ރާ އްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހީމް މަނިކު (ސަމަރޭ) މިއަދު އަވަހާރަވުމަކީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ އެތައް ބަޔަކަށް ފުން ހިތާމައެއް ލިބުނު ކަމެކެވެ. ސަމަރޭ، ބްރޯޑްކާސްޓިން ދާއިރާއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ އިނގިރޭސި ސެކްރެޓަރީއެއްގެ ގޮތުގަ އެވެ. އެއީ 1979 ވަނަ އަހަރު އެވެ. އެ ދުވަހުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ސަމަރޭ ވަނީ މިދާއިރާއަށް އަގުނުކުރެވޭ ވަރުގެ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
އެގޮތުން ދިވެހިރާއްޖޭގެ އަޑުގެ ވެރިޔާ އަދި ދައުލަތުގެ ޓީވީގެ އިސްވެރިޔާގެ މަގާމު ގާތްގަނޑަކަށް 25 އަހަރު ފުރުއްވާފައިވެ އެވެ. އަޑުގައި ހޭދަކުރެއްވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިވެހިރާއްޖޭގެ އަޑު ލިބޭ ގޮތް ހަމަޖައްސަވައިދެއްވި އެވެ. މިބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ހިނގާ ކަންކަން އަދި ދުނިޔޭގެ ބައެއް ހަބަރުތައް ވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އަޑުއަހާލެވޭ ގޮތް ހަމަޖެހިގެން ދިޔަ އެވެ. މިބަދަލާ އެކު އާންމުންގެ މައުލޫމާތުގެ ހަޒާނާ ވެސް މުއްސަނދި ވެގެން ދިޔަ އެވެ.
އިބްރާހިމް މަނިކުގެ މޭސްތިރިކަމުގައި ޚަބަރުގެ އިތުރުން ތަފާތު އެކި ދާއިރާތަކުގެ މައުލޫމާތު ހިމެނޭ ގިނަ ޕްރޮގްރާމުތަކެއް އުފައްދަވާ އެހުންތެރިންނާ ހަމައަށް ގެނެސްދެއްވި އެވެ. އެހެންކަމުން ސަމަރޭގެ މަސައްކަތްތަކަކީ ދިވެހި ތާރިހުގައި ރަން އަކުރުން ލިޔެވިގެން ދާނެ މަސައްކަތްތަކެކެވެ.
ބްރޯޑްކާސްޓިން ދާއިރާގައި ސަމަރޭ ހޭދަކުރެއްވި ދުވަސްވަރު އެންމެ ގާތުގައި އަދި އެންމެ ގިނަ ދުވަހު ހުންނެވި އެއް ބޭފުޅަކީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ވެރިޔާ ބަދުރުއްނަސީރު އެވެ. އެހެންކަމުން ސަމަރޭގެ މަސައްކަތްތައް އެންމެ ގާތުން ފެނިވަޑައިގަންނަވާނެ އެއް ބޭފުޅަކަށް ވާނީ ވެސް ބަދުރެވެ.
ސަމަރޭ އަވަހަރާވުމާ ގުޅިގެން އަވަސްއާ ވާހަކަދައްކަވަމުން ބަދުރު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ތަރައްގީއަށް ކުރެވުނު ކޮންމެ ކަމެއްގައި އިބްރާހީމް މަނިކުގެ ހިއްސާ އޮންނާނެ ކަމަށެވެ. ބަދުރު، އަޑުގެ ޕްރޮގްރާމު ޑިޕާޓްމަންޓާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު ފެއްޓެވި "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ސަމަރޭއާ އެކު ކުރެވުނު މަސައްކަތްތަކަކީ އެންމެ ހަނދާންވާ މަސައްކަތް ކަމަށްވެސް ބަދުރު ވިދާޅުވި އެވެ. މި ޕްރޮގްރާމު ބަދުރުއާއި ސަމަރޭ އެކުގައި އެތައް އަހަރަކު ހުށަހެޅުއްވި އެވެ. އެއީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއްވެސް އޮތް ޕްރޮގްރާމެކެވެ.
ބަދުރު ވިދާޅުވީ ސަމަރޭ ދިވެހިރާއްޖޭގައި އަޑުގައި އިސް މުވައްޒަފެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތް ކުރެއްވުމަށްފަހު އިންފޮމޭޝަން މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން ވެސް ދިވެހިރާއްޖޭގެ އަޑު ދޫކޮށްލައްވާފައި ނުވާ ކަމަށެވެ. ވަޒީރު ކަމުގައި ހުންނަވައިގެން ވެސް ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމް ހުށަހަޅުއްވާ، އަޑުގެ ހުރިހާ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމުގައި ވިދާޅުވި އެވެ.
"ރޭޑިއޯއޭ ބުނެފިއްޔާ އިބްރާހިމް މަނިކުގެ ހަނދާންތައް ނާންނަ ގޮތެއް ނޯންނާނެ. ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އަގު ނުކުރެވޭނެ ގިނަ ހިދުމަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅެއް އެއީ،" ބަދުރު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ދާއިރާ އަށް ބޭނުންވާ މީހުން ބިނާ ކުރުމަށްވެސް ސަމަރޭ ވަރަށް ބޮޑު އިސްކަމެއް ދެއްވި އެވެ. އޭގެ އެއް ބޭފުޅަކީ މިއަދު ދިވެހިރާއްޖޭގެ އަޑުގައި ވެރިއެއްގެ ގޮތުގައި ހުންނެވި ނަސްރުﷲ އިދުރީސް އެވެ. ސަމަރޭ ކުރިން ހުށަހެޅުއްވި ބާއްޖަވެރި ހެނދުނު ޕްރޮގްރާމު ވެސް ނަސްރު ގެންދަވަނީ ހުށަހަޅުއްވަމުންނެވެ.
ނަސްރުﷲ ދެކެވަޑައިގަންނަވާ ގޮތުގައި އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ހަޔާތުގައި އެންމެ އަގުހުރި، އެންމެ ގިނަ ހިދުމަތްތައް ކުރައްވާފައިވާ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ބައްޕަ އެވެ.
"އިބްރާހިމް މަނިކުގެ މާލިމީ ކަމުގައި އަޅުގަނޑުގެ ކެރިއަ ފަށަން ލިބުމަކީ އުފަލެކެވެ. އިބްރާހިމް މަނިކުގެ އަރިހުން ރަނގަޅު ގިނަ ކަންތައްތަކެއް އަޅުގަނޑަށް ދަސްވިކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަމެވެ." ނަސްރުﷲގެ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
އިބްރާހީމް މަނިކާ އެކު ދައުލަތުގެ މީޑިއާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާއަށް އޭނާ އެންމެ ފުރަތަމަ ނިކުންނެވި ދުވަސްވަރު އިބްރާހީމް މަނިކަކީ ވަރަށް ގިނަ ކަންކަން އޮޅުންފިލުއްވައިދެއްވައި ވަަރަށް ބޮޑު އިތުބާރެއް ކުރެއްވުމަށްފަހު ޒިންމާތަކެއް ހަވާލުކުރެއްވި ބޭފުޅެއް ކަމަށެވެ.
މޮންދު ވިދާޅުވީ މީހުން ބިނާ ކުރުމުގެ އިތުރަށް ވަރަށް ގިނަ ބައިނަލްއަގުވާމީ ޖަމާއަތްތަކާ އެކު ދިވެހި ދައުލަތުގެ މީޑިއާ އިން ގުޅުންތައް އުފެއްދީ ސަމަރޭގެ މޭސްތިރިކަމުގައި ކަމަށެވެ.
ރޭޑިއޯ އަށް ހުންނަ ލޯތްބެއްގެ ބޮޑު ކަމުން އަމިއްލަފުޅު ގޭގައި ސްޓޫޑިއޯ އަކާއި ޓެކްނިކަލް ސެޓަޕެއް ހައްދަވައިގެން އަމިއްލަފުޅަށް ރޭޑިއޯއެއް ހިންގެވުމަށްވެސް ދާދިފަހުން ސަމަރޭ މަސައްކަތް ކުރެއްވެވި ކަމުގައި މޮންދު ވިދާޅުވި އެވެ. އެކަމުގެ ހުއްދަތައް ލިބުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
"މައުލޫމާތު ފެތުރުމާއި ބްރޯޑްކާސްޓިން އަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޝައުގުވެރިކަމަށް، ދާއިރާ އާއި ދުރުގައި އެހާ ދުވަސް ހޭދަކުރެއްވި އިރުވެސް ކުޑަވެސް ބަދަލެއް ނާދެ،" މޮންދު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އަދި ޓީވީއެމްގެ ވެރިޔަކަށް ސަމަރޭ ހުންނެވި ދުވަސްވަރު ޓީވީގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ އިބްރާހީމް މަނިކަކީ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ހިތްހެޔޮ ވެރިޔެއް ކަމަށެވެ. ސަމަރޭ އަކީ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާ ރަނގަޅު މަގު ދައްކަވައިދެއްވި ލީޑަރެއް ކަމުގައިވެސް މަރީ ވިދާޅުވި އެވެ.
"އަޅުގަނޑު ހަނދާން ހުރޭ އޭރު ވަރަށް ގިނައިން ހިތްވަރު ދެއްވާނެ. އަޅުގަނޑުގެ ޓީންއޭޖް ދުވަސްވަރު އެއީ. އޭރު ހަބަރު ކިޔުމުގައި މައްސަލައެއް ޖެހިގެން ގޭގައި ހުއްޓާވެސް ގުޅުއްވާފައި ވިދާޅުވި ގިވްއަޕް ނުކުރައްޗޭ. އަންނާށޭ އަދިވެސް ހަބަރުކިޔަން. ވަރަށް ގިނައިން ވިދާޅުވާނެ އެކަހަލަ ހިތްވަރުގެ ބަސްުފުޅުތައް،" މަރީ ވިދާޅުވި އެވެ.
މަރީ ގަބޫލުކުރައްވާ ގޮތުގައި ސަމަރުބުލޫ އިބްރާހިމް މަނިކަކީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ވަރަށް ގިނަ ބޭފުޅުންނަށް ވަރަށް "އިންސްޕިރޭޝަނަލް" ބޭފުޅެކެވެ.
ސަމަރޭއާ އެކު ދައުލަތުގެ މީޑިއާ ހިންގެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ހަލީލް ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާއަށް ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވާ، އެ އިދާރާ ވިޔަފާރީ މޮޑެލް އަކަށް ހިންގަން ހިޔާލު ދެއްވާ އެގޮތަށް ބަދަލުކޮށްލުމުގައި ސަމަރޭގެ ދައުރު ވަރަށް ބޮޑެވެ.
"ދިވެހިރާއްޖޭގެ އަޑަށް އާ ބިމެއް ހޯއްދަވައި ދެއްވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. ޒަމާނާ އެއްގޮތަށް ބްރޯޑްކާސްޓިން ދާއިރާގެ ޕްރޮގްރާމް ތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައްވެސް ބަދަލު ކުރެއްވި. އެއީ ވަރަށް އުފެއްދުންތެރި ހިޔާލުތަކެއް ގެންގުޅުއްވި ބޭފުޅެއް،" ހަލީލު ވިދާޅުވި އެވެ.
ސަމަރޭގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި ހަލީލު ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ މުވައްޒަފުންނަށް ވަކިން ހާއްސަކޮށް ދާއިރާއަށް އަލަށް ވަންނަ ކުދިންނަށް ކުރިއަށް ދިއުމަށް ދެއްވާ ފުރުސަތާއި ހިތްވަރެވެ.
"ހަގީގަތުގައިވެސް އިބްރާހީމް މަނިކަކީ މުވައްޒަފުންނަށް ވަރަށް ހެޔޮ ވެރިއެއް. އެންމެންގެވެސް ވަރަށް ގާތް އެކުވެރިޔެއް،" ހަލީލް ވިދާޅުވި އެވެ.
ސަމަރޭއާ އެކު އެންމެ ބޮޑު ހަނދާނަކީ ހަވާލުކުރައްވާ ކޮންމެ ކަމެއްވެސް ވަރަށް ގާތުން ބައްލަވައި އިސްލާހު ކުރަންޖެހޭ ކަންކަން ވިދާޅުވެ ދެއްވުން ކަމުގައިވެސް ހަލީލު ފާހަގަކުރެއްވި އެެވެ. މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާ ކަންކަން ލުއި ކޮށްދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.
"އިބްރާހީމް މަނިކު އަވަހާރަވުން އެއީ ބްރޯޑްކާސްޓިން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. ފޫނުބެއްދޭ ވަރުގެ ގެއްލުމެއް. އެބޭފުޅާ ވަރުގެ އިތުރު ދެވަނަ ޝަހުސިއްޔަތެއް މިހާރަކު ނެތް،" ހަލީލު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިބްރާހީމް މަނިކު ވަނީ 15 އަހަރު ވަޒީރު ކަންވެސް ކުރައްވާފަ އެވެ. އެގޮތުން އިންފޮމޭޝަން މިނިސްޓަރުކަން 1993 އިން 1996 އަށް ފުރުއްވި އެވެ. އަދި 1996 އިން 2005 އަށް ޔޫތް މިނިސްޓަރު ކަންވެސް ކުރެއްވި އެވެ. އޭގެފަހުން ރައީސް މައުމޫންގެ ވެރިކަން ނިމެންދެން ހުންނެވީ ރައީސް އޮފީހުގައި ވަޒީރެއްގެ ފެންވަރުގަ އެވެ. އެ ދުވަސްވަރު ކޮމިއުނިޓީ އޯގަނަައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއާމަންގެ މަގާމުވެސް ފުރުއްވި އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވެ އެވެ.
އިބްރާހީމް މަނިކުގެ ގައުމީ ހިދުމަތް ފާހަގަކުރައްވާ ދިވެހި ސަރުކާރުން ވަނީ މިޔުޒިކާއި ލަވަކިޔުން ކުރިއެރުވުމުގެ ރޮނގުން 1996 ވަނަ އަހަރު އިބްރާހީމް މަނިކަށް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ދެއްވާފަ އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން މިދިޔަ ސެޕްޓެމްބަރު މަހު މުޅިން އަލަށް ދޭން ފެށި ބްރޯޑްކާސްޓިން އެވޯޑްގައި ފުރަތަމަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ލިބިވަޑައިގަތީ އިބްރާހީމް މަނިކަށެވެ.
ދިވެހިރާއްޖޭގެ ބްރޯކާސްޓިން ދާއިރާގެ މޭސްތިރިޔާގެ ގޮތުގައި ގިނަ ބަޔަކަށް އެއްބަސްވެވޭ އިބްރާހީމް މަނިކު މިއަދު އެވަނީ އަޅުގަނޑުމެންނާ ވަކިވެފަ އެވެ. ނަމަވެސް އެ އަޑު މެދުކެނޑޭނެ ގޮތެއް ނެތެވެ. އެ ހިދުމަތްތަކަށް ފަނޑުކަމެއް އަންނާނެ ގޮތެއް ވެސް ނެތެވެ.