ހައުސިން ޔުނިޓް

ނުކުޅެދުންތެރިންގެ ފްލެޓްތަކަށް އަލުން ޕޮއިންޓް ދޭން އަންގައިފި

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފްލެޓް ދޫކުރުމާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ ޝަކުވާތަކަކަށް ބެލުމަށްފަހު އަލުން ފޯމްތަކަށް ޕޮއިންޓް ދިނުމަށް އޭސީސީން އަންގައިފި އެވެ.

އޭސީސީން ބުނީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ހަމައެކަނި "ހާލަތު ބަލާ ފޯމް" ގައި ހުރި މަޢުލޫމާތުތަކަށް ބުރަވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ދީފައިވާ މަޢުލޫމާތަކަކީ ސައްހަ މަޢުލޫމާތުތަކެއް ކަމުގައި ބަލައިގެން ކަމަށާއި ނަމަވެސް ހަމައެކަނި ބެލެނިވެރިން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުބެލެވޭ ކަމަށެވެ.

އޭސީސީން ބުނީ ފޯމް ތަކުގެ ތެރެއިން ބައެއް ފޯމުތަކުގައި ފުރިހަމަ ކޮށްފައިނުވާ މައުލޫމާތުތަކަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ފްލެޓްތަކަށް ޝޯޓް ލިސްޓްވި 15 ފަރާތުގެ ތެރެއިން އެންމެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތަށް ލިބިފައިވަނީ 62.75 ޕޮއިންޓް ކަމަށް ވީނަމަވެސް، 62.75 އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތައް ޝޯޓް ލިސްޓް ކޮށްފައި ނުވުމުން، ޝޯޓް ލިސްޓް ކޮށްފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައް ކަމަށް ބެލެވެން ނެތްކަމަށެވެ.

ފްލެޓަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާ މެޑިކަލް ސެޓްފިކެޓްގައި ބަޔާންކޮށްފައިނުވާ ނުކުޅެދުންތެރިކަމަށްވެސް ޕޮއިންޓް ދޭ ފޯމުގައި ޕޮއިންޓް ދީފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ބަލާކަމަށް "ޙާލަތު ބަލާ ފޯމް" ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ފްލެޓަށް އެދޭ ފޯމާއެކު ހުށަހަޅާފައިވަނީ ހަމައެކަނި ފްލެޓަށް އެދޭ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ޙާލަތު އެނގޭނެ ލިޔުންތައްކަމަށް ވާތީ، އެއީ ރަނގަޅުގޮތް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ވެއެވެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތް ބެލެހެއްޓުމުގައި ހޭދަވި މުއްދަތައް ޕޮއިންޓް ދޭން ކަނޑައަޅާފައިވާއިރު، ބައެއް ފަރާތްތަކަށް އެބަޔަށް ޕޮއިންޓް ދީފައިވަނީ، އެބަޔަށް ޕޮއިންޓް ދޭން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަމާއި، ފޯމް އެއްކޮށް ފުރިހަމަ ކޮށްފައިވަނީ އަދި ފޯމްގެ ބައެއް ބައިތައް ފުރިހަމަކޮށްފައިވަނީ ފަންސުރުން ކަމަށްވުމުން، އެ ފޯމުތަކުގައި ލިޔެފައިވާ މަޢުލޫމާތާއި ދީފައިވާ ޕޮއިންޓް ބަދަލުކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަވެފައިވާތީ އަލުން ޕޮއިންޓްދޭން އެދުނީ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މި ފްލެޓްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭން މަސައްކަތް ކުރާ ފްލެޓްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަހަރަކު 15 ފުލެޓް ދޭން ސަރުކާރުން ނިންމީ 2013 ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލެޓް ހަވާލުކުރު ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުން ގިނަ އަދަދަކަށް ޝަކުވާ ހުށަހެޅުމާއި ގުޅިގެން، ސަރުކާރުން އެންގީ 2014 ވަނަ އަހަރު ދޭން ނިންމި ފުލެޓުތަކަށް ލީ ފޯމުތައް އަލުން ރިވައިޒް ކުރުމަށެވެ. އެގޮތުގެ މަތިން ކުރިން ބޭނުންކުރި ފޯމުތައް އުވާލައި، މާކްސް ދިނުމުގެ އައު ގަވާއިދަކާއި އެކު އަލުން ފޯމުލާން އެންގި އެވެ.