ރަ އީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ނިކުންނަވާއިރު އެމަނިކުފާނުގެ ރަނިންމޭޓްކަން ހުށަހަޅުއްވައިފިނަމަ ގަބޫލުކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ސޯލިހާއި އެކު މަސައްކަތް ކުރައްވަން ތައްޔާރަން ހުންނެވި ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންފިނަމަ ރަނިންމޭޓްކަން ގަބޫލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެފަދަ ހުށަހެޅުމެއް ރައީސް ސޯލިހުގެ ފަރާތްޕުޅުން އަދި ލިބިވަޑައިގެންފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ ގައުމަށް ހިދުމަތް ކުރަން އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އެއްވެސް ބޭފުޅަކު އެކަމާ ދެކޮޅު ހަދާފާނެހެނެއް. އެކަމަކު އަޅުގަނޑު އެކަމަށް ސީދާ ވިސްނައިގެންނެއް ނޫން އަދި މިހުރީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ މަޝްވަރާއެއް އަދި އެއްވެސް ބޭފުޅަކާ ކުރައްވާފައި ނުވާނެ ކަމަށެވެ. އެކަމަކު ހުށަހެޅުން ރައީސްގެ ފަރާތްޕުޅުން ލިބިވަޑައިގެންފިނަމަ ނޫނެކޭ ވިދާޅު ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަޅުގަނޑަކަށް ހިޔެއް ނުވޭ ގައުމަށް ހިދުމަތް ކުރަން އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އެއްވެސް ބޭފުޅަކު އެކަމާ ދެކޮޅު ހަދާފާނެހެނެއް. އެކަމަކު އަޅުގަނޑު އެކަމަށް ސީދާ ވިސްނައިގެންނެއް ނޫން އަދި މިހުރީމުހައްމަދު އަސްލަމް | ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަން ކޮންމެ ބޭފުޅަކު ނިކުންނެވި ނަމަވެސް އޭނާ ތާއީދުކުރައްވާނީ ރައީސް ސޯލިހަށް ކަމުގައިވެސް ވިދާލުވި އެވެ. ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވީ ދިވެހި ތާރީހުގައި ދިވެހި ގައުމަށް ދިމާވި އެންމެ އުނދަގޫ ދުވަސްތަކުގައި ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރައްވައިގެން ގައުމު ރަނގަޅު މިސްރާބަކަށް ގެންގޮސްދީފައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ޕްރައިމަރީގައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން. އިރާދަކުރެއްވިއްޔާ [ރައީސް ސޯލިހް] ޕްރައިމަރީ ކާމިޔާބު ކުރައްވާނެ. އޭގެ ފަހުން ރިޔާސީ އިންތިހާބުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ޒައާމަތުގައި ނިމިދިޔަ ހަތަރު އަހަރަކީ ވަރަށް ކާމިޔާބު ހަތަރު އަހަރު ކަމަށާއި ކުރައްވާފައިވާ މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ރައީސް ސޯލިހް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތުމާ އެކު ކޮންމެ ރަށަކުން ވެސް އެމަނިކުފާނުގެ ވަރުގަދަ ކެމްޕޭން ޓީމެއް ފެންނާނެ ކަމުގެ ޔަގީންކަންވެސް އަސްލަލް ދެއްވެވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ. އެހެންވީމާ އަޅުގަނޑު މިހުރީ އެގޮތަށް ހިތުން ނިމިގެން،" އަސްލަމް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުމަށް އަސްލަމް މިހާރު ނިންމަވާފައިވީ ނަމަވެސް އަސްލަމަކީ 2013 ވަނަ އަހަރު ރައީސް ނަޝީދުގެ ރިޔާސީ ކެމްޕޭންގައި މެނޭޖަރެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މިހާރު ކުރިއަށްދާ 19 ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވިއިރު ވެސް އަސްލަމް ހުންނެވީ ރައީސް ނަޝީދުއާ އެކު އެވެ. ނަމަވެސް ރައީސް ސޯލިހާއި ރައީސް ނަޝީދު ސިޔާސީ ގޮތުން ހިޔާލުތަފާތުވެ އެމްޑީޕީ ދެބައިވުމާ ގުޅިގެން އަސްލަމް ވަނީ ރައީސް ސޯލިހާ އެއްކޮށް މަސައްކަތް ކުރައްވަން ފައްޓަވާފަ އެެވެ.
ރައީސް ނަޝީދު ބާއްވަމުން ގެންދަވާ "އާސްކްސްޕީކާ" ޝޯގައި ވާހަކަދައްކަވަމުން މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ކުރާ ކޮންމެ ކަމެއްގައިވެސް އަސްލަމް ބައިވެރިކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާ އެކު މަސައްކަތް ކުރެއްވުމަށް އަސްލަމްގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އަސްލަމް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.