ނަސްރުގެ ދުވަސް

ނަސްރުގެ ދުވަސް ބީ ކެޓަގަރީއަކަށް ނުލެވޭނެ

ނޮވެންބަރު 3، 1988 - މި ދުވަހަކީ ފަހުގެ ތާރީހުގައި ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި އަދި އެންމެ ބިރުވެރި އެންމެ ހިތާމަވެރި ދުވަހެވެ. ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު ބަދަލުކޮށްލަން ހަތިޔާރު އެޅި ހަނގުރާމަވެރިންނާއެކު ދިވެހިންގެ ބަޔަކު މާލެ އަރާ ސިފައިންގެ މައި މަރުކަޒު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުން ބަޑި ޖަހަން ފެށީ ވެރިރަށް މުޅީން ހިމޭންވެފައި އޮއްވައެވެ. ކުއްލި އަދި އެހާމެ ނުރައްކާތެރި ހަމަލާތަކާއި ހިތްވަރު ގަދަ ދިވެހި ސިފައިން ކުރިމަތިލީ އެއްވެސް ޖެހިލުމެއް ބިރެއް ނެތި ސާބިތުކަމާއެކުގަ އެވެ. ވަސީލަތް މަދު އަދި ފުރިހަމަ ތަމްރީން ލިބިފައި ނެތަސް އަދި ދުވަހަ ކުވެސް ކުރިމަތިވެދާނެ ކަމަށް ހީވެސް ކުރެވިފައި ނުވާ އެ ހާލަތާ ދިވެހި ސިފައިން ކުރިމަތިލީ ކޮށްފައިވާ ވަރުގަދަ ހުވަޔާ އެއްގޮތަަށެވެ.

ބާޣީންގެ ހަމަލާތަކުގައި ސިފައިންގެ އަށް މީހަކު ޝަހީދުވި އެވެ. އާންމު 11 މީހަކު ހިމެނޭ ގޮތުން ޝަހީދުންގެ އަދަދަކީ 19 އެވެ. އޭގެ ތެރޭގައި ސިފައިންގެ އެ ވަރުގަދަ ޖިހާދުގެ ބަތަލު ހދ. ކުޅުދުއްފުށީ މާވާގޭ ހުސައިން އާދަމްގެ އިތުރުން ބާޣީން ބަލިވެ ފިލައިގެން ދަމުން ރަހީނުންގެ ގޮތުގައި ގެންދިޔަ ދިވެހިންގެ ތެރެއިން ބަޑި ޖަހާ މަރައި ކަނޑުފެއްތި އާންމުން ވެސް ހިމެނެ އެވެ.

އެ ހާދިސާއަކީ މިއަދު ދުނިޔޭގައި ތިބި ދިވެހީންގެ ތެރެއިން އުމުރުން 40 އަހަރުން މަތީގެ ހަމަ ކޮންމެ މީހަކު ތަޖުރިބާކުރި އެންމެ ނުރައްކާތެރި ދުވަހެވެ. އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި ވެސް ދުވަހެވެ. ވެރިރަށުގެ ހާލަތު ގޯސްވުމުން އަތޮޅުތެރޭގެ ރައްޔިތުން ތިބެން ޖެހުނީ ވަޒަން ކޮށްލަން ދަތި ކަންބޮޑުވުމާއި ބިރުވެރިކަމުގައެވެ. ދެން ވާނެ ގޮތެއް ނޭންގި ހާސްކަމުގެ ތެރޭގައެވެ. އެހެން ކަމުން މީގެ 33 އަހަރު ކުރީން ކުރިމަތިވި އެ ހާދިސާއަކީ މުޅި ރާއްޖެ އެކި އެކީހެން ތަޖުރިބާކުރަން ޖެހުނު އެންމެ ބިރުވެރި ދުވަހެވެ.

އެ ހާދިސާއަށް އިއްޔެ 33 އަހަރު ފުރުނީ އެވެ. ނަމަވެސް ދިވެހިންނަށް ނަސްރު ލިބުނު އެ ދުވަހާމެދު ދިވެހީންގެ ބަޔަކު ނަމަވެސް ދެކޭ ގޮތް ބަދަލުވެއްޖެހެން ހީވާން ފަށައިފި އެވެ. އެހެން ހީވާންޖެހޭ ބައެއް ސަބަބުތައް ދަނީ ފެންނަމުންނެވެ. ހާއްސަކޮށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތާއެކު އެ ބަހުސްގެ އަޑު ގަދަވެއްޖެ އެވެ. އެއީ ކޮންމެ ސަބަބަކާ ގުޅިގެން ނަމަވެސް ބަހުސްގެ އަޑު ގަދަކޮށްލަން މެދުވެރިވާ ސަބަބުތައް ދަނީ ގިނަވަމުންނެވެ.

ފުރަތަމަ ކަމަކަށް މިދިޔަ އަހަރުގެ ނޮވެންބަރު ތިނެކެވެ. ދައުލަތުން ހަރަދުކޮށްގެން ހިންގާ ޕީއެސްއެމް އިން ނަސްރުގެ ދުވަހަށް ހާއްސަ ލަވަ ފޮނުވީ ލަވައިގެ ބައެއް ކަނޑާފަ އެވެ. ޓީވީގެ މުވައްޒިފުން ޔަގީންކޮށްދޭ ގޮތުން ވެރިން އަންގައިގެން ލަވައިގެ އެއް ކަޑި ކަޑާލަން ޖެހުނީ އެވެ. އަލުން އެޑިޓްކޮށް އެ ބުނާ ކަޑިއެއް އުނި ކޮށްގެން ނޫނީ އޮންއެއާ ނުކުރަން އެންގީ އެވެ. އެހެންވީމަ އެ ލަވަ ދެއްކީ ކަޑިއެއް އުނިކޮށްފަ އެވެ. އަދި ވީހާވެސް މަދުން އެ ލަވަ ދެއްކުމަށް ވެސް އޮތީ އަންގާފައެވެ.

ދެން އައީ މި އަހަރުގެ ނަސްރުގެ ދުވަހެވެ. އުފެއްދުންތެރިކަން ވަރަށް ދަށްވެފައިވާ ޕީއެސްއެމްގެ ޗެނަލްތަކުގެ ޕްރޮގްރާމް ގައިޑްގައި ނަސްރުގެ ދުވަހުގެ އެއްވެސް ޕްރަގްރާމެއް ނެތީއެވެ. ދުވާލުގެ 24 ގަޑިއިރުން އެންމެ ވަގުތުކޮޅެއް ވެސް ނަސްރުގެ ދުވަހުގެ ހާއްސަ ކަވަރޭޖަށް ހުސް ކުރަން މެނޭޖްމަންޓުން ބޭނުން ނުވީއެވެ. އޮތީ މީގެ އެތައް އަހަރެއް ކުރީން ދައްކާފައި ލޯބީގެ ބައެއް ޑްރާމާތަކާއި ހިރަފުސް ފޮޅާލައިގެން ދައްކަމުންދާ އިހުގެ ޕްރަގްރާމްތަކެވެ. ދެން ދެތިން ލައިވް ޕްރަގްރާމެކެވެ.

އެކަން ބައެއް ނޫސްތަކުން ރިޕޯޓް ކުރުމުން ދައުލަތުން ފައިސާ ނައިގެން ހިންގާ ކުންފުންޏަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާއެކު ދެން އައީ ހިންގުން ބޮއްސުންލާފައިވާ ޕީއެސްއެމްގެ އަނެއް ފެއިލްވުމެވެ. ސޯޝަލް މީޑިއާގައި ޓީވީއެމްގެ ރަސްމީ އެކައުންޓްތަކުން ޕްރޮގްރާމް ގައިޑަށް ކުޑަ ބަދަލެއް އައި ކަަމަށް ބުންޏެވެ. "ހޭޔަންބޯ" ގެ ރިޕީޓް ޕްރޮގްރާމްގެ ބަދަލުގައި "ނަސްރުގެ ދުވަހަށް ހާއްސަ" ލަައިވް ކަވަރޭޖެއް ފަށާ ވާހަކަ އެވެ. "ފަޚުރު" ނަމުގައެވެ. އެ ހިސާބުން ވެސް ރީތިކޮށް ކަމެއް ކުރާކަށް ނޭންގުނެވެ.

އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އައި ޕްރެޝަރުގައި ޕީއެސްއެމްގެ އެމްޑީއަށް ޖަވާބުދާރީވާން މަޖުބޫރު ވެއްޖެ އެވެ. ދެން އައީ އަދި މާ ހެއްވާ ވާހަކަ އެކެވެ. އެމްޑީ އަލީ ހާލިދު ވިދާޅުވި ގޮތުގައި އެ ސްޓޭޝަނުން ވަނީ ރަސްމީ ގޮތުން ފާހަގަ ކުރާ ދުވަސްތައް ކެޓަގަރިޒް ކޮށްފައެވެ. އެ އުސޫލު ބުނާ ގޮތުން ދިވެހިންގެ ނަސްރުގެ ދުވަހަކީ އެ ސްޓޭޝަނަށް ނުވަތަ އެ ވެރިންނަށް އެހާ މުހިންމު ދުވަހެއް ނޫނެވެ.

އެންމެ އިސްކަން ދެވޭ ފަދަ ދުވަހަކަށް ނުވެއެވެ. އެެހެންވީމަ ނަސްރުގެ ދުވަސް ހިމެނެނީ "ބީ ކެޓަގަރީ" ގައެވެ. ޖުމްހޫރީ ދުވަހާއި އީދު ދުވަސް ފަދަ ދުވަހަކަށް ނަސްރުގެ ދުވަހެއް ނުވެއެވެ.

އަލީ ހާލިދުގެ އެ ވާހަކަތަކަށް ވަރަށް ގިނަ އާންމުން ރުޅިވެރިކަމާއެކު ފާޑު ކިޔެވެ. އެއް ބައެއްގެ ނަޒަރުގައި އެއީ ޕީއެސްއެމްއަކީ އެފަދަ ނިންމުމެއް ނިންމޭނެ ކުންފުންޏެއް ނޫނެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ ކުންފުންޏަކުން އެ މީހުން ފާހަގަ ކުރާނެ ދުވަހެއް ކަނޑައެއް ނޭޅޭނެ އެވެ. އެއީ ގައުމީ މަސްލަހަތުގައި މުޅި ރައްޔިތުންގެ ވިސްނުމަށް ހިންގަން ޖެހޭނެ ކުންފުންޏެކެވެ.

"އެ ދުވަހު ޝަހީދުވި މީހުންގެ މައިންބަފައިންނާ ދަރިން އަދި ހުވަފަތް އަނބިން އެތިބީ ދުނިޔޭގައި. ނަސްރުގެ ދުވަސް 'ބީ' ކެޓަގަރީއަށް ވެފައި 'އޭ' ކެޓަގަރީވާނެ އެހެން ދުވަހެއް އޮވެގެންވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އަލީ ހާލިދުގެ ވާހަކަތަކަށް ފާޑުކީ މީހަކު ލިޔެފައި އޮތެވެ.

އަލީ ހާލީދު ވިދާޅުވާ ގޮތުގައި އެއީ 2019 ގައި އެ ވެރިން ހަވާލުވިއިރު ވެސް އޮތް ގޮތެވެ. އެއީ ހަގީގަތަކަށް ވިޔަސް އަދި ނުވިޔަސް އެއީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫނެވެ. މިދިޔަ ދެ އަހަރެއްގައި ނޫނީ ދައުލަތުގެ މީޑިއާއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ ނަސްރުގެ ދުވަހެވެ. އެ ދުވަހަށް ހާއްސަ ޕްރަގްރާމްތައް ހަދައެވެ. ލައިވް ކަވަރޭޖް ގެނެސްދެއެވެ. ދުވަހުގެ 24 ގަޑިއިރު ހާއްސަ ކޮށްފައި އޮންނަނީ ނަސްރުގެ ދުވަހުގެ ވާހަކަތަކެވެ. އެ ދުވަހުގެ ހަނދާންތަކާއި ލިބޭ އިބްރަތްތަކަށެވެ.

އެހެންވީމަ އަލީ ހާލިދު އެ ވިދާޅުވާ އުސޫލެއް ހެދި ބަޔަކު ހަދާފައި އޮތީ އެވެ. މިވެރި ކަމުގައި ތަންފީޒު ކުރާން ފެށީ އެވެ. ގައުމީ ލޯބި ނެތީމަ ނުވަތަ އެ ނޫން ސަބަބެއް އޮވެގެން ނަމަވެސް މިހާރު ތިއްބެވި ވެރިންނަށް އެފަދަ ކަންކަން ތަންފީޒު ކުރަން ފަސޭހަވީ ކަން ނޭނގެ އެވެ.

ދިވެހިންގެ ފަހުރުވެރި 33 ވަނަ ނަސްރުގެ ދުވަސް ވަރަށް އާދައިގެ ގޮތަކަށް ބޯމަތިން ދުއްވާލައިފި އެވެ. އެކަން އެގޮތަށް ހިންގުމުގައި ވަރަށް ބޮޑު ދައުރެއް ދައުލަތުގެ މީޑިއާއިން ނުވަތަ ސަރުކާރުގެ ޓީވީން ކޮށްފި އެވެ. އެކަން ޕީއެސްއެމްގެ ވެރިން ވަރަށް ރަނގަޅަށް މިފަހަރު ތަންފީޒު ވެސް ކޮށްފި އެވެ.

ދެން އޮތީ ގައުމުގެ ހާލަތެވެ. ރަސްމީ މިފަދަ ދުވަސްތަކާއި ގުޅިގެން ރަައީސްގެ ޓްވީޓްތަކާއި ހިތާބުތައް އާދެއެވެ. ބައެއް މީހުންގެ ނަޒަރުގައި ނަސްރުގެ ދުވަހުގެ ހިތާބު އަންނަނީ ފަހުންނެވެ. ރައީސްގެ ޓްވީޓް ވެސް އޮންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ދުވަހުގެ ހާއްސަކަން ގެއްލޭ ގޮތަށެވެ. ދުވަހުގެ ހަގީގަތް ފޮރުވޭ ކަހަލަ ގޮތަކަށެވެ. އެންމެ ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ ރަސްމީ ޖަލްސާއެއް ނެތުމެވެ. އަދިވެސް ބައެއް މީހުން ބުނެއެވެ. ނަސްރުގެ ދުވަހު ރައީސް ރާއްޖޭގައި ވެސް ނުހުންނަވަ އެވެ. ޔަގީނަށް ވެސް މިއަހަރު ނެތެވެ. މިދިޔަ އަހަރު ނެތް ކަަމަށްވެސް ބުނެ ފާޑުކިޔާ މީހުން އުޅެއެވެ. އެއީ ސިޔާސީ ވާދާގައި ނުވަތަ އެ ނަޒަރުން ކިޔާ ފާޑުކިޔުމަކަށް ވެސް ވެދާނެ އެވެ.

މިފަދަ މުނާސަބަތުތަކުގައި މާލޭގެ މުހިންމު ސަރަހައްދުތަކުގައި ގައުމީ ދިދަ ޖަހައެވެ. އެ ޒިންމާ އޮންނަނީ ސިޓީ ކައުންސިލަށެވެ. އެކަމު އެކަން އެ ކައުންސިލުން ކުރަނީ ސަރުކާރުން އެންގީމަ އެވެ. ނޮވެންބަރު މަހު ދިދަ ޖަހަން ޖެހޭ ދުވަސްތައް ރައީސް އޮފީހުން އޮތީ ސިޓީ ކައުންސިލަށް އަންގާފަ އެވެ. އެ ލިސްޓްގައި ވެސް ނަސްރުގެ ދުވަހެއް ނެތެވެ. ރައީސް އޮފީހުން އެދިފައި ވަނީ ނަސްރުގެ ދުވަހަށް ފަހު އޭގެ އަށް ދުވަސް އަންނަ ޖުމްހޫރީ ދުވަހަށް ހާއްސަކޮށް ދިދަ ޖަހާށެވެ.

ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ ދުވަހެވެ. އެ ދުވަހަށްވުރެ 19 ދިވެހިން ޝަހީދުވީ ދުވަހެއްގެ ދަރަޖަ ދެރަވި ސަބަބެއް ނުވިސްނެ އެވެ. ހަނގުރާމަވެރި ބައެއްގެ އަތްދަށަށް ރާއްޖެ ދާނެ ފަދަ ހާލަތަކުން މާތްﷲ ދިވެހިން ސަލާމަތް ކުރައްވާ ނަސްރު މިންވަރު ކުރެއްވުމުން އެއީ ކުޑަ ކަމަކަށްވާނެ ސަބަބެއް ނެތެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް އޮފީހުން އެދުނީ ޖުމްހޫރީ ދުވަހަށް މާލޭގައި ދިދަ ޖަހައިދޭށެވެ. ނަސްރުގެ ދުވަހު އެކަން ކޮށްދޭން އެދިފައެއް ނެތެވެ. އިއްޔެ މާލޭގައި ގައުމީ ދިދަ ޖެހީ ސިޓީ ކައުންސިލްގެ އިސް ނެގުމަށެވެ. މިކަމުން ނަސްރުގެ ދުވަސް "ބީ ކެޓަގަރީ" އަށް ލައިގެން އުޅެނީ ޕީއެސްއެމް އިން އެކަނި ނޫން ކަަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ދިވެހި ސަރުކާރުން ވެސް މިވަގުތު އެ ދުވަސް އޮތީ "ބީ ކެޓަގަރީ" ގައި ޖަހާފަ އެވެ.

ނަމަވެސް ހަގީގަތް ބަދަލެއް ނުވާނެ އެވެ. އެކަން ނުވެސް ފޮރުވޭނެ އެވެ.

ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން ދުނިޔޭގައި އެ ތިބީއެވެ. ހިތްވަރު ގަދަ ހުސައިން އާދަމް ޝަހީދުވެގެން ވެއްޓިފައި ވަނިކޮށް ނަގާފައިވާ ކުލަ ފޮޓޯތައް އެ ހުރީ ފެންނާށެވެ. ކުށެއް ނެތް އާންމުންގެ 11 މީހެއްގެ މެޔާއި ބަނޑު ފޫއަޅުވާލާ ނިކުތް ވަޒަނާއެކު މަގުތަކަށް ވެއްޓިފައިވަނިކޮށް ނަގާފައިވާ ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ އެ އޮތީ ފުރިފައެވެ. ދިވެހިންގެ ފަހުރުވެރި އިސްލާމީ މަރުކަޒުގައި ފަތިހަށް ބަންގިދޭން ހުރި އިމާމު ޝަހީދު ކޮށްލިއެވެ. ދިވެހީންގެ އެތައް ބަޔަކު އިންސާނީ އައްޑަނަަކަށް ބޭނުން ކުރި އެވެ. ބާޒާރު މަތީ ފިހާރަތައް ރޫޓުވާ އެތައް ވިޔަފާރިއެއް ހިނދުކޮޅެއްގެ ތެރޭގައި ހަލާކުގެ ތެރެއަށް ގެންދިޔައެވެ.

ބަލިވުމުން ފިލާ ރައްކާވާން ކުރި މަސައްކަތުގައި ދިވެހީންގެ ބަޔަކު ރަހީނުކޮށްގެން ގެންދިޔަ އެވެ. ކަނޑުމަތީ ބައެއް މީހުންގެ ގަޔަށް ބަޑި ޖަހާ މޫދަށް އެއްލާލި އެވެ. ސިފައިންގެ މައި މަރުކަޒުގައި ވަރުގަދަ ބާގަނޑެއް އުފައްދާ ބަޑި ގުދަން ހިސާރުކުރަން މަސައްކަތް ކުރިއެވެ. މިހެން ގޮސް ކިތަންމެ ކިތަންމެ ކަމެކެވެ. އެ މަންޒަރުތައް ހަމަ ލޮލަށް ފެނުނު ދިވެހީން އެ ތިބީއެވެ. ވާނުވާ ނޭންގި ބިރުވެރިކަމުގައި ތިބެން ޖެހުނު އަތޮޅުތެރޭގެ ރައްޔިތުން އެ ތިބީއެވެ. ޝަހީދުވެ ދިޔަ 19 ދިވެހީންގެ ދަރީންނާއި ދަރީންގެ ދަރީން އަދި މައިންބަފައިންނާއި އާއިލާގެ މެންބަރުން އެ ތިބީއެވެ.

އެ މީހުން އެ ހަނދާންތައް އަބަދުވެސް އައު ކުރާނެ އެވެ. ދިވެހި ގައުމާއި ރައްޔިތުން އެ ޒިކުރާ އައު ކުރާނެ އެވެ. ނަސްރުގެ ދުވަހުގެ އަގެއް އަލީ ހާލިދާއި ޕީއެސްއެމްގެ ކުރިމަތީގައި ނެތަސް ދިވެހިންނަށް އެހެނެއް ނުވާނެ އެވެ. ދިވެހީން ނިކުމެ ގައުމީ ދިދަ ޖަހާނެ އެވެ. ޝަހީދުގެ ޒިކުރާ އައު ކުރާނެ އެވެ. އެ ދުވަހުން ލިބޭން އޮތް އިބްރަތެއް ހާސިލުކުރާނެ އެވެ. އަދި އެ ދުވަސް ކުލަގަދަކޮށް ފާހަގަވެސް ކުރާނެ އެވެ.