ޓޫރިޒަމް ދާއިރާގައި ކިރިޔާ ހޭކިލައި އުނގުޅިލައި އުޅޭ ބަޔަކު ވިއްޔާ ވެސް އަހަރުގެ ފަހުކޮޅަށް ތައްޔާރު ވާނެ އެވެ. ހާއްސަކޮށް ޑިސެމްބަރު މަހު އަންނަ މީހުން ގިނަވެ އެއާޕޯޓް ފުރި ބަންޑުންވާނެކަން އެނގޭނެ އެވެ. އެކަމަކު ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އަށް މި ދުވަސް އަންނަކަން އެނގުނު ކަމަކަށް ނުވި އެވެ. ނުވަތަ އެނގޭ ކަމަކަށް ނުހެދި އެވެ. ޓޫރިޒަމްގެ މައި ސީޒަން ފެށު ނުއިރު ގައުމީ އެއާލައިންގެ ބޯޓު ފަހަރު ހުރީ ރޫޓިން ޗެކަޕް- ޝެޑިއުލް މަރާމާތު ތަކަށް "އެހެލާފަ" އެވެ. ހައެއްކަ ބޯޓު އޮންނަ ފްލީޓުގައި ބޭނުން ކުރެވެނީ ވެސް މަދު ބޯޓެކެވެ. މިހެން މިކަންވުމުގައި ވެސް ސަބަބެއް ވާނެ އެވެ. އެ ގޮތަކީ މެނޭޖުމަންޓް ފެއިލްވުމެވެ. ނޫނީ ކުންފުނި ޕްރައިވެޓައިޒް ކުރަން ހުއްޖަތެއް ދެއްލުމަށް ގަސްތުގައި ސަރުކާރުން ކުޅިއެއް ކުޅެނީ އެވެ.
"ރޫޓިން ޗެކަޕް ކުރަން ޖެހޭކަން މެނޭޖުމަންޓަށް ދުރާލާ އެނގޭ. އެއީ ޕްރޮފެޝަނަލް މުވައްޒަފުން ތިބި ކުންފުންޏެއް. އެމީހުން ދިޔައީ އެކަން އަންގަމުން. އެކަމަކު ދެރަ ކަމަކީ މެނޭޖުމަންޓުން މި ޑިސިޝަން ނެގުން ލަސްވީ. އެހެހެންވެ މި ދަރަޖައަކަށް ކުންފުނި ވެއްޓިގެން ދިޔައީ،" ކުންފުނީގައި އިސްކޮށް މަސައްކަތް ކުރި ކުރީގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް މީހުން ނެރޭ "ކޮލެޖަކީ" ގައުމީ އެއާލައިން، މޯލްޑިވިއަންއޭ ބުނެވިދާނެ އެވެ. އެ ތަނަށް ވަޒީފާ އަށް ވަދެ ތަމްރީނުވި އެތައް ބަޔަކު ރާއްޖޭން ބޭރުގައި ވެސް ފަހުރުވެރިކަމާއެކު މަސައްކަތް ކުރެ އެވެ. އެހެންވެ އެ ކުންފުނީގެ އެކި ދާއިރާތަކުގައި ތިބި މުވައްޒަފުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. ނަަމަވެސް ކުންފުނީގެ ހުރިހާ ކަމެއް ބޮއްސުންލަމުން ގޮސް އެމްޑީ އާއި ޑީއެމްޑީގެ މުސާރަ އަމިއްލައަށް ބޮޑު ކުރުން ފަދަ ސަރުކާރުގެ ވިޔަފާރި ކުންފުންޏަކުން ފެނިގެން ނުވާނެ ހުތުރު މަންޒަރުތަށް އެ ކުންފުނިން ނުކުންނަން ފެށި ހިސާބުން ދުވަސްވީ ގިނަ ބަޔަކު އެ ކުންފުނި ދޫކޮށްލައިފި އެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ކުންފުނި "ހުލިވާން" ފެށި އެވެ. ކުންފުނީގެ ސީނިޔަ މުވައްޒަފުން މޯލްޑިވިއަން ދޫކޮށް އެހެން ކުންފުނިތަކަށް ބަދަލު ވެއްޖެ އެވެ. އެހެންވެ މިހާރު މޯލްޑިވިއަންގެ މުހިންމު ދާއިރާތަކަށް އެކަށީގެންވާ މީހުން ލިބުމުގައި ވެސް މައްސަަލަ ތަކެއް އެ ބަހުއްޓެވެ. ނަމަވެސް މިކަމަކީ މެނޭޖުމަންޓް ރަނގަޅުނަމަ މާބޮޑު ކަމަށްނުވެ ފޫބެއްދޭނެ ކަންކަމެވެ. އެހެންވެ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު މޯލްޑިވިއަން އިން އެ ދައްކަނީ މެނޭޖުމަންޓް ފެއިލިޔާ އެކެވެ.
ކުރިން ވެސް ޗާޓަރުކުރޭ، މިވަރެއް ނުވޭ
ކުންފުނީގެ މާލީ ހިސާބުތަކުން ވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ދުރާލާ ރާވައިގެން ކުންފުނީގެ ހާލަތު ދަށު ދަރަޖަކަށް ވައްޓާލަން މަސައްކަތް ކުރާ ކަމަށް ވެސް ބުނެވިދާނެ މަންޒަރެއް ފެނެ އެވެ. ޓޫރިޒަމްގެ މައި ސީޒަން ފެށޭނެކަން ކުރިން އެނގޭނެ އެވެ. އެހެންވީއިރު މި ދުވަހަށް ތައްޔާރު ނުވީ ކީއް ވެގެން ހެއްޔެވެ؟ ސަރުކާރުން މިކަމުގައި ކުންފުންޏަށް އެހީތެރިކަމެއް ނުދިނީ ކީއް ވެގެން ހެއްޔެވެ؟ މެނޭޖުމަންޓުން މި މައްސަލަތައް ސަރުކާރާ ހަމައަށް ގެންދިޔަ ހެއްޔެވެ؟
މިކަން ނުކުރުމުގެ ނަތީޖާއަކަށްވީ ގިނަ ބޯޓު ތަކެއް ގްރައުންޑުވުމެވެ. އެންމެ ޕީކް ދުވަސްވަރު ލޯޑު އަރަމުން ދިއުމުގެ ނަތީޖާއަކަށްވީ އެހެން އެއާލައިންތަކުގައި މޯލްޑިވިއަންގެ ބޯޑިން ޕާސް ހިފައިގެން އަރަން ޖެހޭ ދަރަޖައަށް ކަންކަން ދިއުމެވެ. އެހެންވެ އެއާލައިންތައް ޗާޓަރު ކުރަން ޖެހުމެވެ. ގައުމީ އެއާލައިން އިން މީގެ ކުރިން ޕްރައިވެޓް އެއާލައިންތަށް ޗާޓަރު ކުރި އެވެ. އެކަމަކު މިވަރެއް ނުވެ އެވެ. މި ދަރަޖައަކަށް ކަންކަން ދިޔަ ދުވަސްވަރެއް މޯލްޑިވިއަންގެ ތާރީހުގައި ވެސް ނާދެ އެވެ.
ޕްރައިވެޓް އެއާލައިންތަކުގެ ބޯޓުތައް ޗާޓަރު ކުރުމާ ބެހޭ ގޮތުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި އެހެން އެއާލައިން ތަކުން ވެސް މޯލްޑިވިއަންގެ ބޯޓުތައް ސީޒަން ތެރޭގައި ޗާޓަރު ކުރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.
"ކުންފުނީގެ ސީޕްލޭން ބޯޓުތައް ވެސް އަމިއްލަ އެއާލައިންތަކުން ޗާޓަރު ކުރޭ. މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓްތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތް ތަކެއް ކުރިއަށްދާތީ އަމިއްލަ އެއާލައިންތަކުގެ ބޯޓްތައް ޗާޓަރު ކޮށްގެން މި ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެވޭ،" މިހާދު ވިދާޅުވި އެވެ.
ސުވާލަކީ މިއެވެ. ގިނަ ބޯޓުތަކެއްގެ ޝެޑިއުލް މެއިންޓަނަންސް މި ދުވަސްވަރަށް ކުރަން ޖެހޭއިރު، ދުރާލާ ބޯޓު ނުހޯދީ ކީއް ވެގެން ހެއްޔެވެ؟
ގައުމީ އެއާލައިންގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ފުރުއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި މިހާރު ކުރާ އުސޫލުން ފްލައިޓް ޗާޓަރު ކުރުމަށްވުރެ މި ދުވަސް ވަރަށް ބޯޓު ގެނައުން ވެސް ރަނގަޅުވާނެ އެވެ.
"ކްރޫންނާއެކު ވެޓް އުސޫލުން ބޯޓު ގެނައުން ވެސް މިހާރުގެ ޗާޓަކަށްވުރެ ހެޔޮވާނެ. މީގައި އެންމެ ރަނގަޅު ގޮތަކީ ޕްލޭންކޮށް ދުރާލާ ތައްޔާރުވުން. އެކަމެއް ނުފެނުނު މި ފަހަރަކު. އެހެންވީމަ އަމިއްލަ މީހުންނަށް ފައިސާ ދޭން މި ޖެހުނީ،" އޭނާ ވިދާޅުވި އެވެ.
އެންމެފަހުން މިހާރު ވަނީ އިތުރު ތިން ބޯޓެއް ހޯދަން ކުންފުނިން ނިންމާފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އޭޓީއާރް ތިން ބޯޓު ގެންނަނީ އިންސްޓޯލްމަންޓް އުސޫލަށް ފައިސާ ދައްކާ ގޮތަށެވެ. މީގެ ކޮންމެ ބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 19 މިލިއަން ޑޮލަރެވެ. މިއީ މީގެ ކުރިންވެސް ކުންފުނި ޕްރެކްޓިސް ކުރި ގޮތެވެ. މިހާރު ބޭނުން ކުރާ ގިނަ ބޯޓު ފަހަރަކީ ކުންފުނިން ގަނެގެން ގެނެސްފައިވާ ބޯޓު ފަހަރެވެ. ނަމަވެސް މި ޑިސިޝަން ކުންފުނިން މި ހާލަތުން ނެގީ ކީއް ވެގެން ހެއްޔެވެ؟
މާލީ ހާލަތު އިންތިހާއަށް ގޯސް
ކުންފުނީގެ ހާލަތު މި ހިސާބުގައި އޮތްއިރު ކުންފުނީގެ މާލީ ފޮތް ވެސް ފެންނަނީ އެހާ ހަޑިކޮށެވެ. ހަރަދު އިންތިހާއަށް ބޮޑުވަމުން ދާއިރު ކުންފުނީގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް 99.6 މިލިއަން ރުފިޔާ ގެއްލުން ވެފައިވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 25.3 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ. މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ބަލާނަމަ އެ ކުންފުންޏަށް 124.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. ނަމަވެސް، މާލީ ހިސާބުތަކުން ސާބިތު ކޮށްދެނީ 2018 ގެ ކުރީގައި ކުންފުނީގެ މާލީ ބުކްސް އޮތީ އެގޮތަށް ނޫން ކަމެވެ. ހިސާބު އަދަދުތަކުން ފެންނަ ހަގީގަތަކީ މިއެވެ. އޮޑިޓާ ޖެނެރަލް އޮފީހުން 2018 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު 98.7 މިލިއަން ރުފިޔާ ފައިދާ ވެފައިވެ އެވެ. އެ އަހަރު 10 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދެއްކިއިރު 2017 ވަނަ އަހަރު 20 މިލިއަން ރުފިޔާ ޑިވިޑެންޑަށް ދައްކާފައިވެ އެވެ.
ކޮވިޑަށްފަހު އެއާލައިން ކޮޅަށް ޖަހާލާނެ ފުރުސަތެއް ޓޫރިޒަމްގެ ތެރެއިން ސަރުކާރަށް ނު ހޯދުނީ ހެއްޔެވެ؟ އެކަމަކު ހަގީގަތަކީ ދިވެހިން ބޭރުގެ އެއާލައިންތަށް ޗާޓަރު ކޮށްގެން "ބޯކޮށް" މީހުން ގެނެސް ރާއްޖެއަށް އަޅަމުންދާ ކަމެވެ. އެކަމަކު ރާއްޖޭގެ ގައުމީ އެއާލައިން މި ދުވަސްވަރު ކޮޅަށް ޖަހާލަން ވެސް މި ފަދަ ފުރުސަތެއް ދޭނެ ބަޔަކު ނުވި އެވެ. އެކަމާ ނޫޅެނީ ހެއްޔެވެ؟ ނޫނީ އެކަން ކުރަން ނޭނގުނީ ހެއްޔެވެ؟
ހާލަތުގެ ތުހުމަތު އެންމެ މައްޗަށް
މި ހިސާބުގައި މޯލްޑިވިއަން އޮއްވައި ކޮވިޑު ލައްވާލިއިރު ކުންފުނީގެ އޮތީ ބޮއްސުންލާފަ އެވެ. އެހެންވެ ކޮވިޑު ބަލިވީ މޯލްޑިއަންއަށް "ސައިކްލޯން" އަކަށެވެ. ކޮވިޑުގެ ސައިކްލޯނުން ނުކުންނާނެ ގޮތެއް މިއަދާ ހަމައަށްވެސް ސަރުކާރުން
ކުންފުންޏަކަށް ދައްކައި ދެވުނި ކަމަށްނުވި އެވެ. މީގެ ބަދަލުގައި ސަރުކާރުން ފައި ނަގާފައިވަނީ އަވަހަށް ކުންފުނީގެ ބައެއް ވިއްކާލުމަށެވެ. ނުވަތަ ޕްރައިވެޓައިޒް ކުރުމަށެވެ. އޭރުން ސަރުކާރުގެ ރިކަރަންޓް ހޭދައަށް "ތަޅާ ބުރުއްސަން" ފައިސާ ލިބޭނެ އެވެ. ސަރުކާރުގައި ވެސް އޮތީ ހަމައެކަނި އެ ނިޔަތެވެ. ކަން ފަސޭހަކޮށް ޕްރައިވެޓައިޒްކޮށްލައިގެން ބޯދަމައި ގަތުމުގެ ސިޔާސަތެވެ. ނަތީޖާއަކަށް ވަނީ ކުންފުނި ބަނރޫޓުވުން ނުވަތަ ވެއްޖެކަމަށް މި ދާއިރާގެ ތަޖުރިބާކާރިން ބުނުމެވެ.
ގައުމީ އެއާލައިނުގެ ކުރީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމު ފުރުއްވި ކެޕްޓަން މުހައްމަދު އަމީނު ވިދާޅުވި ގޮތުގައި މިހާރު އެ ކުންފުނީގެ ހާލަތު ދަށު ދަރަޖައަށް ވެއްޓި ކުންފުނި ބަނގުރޫޓުވާ ހާލަތަށް ގޮސްފައިވެ އެވެ. އޭނާ ވަނީ މިކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ ރައީސްގެ ގާތް ތިމާގެ ބޭފުޅުންނާއި އާއިލާ އަށް ފައިދާ ހޯއްދަވައިދެއްވުމަށްޓަކައި މަގާމުތަށް ދެއްވުމެވެ. ގައުމީ އެއާލައިން މިހާލަތަށް ވެއްޓުނުއިރު ކުންފުނީގައި ހާރަކަސް ތަރާވީހަކަށް ހުރީ ކުންފުނީގެ ފޭސް މޫސާ ވަސީމެވެ. އޭނާއެަށް ވާން އޮތް ވަރެއް އޭނާ ކުރެ އެވެ. އެހެން މީހުންގެ ކަމަކީ ފިލައި ތިބެ ކުންފުނީ ވަޔާ ބެހިގެންދާތަން ބެލުމާއި ވިއްކާ އެވޯޑްތައް ހޯދުމެވެ.
ދިވެހި ދިދަ ހިފައިގެން އުދުހިލާން ފެށިއިރަށް އަނެއްކާ މި އެއާލައިން ވެސް ތިރި ކުރަން ޖެހެނީ ހެއްޔެވެ؟ ގައުމީ އެެއާލައިންގެ ވަރަ ތިރިވަނީ ހެއްޔެވެ؟ ކުންފުނީގެ މި ހާލަތުން މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދެނީ މި ސުވާލެވެ.