ރިޕޯޓް

މިއީ ޕީއެސްއެމް "މިނިވަން" ވުމެއް ނޫން!

"ޕީއެސްއެމްއަކީ އަބަދު ސަރުކާރުގެ "އަނގަ"އަށް ވެފައި އޮންނަން އަހަރެމެން ބޭނުމެއް ނުވޭ،" ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު މީހަކު ޓްވިޓާގައި ހިޔާލުފާޅުކުރި އެވެ.

ރިޔާސީ އިންތިހާބު، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކާމިޔާބު ކުރެއްވުމާއެކު، ޕީއެސްއެމްގެ ރާގާއި ބަސްމަގު މުޅިން ވަނީ ބަދަލުކޮށްފަ އެވެ. ދައުލަތުގެ މީޑިއާގެ މުޅިން އެކޮޅު ކޮޅުން ޖެހުނެވެ. މިހުރިހާ ކަމެއް ހިނގީ ހަމަ ސުކުންތުކޮޅެއްގެ ތެރޭގަ އެވެ. ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތްތާ 24 ގަޑިއިރު ނުވަނީސް "ރައީސް ޔާމީންގެ ޕްރޮޕެގެންޑާ މެޝިން"ގެ ގޮތުގައި އޮތް ޕީއެސްއެމް އެއް ބަޔަކަށް "މިނިވަން"ވެއްޖެ އެވެ. އެތަން ހިންގަވަން ތިއްބެވި އިސްވެރިން މައިތިރިވެ، ކޮޅު ބަދަލު ކުރެއްވީ އެވެ. އެބޭފުޅުން އެރި ވަޑައިގެން ތިއްބެވި ފިޔާތޮށި ދުލި އެއްލައިލައްވާ ރީދޫ ދުލީގެ ތެރެއަށް އެރުއްވީ އެވެ. އެކަމަކު ސުވާލަކީ މިއީ ދައުލަތުގެ މީޑިއާ މިނިވަން ވުން ހެއްޔެވެ؟

ކާމިޔާބު ހޯއްދެވި އިބޫ ކެމްޕެއިން ނިންމަވާލެއްވީ ޕީއެސްއެމްގެ އެއްވެސް އެހީއެއް މަދަދެއް ނެތި އެވެ. މިއީ ދައުލަތުގެ މީޑިއާގެ އެއްވެސް އެހީއެއް ނެތި، ރިޔާސީ ކެމްޕޭނެއް އިދިކޮޅުން ނިންމާލި ފުރަތަމަ ފަހަރެވެ. ސަބަބަކަށްވީ، ޓީވީއެމްއިން އެ ފުރުސަތު އިންތިހާއަށް ހަނިކުރުމެވެ. އިދިކޮޅު ކެމްޕޭނަށް ހިޔަނި އެޅޭ ގޮތަށް ފަތުރަމުން އައި ވަރުގަދަ ޕްރޮޕެގެންޑާ އެވެ. އިބޫގެ އެއްވެސް އިންޓަވިއުއެއް، އެއްވެސް އިވެންޓެއް ދައުލަތުގެ މީޑިއާގެ ނަމުގައި ހިންގަމުން ދިޔަ، ޓީވީއެމްއިން ނުދެއްކި އެވެ. އެންމެ ކުޑަމިނުން ހަބަރުގެ ގޮތުގައި އެ ހަފްލާތަކުގެ ވާހަކަ ގެނެސްވެސް ނުދިނެވެ. އޭގެ ބަދަލުގައި ކުރީ ޖެއްސުމެވެ. ސީދާ އިބޫގެ އިންތިހާބީ ހައްގަށް ހުރަސް އެޅޭ ގޮތަށް ވަރުގަދަ އެންޓި ކެމްޕެއިން ކުރި އެވެ. ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ، މުހައްމަދު އިކްރާމް ފާޅުގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރައްވަމުން ގެންދެވީ ފިޔާތޮށި ޓީޝާޓްގައި ކެމްޕޭން ޖަލްސާތަކަށް އަރުއްވަ އެވެ. އަޑު ނާހަން ހުންނަ މީހާއަށް ވެސް އަޑުއިވޭ ވަރަށް ބާރަށް އިކުރާމްގެ ކެމްޕޭން ދިޔައީ ކުރިއަށް ގެންދަވަމުން އެވެ. ކެމްޕެއިން އިވެންޓްތައް ހޯސްޓް ކުރެއްވި އެވެ. ޓީވީއަށް އަރުއްވައިގެން އިދިކޮޅަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުކުރެއްވި އެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ދައުލަތުގެ މީޑިއާ ވެއްޓިފައި އޮތް ދަށު ދަރަޖަ އެވެ.

އެ ހާލުގައި އޮތް ދައުލަތުގެ މީޑިއާ "އެއްލަކިން" ރާގު ބަދަލުވުމާ އެކު ފާޑުކިޔުމާއި ރުޅިވެރިކަން މި އޮތީ އިންތިހާއަށް އަމާޒުވެފަ އެވެ. އިބޫގެ ކާމިޔާބީއާ އެކު މީގެ ކުރިން ދުވަހަކު ވެސް އިދިކޮޅު އިވެންޓްތަކަށް ކަވަރޭޖް ނުދޭ ވަރަށް ޓީވީއެމްގެ އޮންއެއާ ހުސްކުރި އެވެ. އެންމެ ކުޑަމިނުން އެމްޑީޕީގެ ގައުމީ މަޖިލިސް، ރާއްޖެޓީވީގެ ފީޑް ނަގައިގެން ވަގުތުން
ދެއްކި އެވެ. ޕީޕީއެމްގެ އިވެންޓްތައް ވެސް ކޮންމެވެސް ވަރަކަށް ހިނގަމުން ދިޔަ ނަމަވެސް އެ ޕާޓީގެ އިވެންޓްތައް ލައިވް ކުރުން ހުއްޓާލި އެވެ. ކެމްޕޭންގެ ތެރޭގައި ޕީޕީއެމްގެ ހުރިހާ އިވެންޓެއް ކަހަލަ ގޮތަކަށް ޓީވީއެމްއިން ދިޔައީ ވަގުތުން ގެންނަމުން އެވެ. މި ބަދަލާ މެދު އާންމުން ދެކެނީ ކިހިނެއް ހެއްޔެވެ؟

ކުރިން ނޫސްވެރިކަން ކުރި، މުހައްމަދު ބުޝްރީ އޭނާގެ އިހުސާސްތައް ޓްވިޓާގައި ބަންޑުން ކުރަމުން ބުނީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޓީވީއެމްއިން ފުރުސަތު ދިނުމަކީ ހައިރާން ވެގެން ތައުރީފު ކުރަން ޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ. ބުޝްރީގެ ކަންބޮޑުވުމަކީ އެއިރެއްގައި އޮންނަ ސަރުކާރުގެ ކަންކަން އެކަނި ކަވަރު ކުރާ ތަނަކަށް ދައުލަތގުގެ މީޑިއާ ބަދަލުވުމުގެ ކޮޅުމަތި ފެންނާތީ އެވެ. އޭގެ ބަދަލުގައި ދައުލަތުގެ މީޑިއާ ވާން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރާނެ ތަނަކަށް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ވިޔަފާރި ވެރިޔާ އަހުމަދު މާޖިދު، ލެކިއުޓް މާޖީ އޭނާގެ ހިޔާލުފާޅު ކުރަމުން ބުނީ، އެމްޑީޕީގެ ގައުމީ މަޖިލިސް ޓީވީއެމް އިން ވަގުތުން ގެނެސް ދިނުން ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ކަމަށް ވާނަަ ޓީވީއެމް އެ ވެއްޓުނީ ކުރީގައި ވެސް އޮތް ދަށު ދަރަޖައަކަށް ކަމަށް އޭނާ ގަބޫލު ކުރެ އެވެ. މާޖީ ދެކޭ ގޮތުގައި ލައިވް ކުރުމުގެ ބަދަލުގައި ޓީވީއެމް އިން ޖެހޭނީ ގައުމީ މަޖިލީހުގެ ހަބަރު ހަދާށެވެ. އެއީ ގައުމީ ޓީވީއިން ލައިވް ކަވަރޭޖް ދޭން ޖެހޭ ވަރުގެ އިވެންޓެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ހެލްތް ޕްރޮފެޝަނަލްއެއް ކަމަށްވާ ޑރ. މައުރޫފް ހުސެން ޓީވީއެމްގެ ރާގު ބަދަލުވުން ސިފަ ކުރެއްވީ، ކުރީގައި އޮތް ގޯސް އަނެއްކާ ވެސް ތަކުރާރު ކުރުން ކަމަށެވެ. އޭނާ ބުނީ ޓީވީއެމްއަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ހިމާޔަތް ކުރާ ބައެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުވާން ވެއްޖެ ކަމަށެވެ. އެހެން ނޫނީ އެއީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ބަލައިގަނެވެން ނޯންނާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މިއީ ޓީވީއެމްގެ ރާގަށް އައި ކުއްލި ބަދަލާ އެކު އާންމުންގެ ހިޔާލުތައް ހުރި ގޮތެވެ. އެތަނުގެ ރާގު ވަކި އަތަކަށް ބުރަވެ ހުސްވެފައި އޮތުމަކީ އާންމުން ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު އެންމެ ބޮޑު މައްސަލައަކީ އެތަން ހިންގަވަން ތިއްބެވި ވެރިން އަދިވެސް އެ އުސޫލު ދަމަހައްޓަން އުސޫލުތައް ބައްޓަން ކުރަމުން ދިޔުމެވެ. ސިޔާސީ ގޮތުން ބުރަވާ ކޮޅަކަށް ޓީވީއެމްގެ ޕޮލިސީ ބަދަލު ކުރައްވައިގެން، އެބޭފުޅުންގެ މަގާމު ދިފާއު ކުރަން ކުރައްވާ މަސައްކަތްތަކެވެ.

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ގާނޫނުގައި ބުނަނީ ކީކޭ ހެއްޔެވެ؟ "އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމި އޮންނަން ޖެހޭނެ އެވެ." މިހާރު މަންޒަރު ފެންނަ ގޮތުން ގާނޫނީ ގޮތުން މި ދައްކާ މަންޒަރާ އެއްގޮތަށް ޓީވީއެމްގެ މަންޒަރު ބަދަލުވެދާނެ ހެއްޔެވެ؟ އެކަމަކު މަންޒަރު ފެންނަ ފެނުމަށް ދައުލަތުގެ މީޑިއާ މި އެނބުރެނީ އެ ދިމާލަކަށް ނޫނެވެ.

އެއް ބަޔަކަށް އިއްޔެ ރޭ ޕީއެސްއެމްއިން ފެނިގެން ދިޔައީ ނަމޫނާއެއްގެ ގޮތުގަ އެވެ. އިދިކޮޅު ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް "ރާއްޖެމިއަދު" ޕްރޮގްރާމުން ފުރުސަތު ދިނެވެ. އެއަށްފަހު އަނެއް ކޮޅުން، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ފުރުސަތު ދިނެވެ. އެ ބޭފުޅަކު ބޭނުންވާ ވާހަކައެއް ދައްކަން ފުރުސަތު ވެސް ދިނެވެ.

ރައީސް ޔާމީންގެ ކޮރަޕްޝަންތަކުގެ ވާހަކަތައް ވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ހަސަން ލަތީފު ދެއްކެވި އެވެ. އެކަމަކު މިއީ ހަގީގީ ނިޔަތުގައި ޕީއެސްއެމް މިނިވަން ވުން ހެއްޔެވެ؟ ގައުމީ ޓީވީގައި ރައީސުލްޖުމްހޫރިއްޔާއަށް ވަގަށް ގޮވަން ފުރުސަތު ދޭ ލެވަލްއަށް ޓީވީއެމް ގޮސްގެން ނުވާނެ އެވެ. އެއީ ވަރަށް ދަށު ހުތުރު ދަރަޖައެކެވެ. ގައުމީ ޓީވީއަކުން އޮންއެއާ ކުރެވޭނެ އުސޫލުތަކާއި ހަމަތައް އޮންނަން ވާނީ ފިސާރި ރަނގަޅަށް ލިޔެފަ އެވެ. އޭގެ ބަދަލުގައި ޓީވީއެމް މި ފެންނަން ފެށީ، އުސޫލެއް ހަމައެއް ނެތި ދެން ވެރިކަމަށް އަންނަން ތިއްބެވި ފަރާތްތައް ހިމާޔަތް ކުރަން ފޫގަޅާލި މަންޒަރެވެ.

ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދެއްކެވި އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ވަގުތުން ޓީވީއެމްއިން ދައްކަމުން ދިޔަ އެވެ. އެމްޑީޕީއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިޔަސް ޓީވީއެމް އިން ވަގުތުން ދައްކަން ފެށި އެވެ. މިއީ ފުކެއް ބޮޑުވަރެވެ.

ޕީއެސްއެމްއަށް އައި ބަދަލާ ގުޅޭ ގޮތުން ޓްވީޓާގައި ލިޔުނު މީހަކު ބުނީ، އަބަދު އެއް ފަޅިއަކަށް ބަރުވެފައި އޮންނަ ތަނަކަށް ގައުމީ ޓީވީ ވާން ބޭނުން ނުވާ ކަމަށެވެ. އާންމުން ދެކޭ ގޮތުގައި، އެމްޑީޕީ ސަރުކާރެއް އަޔަސް، އެއީ އެމްޑީޕީގެ "މައުތްޕީސް"އަށް ޕީއެސްއެމް ވެގެން ނުވާނެ އެވެ. ހަބަރުތައް ގެނެސްދޭން ޖެހޭނީ ހަމަހަމަކަމާއެކު، ވަކި ކޮޅަކަށް ނުޖެހި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް ދެކޭ މީހުން މިވަނީ ގިނަވެފަ އެވެ. ސުވާލަކީ އަލަށް އަންނަ ސަރުކާރުން އެގޮތަށް އަމަލު ކުރާނެ ހެއްޔެވެ؟ ނޫނީ ޕީއެސްއެމް މިހާރުވެސް އޮތް ގޮތަށް ބާއްވާނީ ހެއްޔެވެ؟

މިއީ ހައްތަހާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ.

ހަމަހަމަކަމާއި، މިނިވަންކަމާއި، އިންސާފުގެ ވައުދުތަކާއެކު އިންތިހާބުވި އާ ސަރުކާރު ވެސް ހަނދާނުގައި ބެހެއްޓުން މުހިންމުކަމަކީ، ދައުލަތުގެ މީޑިއާ އަކީ އޭރަކު އޮންނަ ސަރުކާރެއްގެ "ހަތިޔާރަކަށް" ވެގެން ނުވާނެ އެވެ. ވަކި ބަޔަކަށް ބުރަވުމަކީ ދައުލަތުގެ މީޑިއާގެ މިނިވަންކަމެއް ނޫންކަން ގަބޫލުކުރާށެވެ. ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވައި، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ދައުލަތުގެ މީޑިއާއެއް ކަށަވަރުކުރުމަކީ، އެ މަސައްކަތުގެ ފެށުން ކަމުގައި ހަދަން ޖެހެ އެވެ. ދައުލަތުގެ މީޑިއާއެއްގެ އަގު ވައްޓާލި ވެރިން އެތަނުން ބޭރުކޮށް ސާފުކުރަން ޖެހެ އެވެ. އަދި އެކަމަށް އެއްބާރުލުން ދިން އިސްވެރިން ޖަވާބު ދާރީ ކުރުވަން ޖެހެ އެވެ. ދައުލަތުގެ މީޑިއާ މިހާ ދަށު ފެންވަރަކަށް ވައްޓާލި ބަޔަކަށް އެއްވެސް ބަޔަކު ކުޑަ ނަމަވެސް ފުރުސަތެއް ދޭކަށް ނުޖެހޭނެ އެވެ.