ދިއްގަރު

ދިއްގަރު ރިހާކުރު މަރުކާކޮށް މިޒަމާނަށް!

މުލަކަތޮޅު ދިއްގަރު، އެނޫނީ މ. އަތޮޅު ދިއްގަރުގު ނަމާއެކު ފަހަތަށް ލާނީ، ކިޔާނީ، ލިޔާނީ ވެސް އަދި ބުނާނީ ވެސް ދިވެހީންގެ ފޭވަރިޓެއް ކަމަށްވާ ރިހާކުރެވެ. ދިއްގަރުގެ ނަން އިވުމުން ފުރަތަމަ ހިތަށް ގެނެވޭނީ ވެސް ރިހާކުރެވެ. އަދި ގިނަ ބައިވަރު މީހުނަށް ދިއްގަަރު އެނގެނީ ވެސް އެރަށުގައި ކައްކާ / ހާނާ ދެގޮތެއް ނުވާ މީރު އަދި ކުލަ އަލި އޮލަ، ރިހާކުރުންނެވެ. ރިހާކުރަކީ ދިއްގަރެވެ. އަދި ދިއްގަރަކީ ރިހާކުރެވެ؛ އެހެންވެގެން ރާއްޖޭގައި އެއްވެސް އެއްޗަކަށް ނޯންނަ އިތުބާރެއް ދިއްގަރު ރިހާކުރަށް އޮވެ އެވެ. ދިއްގަރުގެ ރިހާކުރަކީ، ދިވެހިން އުފައްދާ ރިހާކުރުގެ އެންމެ މަތީފެންވަރެވެ. އެއާ ވާދައެއް ނުކުރެވެ އެވެ.

ރިހާކުރު ކެއްކުމުގައި އަދި ރިހާކުރު ހޭނުމުގައި ކުޑަކުޑަ ދިއްގަރުގެ މަސްވެރި އާއިލާތައް އެރަށުގެ މީހުން ހާއްސަ "ރިހާކުރު މެނުއަލް" އެއް ހިތުގައި ގެންގުޅެ އެވެ. އެއީ ދިއްގަރުން ބޭރު ނުވާ ސިއްރެކެވެ. ރިހާކުރު ހޭނުމުގައި ދިއްގަރުގެ ހާހެއްހާ މީހުން ހިފަހައްޓާ އުސޫލުތަކަކާއި ޒަމާންވީ ގޮތްފޮތަކާއި އާދަތަކެއް ހުރެ އެވެ. އެހެން ވެގެން ދިއްގަރު ރިހާކުރަކީ "ޓެސްޓެޑް-ޕްރޫވެން" ޕްރޮޑަކްޓެކެވެ. އިތުބާރު ބޮޑު ކަމުން އެއަށް ބާޒާރު / މާކެޓް ހޯދަން އިސްތިހާރު ކުރާކަށް ނުވެސް ޖެހެ އެވެ.

މިއީ މިޒަމާނެވެ؛ ދިއްގަރު ރިހާކުރަކީ މަރުކާ ކޮށްފައިވާ ވަކި ލޭބަލެއްގެ ގޮތުގައި ބާޒާރަށް ނެރެ މިޒަމާނުގެ ގޮތަށް ދިއްގަރު ރިހާކުރުން ބޮޑު އާމްދަނީއެއް ހޯދޭން އެބަ އޮތެވެ. އަދި މި ހާއްސަ ބްރޭންޑް ރާއްޖޭގެ ހަފޮޅުން ބޭރަށް ގެންދެވި ދާނެ އެވެ. އެހެންވެ ދިއްގަރުގެ މިޒަމާނުގެ މީހުނާއި ރަށު ކައުންސިލުން އެކަމަށް ހާއްސަ ވިސްނުމެއް ސިކުނޑީގައި ބާއްވައިގެން އުޅެ އެވެ.

މި ހަމަ އަސްލު ވާހަކައެކެވެ؛ ދިއްގަރު ރިހާކުރު މަރުކާކޮށް ވަކި ލޭބަލެއްގައި މާކެޓް ކުރަން ދިއްގަރު ކައުންސިލްގައި ބޮޑު ބިޔަ ޕްލޭނެއް އެބައޮތެވެ. ބޭނުމަކީ އެ ލޭބަލާއެކު އަންނަ ދިއްގަރު ރިހާކުރުގެ ފަހަތުން ބައި ޕްރޮޑަކްޓްތަކުގެ ގޮތުގައި ގިނަ ބާވަތްތައް އުފައްދާ ދިއްގަރުގެ އިގްތިސޯދު މިޒަމާނަށް އަނބުރާލުމެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދު ނިޝާން ވިދާޅުވި ގޮތުގައި އިހު ޒަމާނުއްސުރެ ރާއްޖޭގެ މުޅީ އާބާދީގެ އިއްތިފާގުން ދިއްގަރު ރިހާކުރު ވަނީ ދަރަޖަކޮށް ނިންމާފަ އެވެ. އެކަމަކު މިޒަމާނާ އެއްގޮތަށް ދިއްގަރު ރިހާކުރު މާކެޓް ކުރަން ރަނގަޅު ޕްލޭނެއް ހަދައި ތަންފީޒު ކުރަން ޖެހެ އެވެ. އެ ތައްޔާރީތައްވީ އަދި އެވެ.

ކައުންސިލްގެ ކުރިއަށް އޮތް ދައުރުގައި އެ މަސައްކަތް ގެންދާނީ އަލަށް އިންތިހާބު ކުރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ. އެ ކޮމިޓީގެ މައިގަނޑު އެއް މަސައްކަތަކަށް ހަދާނީ ދިއްގަރު ރިހާކުރަށް ވަކި ލޭބަލެއް ތައްޔާރުކޮށް އެ ވިޔަފާރި ފުޅާކުރަން ކުރަންޖެހޭ ޒަމާނީ މަސައްކަތެއް ކުރުމެވެ.

"ދިއްގަރުގައި ވެސް އާންމު ގޮތެއްގައި ރިހާކުރު ކައްކަނީ އަންހެނުން، އެމީހުންނާއި ގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެ ވިޔަފާރި ފުޅާކުރަން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ. އެކަމަށް މިހާރު ވެސް ކައުންސިލުން މި އަންނަނީ ތައްޔާރުވަމުން،" ކުރިއަށް އޮތް ދައުރުގައި ކައުންސިލްގެ ރައީސްކަން ކުރައްވާނެ ނިޝާން ވިދާޅުވި އެވެ. "ދިއްގަރު ރިހާކުރުގެ މަސައްކަތް އޮތް ހިސާބުން އިގްތިސޯދީ ބޮޑު ވިސްނުމަކަށް ބަދަލު ކޮށްލަން ޖެހޭ."

ދިއްގަރު ކައުންސިލްގެ "ރިހާކުރު ޕްލޭން" ގައި އޮތީ ހަމައެކަނި ރިހާކުރު ކައްކައި ހާނައި ފުޅި ދަޅުގައި ބަންދުކޮށްގެން ވިއްކުމެއް ނޫނެވެ. ރިހާކުރުގެ ރަހަ އެކުލެވޭ ގޮތަށް ތަފާތު ގިނަ ބާވަތްތައް އުފައްދާ ވިއްކަން ވެސް ޕްލޭންގައިވެ އެވެ. މިހާރު ވެސް "ރިހާކުރު ކިއުބްސް" އަދި "ރިހާކުރު ކޮއްތުރޮށި" އެރަށުގައި ދަނީ ތައްޔާރު ކުރެ އެވެ. އަދި އެ އުފެއްދުންތައް އިޖާދުކޮށް ކާރުހަނާ އަށް، މެޝީން ލެވެލަށް ގެންދިއުމަކީ ވެސް ދިއްގަރުގެ ދުރު ރާސްތާ ޕްލޭނެކެވެ. ސަބަބަކީ ދިއްގަރު އިގްތިސޯދުގައި އެންމެ މުހިންމީ ރިހާކުރަށް ވާތީ އެވެ.

ނިޝާން ވިދާޅުވި ގޮތުގައި ދިއްގަރު ރިހާކުރާއި އޭގެ އެހެން އުފެއްދުންތައް އިތުރު ކުރަން ރަށް ތައްޔާރުވެފައިވާއިރު ކޮލިޓީ ހިފެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ. ޒަމާނީ މިންގަނޑަކަށް، ވަންޒަން ހަމަ ކުރާނެ އެވެ. ދިއްގަރުގައި ރިހާކުރު ކައްކާ މީހުންނާއި ގުޅިގެން އެކަމަށް ހާއްސަ އުސޫލެއް ވެސް ތައްޔާރު ކުރާނެ އެވެ.

"ވާގޮތަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ކައްކާ ރިހާކުރު އެބަ ވިއްކާ ދިއްގަރު ރިހާކުރުގެ ލޭބަލްގައި. އެއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް. ދިއްގަރު ރިހާކުރު މީރުވެފައި މުޅިން ތަފާތު ވާނެ. އެހެންވީމަ އެ ކޮލިޓީ ހިފަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. ބޭނުމަކީ ދިއްގަރުގެ ރިހާކުރަށް އޮންނަ ޔަގީންކަން އެ ގޮތުގައި ދާއިމަށް ހިފެހެއްޓުން" ނިޝާން ވިދާޅުވި އެވެ.

ދިއްގަރު ރިހާކުރު މިޒަމާންގެ ލެވެލަށް އުފުލާލައި ދިނުމުގެ ގޮތުން މަރުކާކޮށް ހާއްސަ ލޭބަލެއް ވިޔަފާރި ނަމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ދިއްގަރުން ނިންމާ ވަނީ ޕްރޯސެސްއަށްލާފަ އެވެ. އަދަކު މާދަމާއަކު އެކަން އިއުލާން ވެދާނެ އެވެ.

"ދިއްގަރު ރިހާކުރު މާކެޓް ކުރަން މިހާރު ވެސް އަޅުގަނޑުމެން ވަކި ހާއްސަ ކަމެއް ކުރާކަށް ނުޖެހޭ. އެހާވެސް މަޝްހޫރު. އެކަމަކު ވަކި ލޭބަލެއް މިކަމަށް ހާއްސަ ކުރާނަމަ އެ ލޭބަލެއް އެބަޖެހޭ ޕްރޮމޯޓް ވެސް ކުރަން. ވިސްނުންތަކެއް ގެންނަން އަޅުގަނޑުމެން އެކަން ކުރާނަން،"

ދިއްގަރު ރިހާކުރު މިހާރު މިދަނީ މާމައްޗަށެވެ. ދިއްގަރުގެ މި ވިސްނުމްާއި ޕްލޭން ރަނގަޅަށް، މި ޒަމާނަށް ބަދަލުކޮށް ހިންގައިފިނަމަ ދިއްގަރު ރިހާކުރު އޭގެ މަގަބޫލު އަދި މަޝްހޫރު ކަމާއެކު ދުރަށް ބޭރުލައިނަށް ވެސް ގެންދެވޭނެ އެވެ. އެއީ ޒަމާނީ ވިސްނުމަކުން ބަދަލު ކޮށްލެވޭނެ ކަމެކެވެ. ރާއްޖެއަށް ދިވެހިންނަށް ދިއްގަރަށް މީމަށް އޮތް މޮޅެކެވެ.