ރައްޔިތުންގެ މަޖިލިސް

މާނަކުރުންތަކާ ހެދި މަޖިލީހުގައި މަރުތަޅު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިތާ ފަސް މަސް ފަހުން 2019 ވަނަ އަހަރު އެވެ. އެ އިންތިހާބުގައި މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމްޑީޕީން ހޯދި އެވެ. ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށިގެން އައީ މާބޮޑު ދައްޗެއް ނެތި އެވެ. ނަމަވެސް މިދިޔަ މުއްދަތުގައި ސިޔާސީ ހާލަތު ބަދަލުވެ މިވަގުތު ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިވަނީ އެކީއެކަށްހެން ހުއްޓިފަ އެވެ. ނުވަތަ ހުއްޓުވާފަ އެވެ.

މަޖިލިސް ހުއްޓުވަން މެދުވެރިވަނީ ކޮންކަމެއް

ނިމިދިޔަ ރިޔާސީ އިންތިހާބް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބް ކުރެއްވުމާއިއެކު ރައީސް ނަޝީދު އޭރު ތަންފީޒު ކުރައްވަމުން ގެންދެވި ޖަލު ހުކުމްގައި ހުންނަވައި އެނބުރި ރާއްޖެ ވަޑައިގެން މިނިވަންވެ، ސިޔާސީ މަސައްކަތަށް އަނެއްކާވެސް ނިކުމެވަޑައިގެންނެވި އެވެ. އެފަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބް ކުރެއްވުނީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާ ވެސް ގުޅިގެން އިއްތިހާދެއް އެކުލަވައިގެންނެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެއްބަސްވުންތަކެއް ހެދިގެންވެސް ދިޔައެވެ. ނަމަވެސް މިއިން އެއްވެސް އެއްބަސްވުމަކަށް ބެއްލުވުމެއް ނެތި މަޖިލީހުގެ އިންތިހާބުގައިވެސް ރައީސް ނަޝީދަށް ފެނިވަޑައިގެންނެވި ގޮތަކަށް ކަންކަން ކުރައްވަމުން ވަޑައިގެންނެވި އެވެ. އަދި އެ އިންތިހާބުގައި ރައީސް ނަޝީދު ގޮނޑިއެއް ކާމިޔާބު ކުރައްވައި މަޖިލީހަށް ވަނީ ވަޑައިގެންފަ އެވެ.

މަޖިލީހަށް ވަޑައިގެންވެސް ރައީސް ނަޝީދު ކުރައްވަމުން ގެންދެވި އަމިއްލަފުޅު ސިޔާސީ މަސައްކަތަށް ރައީސް ސޯލިހު ދީލާނުލެއްވުމުން ސަރުކާރާއި މަޖިލިހާއި ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރު ކުރަން ފެށި އެވެ. އެވަގުތަކީ މަޖިލީހުގެ ރައީސަކު ކަނޑައަޅަން ދިމާވެފައި އޮތް ވަގުތު ކަމުން ރައީސް ނަޝީދު ބޭނުންފުޅުވާ ފަރާތެއް ރިޔާސަތަށް ގެނައުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަން ފެއްޓެވުމުން ސަރުކާރުގެ ތާއީދު އޮތް ބޭފުޅެއް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ސަރުކާރުންވެސް މަސައްކަތް ފެއްޓި އެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި މިކަމުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ ދެފަރާތުން ހުށަހެޅި ބޭފުޅުންނަށް އެއްބަސް ނުވެވުމުން އެންމެ ފަހުން އެކަމުގައި އެއްބަސްވެވުނީ ރައީސް ނަޝީދު ސީދާ މަޖލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށެވެ.

މަޖިލިހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ތާއީދު އޮތް އެންމެ އަރިސް އަދި އެމަނިކުފާނާއި އާއިލީގޮތުން ތިމާގެ ބޭފުޅެއް ކަމުގައިވާ ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް އަކަށް އެވަގުތު ކަނޑައެޅުނެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރު ފެށުމާއެކު ރައީސް ނަޝީދުގެ ރުހުން އޮތްގޮތަކަށް ނޫން އެއްވެސް ގޮތަކަށް މަޖިލިހުގެ އެންމެ ކަމެއްވެސް އެމަނިކުފާނު ކުރިއަށް ގެންދަވާކަށް ބޭނުންފުޅެއް ނުވި އެވެ. އަދި ސަރުކާރަށް ޕްރެޝަރަކަށް ވާނެ ކޮންމެ ގޮތަކަށް އަމަލުފުޅު ވަނީ ބަހައްޓަވާފަ އެވެ. ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުން ފެށިގެން މަޖިލިސްގެ ބަހުސްތަކާއި ގެންނަންޖެހޭ ބިލްތައް ކަނޑައެޅުމާއި އެޖެންޑާ އެތުރުމަކީ އެމަނިކުފާނުގެ ފުރިހަމަ ބާރު ދަށުގައި ހުރި ކަންކަމަށްވާތީ އެ ބާރުގެ ބޭނުންކުރެއްވީ ބޭނުންފުޅުވާ ސިޔާސީ އެޖެންޑާ ހާސިލްކުރުމުގެ މަގަށެވެ.

މީގެ ނަތީޖާ އަކީ ހަތަރު އަހަރާއި ބައެއްހައި ދުވަސްފަހުން މަޖިލީހުގެ ރިޔާސަތުގައި ތިއްބެވި އާއިލީ ގޮތުންވެސް ތިމާގެ ދެބޭފުޅުން ކަމުގައިވާ ނަޝީދާއި އީވާއަށް ސަރުކާރުގެ އިތުބާރު ގެއްލުމެވެ. މިވަގުތު މި ދެބޭފުޅުން ރިޔާސަތުން ދުރުކުރުމަށް އެވަނީ މަޖލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑު އަދަދަކުން ސޮއިކޮށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތް ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ނައިބް ރައީސް އެވެ. ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންދާ ޖަލްސާއެއްނަމަ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ރައީސް އެވެ. އިޖުރާތު މިހާ ސާފުކޮށް އޮތް ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލައާ އެކު ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ މަޖިލިސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދާއި އީވާ ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވާފަ އެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އަންގަވައިގެން ބައެއް ޖަލްސާތަކުގައި މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނަވަނީ މަޖިލީހުގައި މިވަގުތު ހުންނެވި އެންމެ ސީނިއަ ބޭފުޅާ ކަމުގައިވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

އަފީފްގެ ބެއްލެވުމުގެ ދަށުން ރިޔާސަތުން ޖަލްސާތައް ގެންދަވަން ފެށުމާއެކު މަޖިލީހުގެ މައިނޯރިޓީ މެންބަރުން ވަނީ އެ ބޭފުޅުންގެ މަޝްވަރާ އެއް ނެތި ކޮމިޓީތައް އަލުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ތުހުމަތު ކުރައްވައި ނިޒާމީ މައްސަލަތައް ނަންގަވައި މަޖިލީހުގެ ނިޒާމު ގެއްލުވާލާފަ އެވެ. މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުނީ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީ ދޫކުރައްވައި ވަޑައިގަތުމުންނެވެ. އެ ބޭފުޅުންނާއެކު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ވަނީ އައު ސިޔާސީ ޕާޓީ އެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ.

މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަވަމުން ގެންދަވާ އަފީފް އަކީ ރައީސް ސޯލިހުގެ ފަރާތުން އެންމެ ފުރަތަމަ މަޖިލީހުގެ ރިޔާސަތަށް ގެނައުމަށް ބޭނުންވި ބޭފުޅާ އެވެ. ނަމަވެސް މިހާރު އަފީފް އަކީ އެމްޑީޕީން ވަކިވެވަޑައިގެންނެވި 13 މެންބަރުންގެ ތެރެއިން ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ސިޔާސީ ހަރަކާތްތަކަށް ފުރިހަމައަށް ހިތްވަރު ދެއްވާ އެކަންކަމުގައި އަމަލީގޮތުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މަޖިލިސް ހުއްޓުވާފައިވާ މި ހާލަތުގައި މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީ -- އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ރައީސް ނަޝީދާއި އީވާ އާއި އަފީފް ނޫން ބޭފުޅަކު ރިޔާސަތަށް ލެވޭނެ ގޮތެއް ނެތުމެވެ. ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި އެކު އެ ދެ ބޭފުޅުން ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގެންނެވިއިރު ރިޔާސަތު ބަލަހައްޓަވަން ދެން ހުންނެވި އަފީފްވެސް ރައީސް ނަޝީދުގެ އަރިހުގައި ހުންނެވުމާ ގުޅިގެން މަޖިލިސް ގަވައިދަށް އިސްލާހުތަކެއް ހުށަހަޅައިގެން މަޖިލިސްގެ މަރުތަޅު ނައްޓަން އެމްޑީޕީން އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް މައްސަލަ އެޖެންޑާ ކުރުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސްއަށް ކަމަަށްވާތީ މިވަގުތު އެ އިސްލާހުތައް އެޖެންޑާ ކޮށްގެން ކުރިއަށް ދެވިދާނެ ކަމަކަށްވެސް ނުބެލެވެ އެވެ.

މަޖިލީހުގެ މައިނޯރިޓީއަށް ނިސްބަތްވާ މެންބަރުން މަޖިލިހުގެ ނިޒާމު ގެއްލުވާލުމުން ރިޔާސަތުގައި އިންނަވައިގެން އަފީފްގެ ހަމައެކަނި ޒިންމާ އަކަށް ހައްދަވާފައިވަނީ "ނިޒާމު ގެއްލިފައިވާ ކަމަށް" ވިދާޅުވެ ކޮންމެ ދުވަހެއްގެ މަޖިލިސް ޖަލްސާ ވަކި ހިސާބަކުން މެދުކަނޑާލުމެވެ.

"އާދެ. މި ނިންމާލަނީ. ނިންމާލަނީ. ނިންމާލަނީ،" މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަފީފް އިންނަވަނިކޮށް އޭނާއަށް އައި ފޯނުކަލަށް މި ޖަވާބު ދެއްވުމަށްފަހު މަޖިލިސް އިއްޔެވެސް ނިންމަވާލެއްވީ ނިޒާމު ނެތް ކަމަށް ވިދާޅުވެފަ އެވެ.

މަޖިލިސް ގަވައިދުގައިވާ ގޮތުގެމަތިން ނިޒާމު ގެއްލުވާލާ މެންބަރުން ޗެމްބަރުން ބޭރުކޮށްގެންވެސް ރިޔާސަތުން ޖަލްސާތައް ކުރިއަށް ގެންދިއުމަށް ލާޒިމްކުރެ އެވެ. ޕާޓީ ޓިކެޓްގައި މަޖިލީހަށް ހޮވި މެންބަރުން ޕާޓީ ސްވިޗް ކުރިނަމަވެސް މަޖިލިސް ޖަލްސާތައް ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ ގޮތް ގަވައިދުގައި ލިޔެފައިވެސް އެބައޮތެވެ. މީގެއިތުރުން މަޖިލިސްގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް އަމީންއާންމެއް ކަނޑައަޅާފައިވާއިރު މަޖިލިސް ހުއްޓުންފަދަ ބުރުލެއް އެރިޔަ ނުދިނުމަށް މަޖިލީހަށް ގާނޫނީ ލަފާދޭ ކައުންސެލް ޖެނެރަލެއްވެސް މަޖިލީހުގައި ހުންނަވަ އެވެ.

މަޖިލިސް ހިންގަންވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ސާފުކޮށް އޮތް ނަމަވެސް އެކި ބޭފުޅުން އެކި ގޮތަށް މަޖިލިސް ގަވައިދު މާނަކޮށްގެންނާއި ސިޔާސީ ފައިދާއަށް މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ބޮޑު ގެއްލުމެކެވެ. އެއީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ދޭ ގެއްލުމެކެވެ.