާރުން ވަނީ ބިމު ކުރި ލުއިކޮށްދީ މީގެ އިތުރުން ސަރުކާރުން ބަލަހައްޓާ އެހެން ބިންތަކުގެ ކުލިވެސް ހަ މަހަށް ފަސް ކޮށްދީފަ އެވެ. އެކަމު އަދި މިވަރުން ނުފެދެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިގްތިސޯދު އަލުން ހުޅުވުމާއެކު، އިތުރު އެހީ ތަކެއް ބޭނުން ވާނެ އެވެ. ސުވާލަކީ ދެން ސަރުކާރަށް ދެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ ރާއްޖޭގެ ވިޔަފާރި ތަކަށް ބޭނުންވާ ވަރަށް މާލީ އެހީ ދިނުމުގެ ގާބިލްކަން ދައުލަތުގައި އެބަހުރި ބާ އެވެ؟ ސަރުކާރުން މިހާރު އެހީ ދިނުމާއި ބަޖެޓު ފޫބައްދަށް ނަގާ ލޯނުތައް ދައްކާނީ ކިހިނެއް ހެއްޔެވެ؟ އެ ލޯނުތައް ދެއްކުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނާޅި

ޢިން ކަމް ސަޕޯޓް އެލަވަންސް ދެނީ ޕާޓީ ކުދިންނަށް.

ސސ

2008 ކުން ފެށިގެން މިޤައުމު މިވަނީ ހުޅަގުގެ އިސްތިއުމާރީ ބާރުތަކުން އިސްތިއުމާރުކޮށް ފައި، މިކަމުން އަރާއިގަނެ ގައުމު މިނިވަން ކުރުމައްޓަކައި، އުތީމު ދެވަނަ މުހައްދު ބޮޑުތަކުރުފާނަށް މިގައުމު އެދި ގޮވަނީ ހާލުގެ ދުލުން !

އިސްތިޢުމާރު

މިގައުމު ފުރަތަމަ ދުވަހުއްސުރެމިއޮންނަނީ މާލޭ ބޮޑުންގެ އިސްތިޢުމާރުގެ ދަށުގައި، މޮޔަވާހަކަ ދައްކަނީ މި ޙަޤީގަތް އޮޅުވާލަން! ދެއިންޗި ހަމަނުވާތާކަށް އެންމެން ޖަމާކޮށް އެތަން ތަރައްޤީކުރަން މަސައްކަތްމިކުރަނީ ހުޅަނގާ އިރުމަތީގެ އިސްތިޢުމާރީ ބާރުތަކުންތަ ؟ އެތައްސަތޭކަ އަހަރެއްކުރިންސުރެ މާލޭމީހުންގެ އަތުން އެއްޗެއް ނުނަގާ، އެހެން ކޮންމެ ދިވެއްސެއްގެ އަތުންވާރުނެގީވެސް ހުޅަނގާއި އިރުމަތީގެ އިްތިޢުމާރީ ބާރުތަކުންތަ ؟؟ ކަމުގެ އަސްލު ގެއްލުވާލަން ތިކުރާމަސައްކަތް ހުއްޓާލާ! ހުޅަނގެއް އިރުމައްޗެއް މިޤައުމު އިސްތިޢުމާރުކުރާކަށް ނޫޅޭ، އެހެންނޫނަސް އަފުން އިސްތިޢުމާރު ކެރީތާ ކިހައިޒަމާނެކެ ؟؟؟

ސުހެއިލް

މި ސަރުކާރު ވެރިކަމަށް އެރިގޮތަށް ދައުލަތުގެ ހަޒާނާ ބަދަލުގެ ގޮތުގައި ނުބެހިނަމަ ތަންކޮޅެއް ރަނގަޅުވީސް ކަންނޭގެ ދޯ. އަދި މ.ޑ.ޕ. މީހުން އަދި ހާއްސަކޮށް މުހައްމަދު ނަޝީދު ޗައިނާއާއި ޒާތީވެ ދިމާނުކުރިނަމަ ޗައިނާއިން ފައިސާގެ ހިލޭ އެހީވެސް ލިބުނީހެވެ. ވެރިކަން ކުރަން ނޭނގޭ ބައެއްގެ ދޮގު ބުހުތާނު ވައުދުތަކަކަށް ބެލުމަށްފަހު ވޯޓު ދެވުނީތީވެ ހިތާމަކުރަމެވެ. މުސްތަގުބަލުގެ އިންތިހާބުތަކަށް ދިވެހި ރައްޔިތުންނަށް ލިބުނު ފިލާވަޅެއްކަމަށް އުއްމީދުކުރަމެވެ. ސިޔާސަތުތައް ރަނގަޅުކުރުމަށް އަތުކުރި އޮޅާލަންވީ ވަގުތު ޖެހިއްޖެއެވެ. ނޫނީ މިގައުމުގެ ކުރިމަގު ސުވާލުމާކެއްގެ ތެރޭގައި އޮންނަން ޖެހިދާނެއެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345