ސަ ރުކާރުތަކުން ޕަބްލިކް ބްރޯޑްކާސްޓަރުންނާމެދު ކަންތައް ކުރައްވާ ގޮތުން، ބްރޯޑްކާސްޓިންގެ ދާއިރާގައި މުޅި ހަޔާތް ހޭދަކުރައްވާފައިވާ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ އެންމެ އިސްވެރިޔާ އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ހާސިލް ކުރައްވާފައިވާ ބަދުރުއްނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޕަބްލިކް ބްރޯޑްކާސްޓަރުންނާ މެދު ކަންތައް ކުރައްވާ ގޮތުން، ކަންބޮޑުވުން ފާޅުކުރައްވައި، ބަދުރު ސޯޝަލް މީޑިއާގައި ވިދާޅުވީ ޕަބްލިކް ބްރޯޑްކާސްޓަރުންގެ ކަންތަކުގައި ސަރުކާރުން އަޅާނުލާ ނުލުން، ދޭހަކޮށްދެނީ ރައްޔިތުންނަށް ހިލޭ ކިޔަވައި ދިނުމާއި، ހޭލުންތެރިކުރުވުމާއި އަދި މުނިފޫހިފިލުވައިދޭން ބޭނުން ނުވާ ކަމެވެ.
އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، 2008 ގައި ދިވެހި ޕަބްލިކް ބްރޯޑްކާސްޓަރ ވިޔަފާރި ކުންފުންޏަކުން ހިންގާގޮތަށް ހަމަޖެއްސެވުމާއެކު، ރޭޑިއޯ ހަލާކުވެ، ދިވެހިރާއްޖޭގެއަޑު ހިންގާ ޢިމާރާތް ކުއްޔަށް ދީ، އަދި ޒަމާން ތަކެއްގެ މަޢުލޫމާތާއި ހަނދާންތައް އެކުލެވޭ ލައިބްރަރީ ތިލަފުށީގެ ގުދަނަކަށް ގެންގޮސް ނައްތާލެވިފައިވާ އިރުވެސް، އެކަމާ ކަންބޮޑުވެ އަޅާލާ އެއްވެސް މީހަކު އެބައުޅޭބާވައޭއެވެ. ހަމަ ގައިމުވެސް 2008 ގެ ފަހުން އައި އެއްވެސް ސަރުކާރަކުން އަދި އަޅައެއް ނުލައެވެ.ބަދުރުއްނަސީރު | ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ވެރިޔާ
ޕަބްލިކް ބްރޯޑްކާސްޓަރުންނާ މެދު ކަންތައް ކުރައްވާ ގޮތުން ބަދުރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ފާއިތުވި އަހަރުގެ ހަތަރު ކުއާޓަރުގައިވެސް ދައުލަތުގެ މީޑިއާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާއަށް ވަނީ ގެއްލުންވެފަ އެވެ.
ޕަބްލިކް ސާވިސް މީޑިއާ އަކީ ބަދުރު ފާހަގަކުރެއްވި ޕަބްލިކް ބްރޯޑްކާސްޓަރުން ކަމަށްވާ ޓީވީއާ އާއި ރޭޑިއޯ ހިންގާ ދައުލަތުގެ ކުންފުންޏެވެ. ޕީސީބީން އާއްމުކުރި ކުންފުނިތަކުގެ ކުއާޓާލީ ފައިނޭންޝަލް ރިވިއުގައި ބުނެފައިވާ ގޮތުން 2023 ވަނަ އަހަރުގެ ހަތަރު ކުއާޓަރުގައިވެސް ޕީއެސްއެމްއަށް ހަތް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުންވި އެވެ.
މުޅި ހަޔާތް ބްރޯޑްކާސްޓިންގައި ހޭދަކުރެއްވި ބަދުރު ސުވާލު އުފެއްދެވީ 2008 ވަނަ އަހަރު ދިވެހި ޕަބްލިކް ބްރޯޑްކާސްޓަރ، ވިޔަފާރި ކުންފުންޏަކުން ހިންގާ ގޮތަށް ހަމަޖެއްސެވުމާއެކު ދައުލަތުގެ މީޑިއާއަށް ދިމާވި ދެރަގޮތްތަކުގެ ސަބަބުންނެވެ. އެ ބަދަލުގެ ސަބަބުން ރޭޑިއޯ ހަލާކުވެ، ދިވެހިރާއްޖޭގެއަޑު ހިންގާ އިމާރާތް ކުއްޔަށް ދީ، އަދި ޒަމާން ތަކެއްގެ މައުލޫމާތާއި ހަނދާންތައް އެކުލެވޭ ލައިބްރަރީ ތިލަފުށީގެ ގުދަނަކަށް ގެންގޮސް ނައްތާލެވިފައިވާ އިރުވެސް، އެކަމާ ކަންބޮޑުވެ އަޅާލާ އެއްވެސް މީހަކު އެބަހުރިތޯ ބަދުރު ސުވާލު އުފެއްދެވި އެވެ.
ބަދުރު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރާއި ހަމައަށް އޮތް ސަރުކާރާއި އޭގެ ކުރިން އޮތް ސަރުކާރުންވެސް ރޭޑިއޯ/ޓީވީގެ ހިދުމަތް ދިވެހި ރައްޔިތުންނަށް ހިލޭ ދެމުން ދިޔައިރު އޭރު ދިވެހި ދައުލަތް މާފަގީރެވެ.
"ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގ އަކީ، ދައުލަތުން ރައްޔިތުންނަށް، އެއްވެސް އަގަކާނުލައި ފޯރުކޮށްދޭންޖެހޭ ހިދުމަތެކެވެ. ބޮޑުއަގުގައި ފޯނެއް ގަނެގެން، އިންޓަރނެޓަށް ޚަރަދު ކޮށްގެން އަޑުއަހަން/ބަލަން ޖެހިގެން ނުވާނެއެވެ. ޕަބްލިކް ސާރވީސް ބްރޯޑްކާސްޓިންގ ގާނޫނުގައިވެސް ކަނޑައެޅިގެން ބަޔާން ކޮށްފައި އޮންނަ ވާހަކައެކެވެ. ސަރުކާރުތަކުން މިކަމާ އަޅާނުލާ ނުލުން، ދޭހަކޮށްދެނީ ރައްޔިތުންނަށް ހިލޭ ކިޔަވައި ދިނުމާއި، ހޭލުންތެރި ކުރުވުމާއި އަދި މުނިފޫހި ފިލުވައިދޭން ބޭނުން ނުވާ ކަމެވެ.ބަދުރުއްނަސީރު | ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ވެރިޔާ
ބަދުރުއްނަސީރު ބްރޯޑްކާސްޓިންގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ. ބްރޯޑްކާސްޓިން ދާއިރާ އިން ރާއްޖޭން ބޭރުން ތައުލީމު ހާސިލުކުރެއްވި ފުރަތަމަ ބޭފުޅަކީ ވެސް އޭނާ އެވެ. ރާއްޖޭގެ ފުރަތަމަ ގައުމީ ޓީމު ރާއްޖޭން ބޭރުގައި ކުޅުނު ފުރަތަމަ މެޗްގެ ކަވަރޭޖް ގެނެސްދިނުމުން އޭނާ ވެވަޑައިގެންފައިވަނީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ސްޕޯޓްސް ރިޕޯޓަރަށެވެ.
ބްރޯޑްކާސްޓިންގެ ދާއިރާއަށް ބަދުރު ހިދުމަތްކުރައްވަން ފެއްޓެވީ 1967 ވަނަ އަހަރު އެވެ. ރާއްޖޭގައި ރޭޑިއޯގެ ހިދުމަތް ތަރައްގީކުރަން އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. މުޅި ރާއްޖެއަށް ރޭޑިއޯގެ ހިދުމަތް ފުޅާކުރަން ސަރުކާރުން ކުރި މަސައްކަތުގައި އޭނާ އިސްދައުރެއް އަދާކުރެއްވި އެވެ.
ދިވެހިރާއްޖޭގެ އަޑުގައި އުޅުއްވުމަށްފަހު 1995 ވަނަ އަހަރު ބަދުރު އެތަނުން ވަކިވެވަޑައިގެންނެވި އެވެ. ޕްރައިވެޓް ސެކްޓާގައި އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އަޑާ އަލުން ގުޅިވަޑައިގަތީ 2004 ވަނަ އަހަރު އެވެ. އުމުރުން 65 ވަނަ އަހަރުވެ އޭނާ ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރު އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސް އަކީ ވެސް ބަދުރު އެވެ.