އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަން ގްރައުންޑުވެ އަމިއްލަ އެއާލައިންތައް ޗާޓަރު ކުރަނީ

މާލީ ގޮތުން ގެއްލުންވެ ވަޅުގަނޑަކަށް ވެއްޓިފައިވާ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓު ތަކެއް ގްރައުންޑްވެ، އެހެން އެއާލައިންތަކުގެ ބޯޓުތަށް ޗާޓަރަށް ނަގަން ޖެހިއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މޯލްޑިވިއަން އެތެރޭގެ އުދުހުންތަކުގެ އެންމެ ބޮޑު ފްލީޓުގައި ހަ ބޯޓު ބޭނުން ކުރާއިރު މީގެ ތެރެއިން ހަތަރު ބޯޓެއް ވަނީ ގައުންޑްކޮށްފަ އެވެ.

މީގެ ސަބަބުން ޓޫރިޒަމްގެ މައި ސީޒަން ފެށުނުއިރު އެއާލައިންގައި ކެޕޭސިޓީ ނެތުމުގެ ސަބަބުން ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ. އެހެންވެ މިތަން ފޫބަަށްދަން އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ އެހެން އެއާލައިންތަކުގެ ބޯޓުތައް ކުއްޔަށް ނަގަން މޯލްޑިވިއަން އުދުއްދާ އައިލެންޑް އޭވިއޭޝަނަށް ވަނީ މަޖުބޫރުވެފަ އެވެ.

މޯލްޑިވިއަންގެ ފްލައިޓް ތަކެއް ގްރައުންޓް ވެފައިވާ މައްސަލާގައި އަވަސް އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މޯލްޑިވިއަން އުދުއްސާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ބައެއް ބޯޓުތައް ގައުންޑްކޮށްފައިވަނީ ރޫޓިންކޮށް ކުރަން ޖެހޭ ރޫޓިން ސާވިސް ތަކެއް ކުރުމަށް ކަމަށެވެ. އަދި އެ ކުންފުނިން ކަސްޓަމަރުންނަށް ދެމުން ގެންދާ ހިދުމަތް ހުއްޓުނަ ނުދިނުމަށްޓަކައި ރިކުއާމަންޓް އަންނަ ގޮތަކުން އެހެން އެއާލައިންތަކުގެ ބޯޓު ފަހަރު ވެސް ޗާޓަރު ކުރަން ޖެހޭނަމަ އެކަން ކުރާ ކަމަށެވެ.

ގައުމީ އެއާލައިން އުދުއްދާ ކުންފުނި އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު މާލީ ރިޕޯޓް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި 99.6 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 25.3 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ. މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހަށް ބަލާނަމަ އެ ކުންފުންޏަށް 124.9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. ނަމަވެސް މި އެއާލައިންގެ މާލީ ހާލަތުގެ މައްޗަށް ބަލައި އޮޑިޓާ ޖެނެރަލް އޮފީހުން 2018 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓުގައިވާ އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު 98.7 މިލިއަން ރުފިޔާ ފައިދާ ވެފައިވެ އެވެ. އެ އަހަރު 10 މިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދެއްކިއިރު 2017 ވަނަ އަހަރު 20 މިލިއަން ރުފިޔާ ޑިވިޑެންޑަށް ދައްކާފައިވެ އެވެ.