މީހުން

އަލުން ތެދުވަން އަޖައިބެއް ކަހަލަ ހިތްވަރެއް

ކު ުޑައިރުންސުރެ ކުޅިވަރަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ އަފްރާގެ އެންމެ ޒުވާން ދުވަސްވަރު ހޭދަކުރީ ހަރަކާތްތެރި ޒުވާނެއްގެ ގޮތުގަ އެވެ. ގދ. ތިނަދުއަށް އުފަން އަހްމަދު އަފްރާހް އެމްއެންޑީއެފްގެ ވަޒީފާއަށް ވަނީ ގައުމީ ހިދުމަތުގައި، ގައުމުގެ ދިފާއުގައި ޒުވާން ދަރިފުޅު އުޅޭތަން ދެެކެން ބައްޕަ ދުށް ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ބައްޕަގެ އެދުމުގެ މަތިންނެވެ. އެ މަންޒަރު ފެނުމުގެ ނަސީބު ބައްޕައަށް ލިބުނީ ކުޑަދުވަސްކޮޅަކަށެވެ. އަފްރާ ސިފައިގެއަށް ވަންތާ މާގިނަ ދުވަހެއް ނުވެ ބައްޕަ މި ދުނެޔާ ވަކިވި އެވެ.

އަފްރާ ބުނި ގޮތުގައި ބައްޕައަށްޓަކާ ކޮށްދިން ކަމަކަށް ވިޔަސް މާބޮޑަށް އެ ވަޒީފާއާ ގާޔާވާ ގޮތެއް ނުވި އެވެ. ރާއްޖޭގެ ސިޔާސީ މަަސްރަހަށް އައި ހަލަބޮލިކަމާ، އެއިރު އެވަޒީފާގައި ދިމާވި ބައެއް ކަންކަމާ ގުޅިގެން އަފްރާ ސިފައިގެއިން ވަކިވީ އެވެ. އެއަށްފަހު ވެސް އަދާކުރީ އެނާގެ ފިޓް ހަށިގަނޑާ އެންމެ ގުޅޭ އެންމެ އެކަށިގެންވާ ވަޒީފާ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޑިއުޓީ އޮފިސަރެއްގެ ޒިންމާދާރު ވަޒީފާ އެވެ.

އާދައިގެ ދިރިއުޅުމެއް އުޅެމުން ޑިއުޓީއަށް ދަމުން އެކުވެރިންނާއެކު ވަގުތު ހޭދަކުރުމަކީ ވެސް އަފްރާގެ އުފަލެކެވެ. އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ރޭ ގާތް އެކުވެރިއަކާ ދިމާވީ ފަސް ވަރަކަށް އަހަރު ކޮށްފަ އެވެ. އެހާ ދުވަސްކޮށްފައި ދިމާވީމަ ދެ މީހުން އެހެން އެކުވެރިންތަކަކާ އެކުގައި ކުރީގެ ވެސްޓް ޕާކްގައި ކޮފީއެއް ބޯން ވާހަކައިގައި ތިއްބާ ވަގުތު ހޭދަވި ގޮތްވެސް ނޭގުނެވެ.

އެއީ އޭޕްރީލް 9، 2014 ވަނަ ދުވަހުގެ ރެއެވެ. ޖެހިގެން އޮތް ދުވަހު ހެނދުނު ޑިއުޓީއަށް ދާން އޮތްކަން ހަނދާންވީ މެންދަމުން އަލިވި ފަހުންނެވެ. އެހެންވެ އަވަސް ވެގަތީ ގެއަށް ދިއުމަށެވެ. ދުވަސްކޮށްފައި ދިމާވި އެކުވެރިޔާ ސައިކަލު ދުއްވިއިރު އަފްރާ އިނީ ފަހަތުގަ އެވެ.

މާލޭ ބޮޑުތަކުރުފާނު މަގުން މަގުގެ ވަކިހިސާބަކުން ޔޫޓާނެއް ނެގިއިރު ފުލުހުންގެ ވެހިކަލެއްވެސް ފަހަތުގައި އޮތެވެ. ދިމާވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން އަންދާޒާވެސް ކޮށްނުލެވި ބިތި ދެ ޒުވާނުން މިސްރާބު ޖެހީ ޗާންދަނީ މަގުން ރަށުތެރެއަށް ވަންނާށެވެ. ފުލުހުން ފަހަތުގައި ތިބުމާ، ގެއަށް ދާން ލަސްވެފައި ތިބުމާއެކު ސްޕީޑް ހުރީ ގަވައިދަށްވުރެ ކުޑަތަންކޮޅެއް ބާރަށެވެ. އެކަމަމަކު އަފްރާ ބުނި ގޮތުގައި އާންމުކޮށް މާލެތެރޭގައި ޒުވާނުން ސައިކަލް ދުއްވާ އުޅޭ ސްޕީޑަށް ބަލާއިރު އެއީ ބާރު ސްޕީޑެއް ވެސް ނޫނެވެ.

ޗާންދަނީ މަގަށް އަޅަން އުޅުނު ވަގުތު ކަމެއްވީ ކަން އެނގެ އެވެ. މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އަފްރާ ބުނި ގޮތުގައި ކުރިމަތިން ވަންވޭއާއި އިދިކޮޅަށް ދުއްވާފަ އައި ސައިކަލަކުން ސަލާމާތްވުމަށް އަފްރާމެން ތިބި ސައިކަލުން މަސައްކަތް ކުރީ އެވެ. އެކަމަކު ނުރައްކާތެރި މިހާދިސާ ސިފަކޮށްދޭން އަފްރާއަށް އެހާ ފަސޭހައެއް ނުވި އެވެ. ކުއްލިއަކަށް ބިންމަތީގައި ޖެހުނުކަން އެނގުނެވެ. ދެންވީ ގޮތެއް ނޭނގެ އެވެ. ދެފަހަރަކު ހޭވެރިކަންވި ނަމަވެސް މާބޮޑަކަށް ވާނުވާއެއް ސާފެއް ނުވެ އެވެ.

އޭގެ ފަހުން އަފްރާ އަށް ހޭލެވުނީ އައިޖީއެމްއެޗްގެ އަވަސްފަރުވާދޭ ކޮޓަރީގައި އޮއްވަ އެވެ. އެއިރު އާއިލާ މީހުންވެސް ގާތުގައި ތިއްބެވެ. ފުރަތަމަވެސް އަހާލެވުނީ އެކުވެރިޔާގެ ހާލެވެ. އެކުވެރިޔާއަށް އެކިވަރުގެ އަނިޔާތައްވެ އެކި ތަންތަން ޒަހަމްވެފައިވާކަން އެނގުނެވެ. އެހެންނަމަވެސް އަފްރާގެ އަތްތިލައިން މަށައިގެން ގޮސްފައި ހުރުން ފިޔަވާ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ.

އެހެންވެ ވަރަށް އަވަހަށް އަފްރާ ގެއަށް ދާން ހުއްދަ ލިބުނެވެ. އެކަމަކު ގެއަށް ދޫކޮށްލަން ނިންމުމާ ގުޅިގެން އެނދުން ތެދުވަން އޭނާ މަސައްކަތް ކޮޮށްގެން ނުތެދުވެވުނެވެ. މާބޮޑު ކަމަކަށް ނުހަދާ އަނެއްކާވެސް އިރުކޮޅަކުން ތެދުވުމަށް މަަސައްކަތް ކުރި އެވެ. އެގޮތަށް ތިންފަހަރު މަަސައްކަތް ކޮށްގެންވެސް ހަށިގަނޑުގެ އަނގަނޑުން ތިރި އެއްވެސް ވަރަކަށް ހަރަކާތް ނުކުރުމުން އަފްރާ ޖެހިލުންވި އެވެ. ދެރަވި އެވެ. ވަރަށް ބޮޑުގޯހެއް އުޅޭކަން އިހްސާސްވުމުންނެވެ. އަފްރާ ފެންކަޅިވިތަން ފެނިފައި ކައިރީގައި ހުރި ކޮއްކޮ ވެސް ހާސްވި އެވެ. އެހިސާބުން ނަރުހުންނާއި ޑޮކްޓަރުން އެލާޓްވެ، ވަގުތުން އަފްރާ އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނެވެ.

އޮޕަރޭޝަނަށް ފަހު އައިޖީއެމްއެޗްގެ ވޯޑެއްގައި އެނދުމަތިކޮށްފައި އޮއްވާ، އެއިރު އަފްރާގެ ކޭސްގައި އެންމެ އިސްކޮށް އުޅުއްވި ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ޝާން ވިދާޅުވި ދެތިން ލަފްޒު ވެގެން ދިޔައީ އަފްރާގެ އާ ދިރިއުޅުމާ މެދު ފުންކޮށް ވިސްނަންޖެހުނު ލަފްޒުތަކަކަށެވެ.

"ދެން އަފްރާއަކަށް ދުވަހަކު ވެސް ތެދުވެވޭނެހެން ހިއެއް ނުވޭ ޑޮކްޓަރު ވިދާޅުވި،" އަފްރާ ބުނާ ގޮތުގައި ޑޮކްޓަރުގެ އެ ޖުމުލަ އޭނާ ވިސްނީ ހަޔާތުގައި ކުރިއަށް ދާން ލިބުނު ހެޔޮ ފާލެއްގެ ގޮތުގަ އެވެ. ޑޮކްޓަރު އެ ވިދާޅުވި ގޮތަށް ދުވަހަކު ވެސް ނުތެދުވި އޮންނާކަށް އަފްރާ ބޭނުމެއް ނުވި އެވެ.

ހަޔާތް ބަދަލުކޮށްލި ހާދިސާއަށް އަށް އަހަރު ވީއިރު މިއަދު އަފްރާ އޮތީ އޮށޯވެގެން އެހެން މީހެއްގެ އެހީގައި ފުރޮޅޭކަށް ނޫނެވެ. އަފްރާ އިނީ ހަށިގަނޑު ސީދާކޮށް އިށީނދެގެންނެވެ. ގޮޑީގައި އިނަސް މިއަދު އަފްރާއަށް ނުކުރެވޭ ކަމެއްނެތޭ ބުނުމަކީ ދޮގެއް ނޫނެވެ. އަމިއްލައަށް ކައްކާ، ކައިބޮއިި، އެއްޗެހި ދޮވެ، އިސްތިރިކޮށް، ގޭތެރެ ފޮޅާ ސާފުކޮށް ވެސް ހަދަ އެވެ.

"އެންމެ މީރުކޮށް ކަައްކަނީ ޕާސްތާ. އަމިއްލައަށް ކައްކައިގެން ކެއުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް،" ޝައުގުވެރިވާ ކަންކަން ކިޔައިދެމުން އަފްރާ ބުންޏެވެ.

އަފްރާގެ އާދަޔާ ހިލާފް ހިތްވަރަކީ އޭނާ ދަންނަ އެންމެން ތައުރީފް ކުރާ ކަމެކެވެ. ދިރިއުޅުމުގައި ކަންކަން ދިމާކުރިގޮތުން އެހެން މީހަކަށް ބަރޯސާ ވެގެން އަމިއްލަ ކަންކަން ކުރުމަކީ އަފްރާ ގަބޫލުކުރާ ކަމަކަށް ނުވާތީ އަމިއްލައަށް މަސައްކަތް ކުރަން ހިތްވަރު ލިބެ އެވެ. އެހެންނަމަވެސް އަފްރާ ބުނި ގޮތުގައި އޭނާގެ ދައްތަމެނާއި ކޮއްކޮމެން އަދި އެމީހުންގެ ފިރިން ވެދިން އެހީއަކީ ދުވަހަކު ވެސް ހަނދާންނުނެތޭނެ، ޝުކުރު ކޮޅުން ނުލާނެ ކަންކަމެވެ.

އަމިއްލަ ހާލައިގެން އުޅެވޭ ހާލަތަށް ބަދަލުވުމުގެ ކުރިން އާއިލާގެ އެހީތެރިކަން އެވަރަށް ނުލިބުނު ނަމަ އޭނާއަށް އެކަނި ނޫޅެވުނީސް ކަމުގައި އަފްރާ ބުންޏެވެ.

ކުއްލިއަކަށް މަންމަ ނިޔާވުމާއި، އެއްގެއެއްގައި ދިރިއުޅޭ، އެންމެ އެހީވެދިން ދައްތަ، ސްޓްރޯކެއްޖެހި ވާގި ނެތުމަކީ މިދިޔަ ދުވަސްތަކުގައި އަފްރާ އެންމެ ދެރަވި ކަންކަމެވެ. އެެހެންނަމަވެސް އެހާލަތުގައި ވެސް މާޔޫސްވުމުގެ ބަދަލުގައި އަފްރާ އިތުރަށް ހިތްވަރު ކުރި އެވެ.

"ބޭރުގެ ޑޮކްޓަރުން ވެސް ބުނި މިއީ އަޖައިބެކޭ. އަފްރާ ކިހިނެއްހޭ ތިހާ ސްޓްރޯންގްކޮށް ތިހުރިހާ ކަމަކާ ކުރިމަތިލާ ތިހާ ބޮޑު އިމްޕްރޫވްމަންޓެއް ތި ހޯދީ،" އަފްރާ ބުންޏެވެ.

"އައިޖީއެމްއެޗުން އަޅުގަނޑަށް ނުތެދުވެވޭނެއޭ ބުނުއްވި ޑޮކްޓަރާ ފަހުން ދިމާވެގެން އަޅުގަނޑު ބުނިން މިހުރީ ތެދުވެއޭ، އެޑޮކްޓަރުވެސް ހިނިގަނޑެއް ޖަހާލާފައި ވިދާޅުވީ، އަފްރާ ވަރަށް ސްޓްރޯންގޭ، މިއީ ހަމަ އަފްރާގެ ހިތްވަރޭ،"

އިންސާނާގެ މުޅި ހަށިގަނޑު ކޮންޓްރޯލްކުރަނީ ސިކުނޑިންނެވެ. ސިކުނޑި ގަބޫލުކުރާ ގޮތަށް ހަށިގަނޑުގެ އެހެން ގުނަވަންތަކަށްދޭ މަސެޖުތަކާ އެއްގޮތަށް އެހެން ގުނަވަންތައް މަސައްކަތް ކުރާނެ ކަމަށް ސައިންޓިފިކް ދިރާސާތަކުންދައްކާއިރު އަފްރާ އަކީ އެކަމުގެ ދިރިހުރި މިސާލެކެވެ.

"ފުރަތަމަ ކޮޅު ޑައިޕާ ބޭނުންކޮށްގެން އުޅެން ޖެހެނީ. ދެން މާލީގޮތުން ދަތިތަށް ހުރީމައާ އެކީ އަޅުގަނޑު ހިތަށް އެރީ މިއީ އަބަދު ކުރަންޖެހޭ ކަމެއް ނޫނޭ. ދެން ހަމަ ސިކުޑިން ސިގްނަލްތައް ފާހަގަކޮށްގެން ފާހަނަައަށް ދާންވީމަ އަމިއްލަ އަށް މަސައްކަތް ކޮށްގެން، މިހާރު މާތްﷲ އިރާދަފުޅުން ޑައިޕާޖަހާކަަށް ނުޖެހޭ،" އަފްރާގެ ވިސްނުމަށް ގެންނަ ބަދަލުތައް ހިއްސާކުރަމުން ބުންޏެވެ.

އަފްރާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހާލަތަށް ގެނެސްފައިވާ ހެޔޮ ބަދަލަކީ ސްޕައިނަލް ކޯޑަށް ގެއްލުން ލިބި ހަށިގަނޑުގެ ތިރިން ވާގިނެތިފައިވާ މީހަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެކެވެ.

"އިންޑިއާގެ ޑޮކްޓަރުން ދީފައި އޮތީ ފިފްޓީ ފިފްޓީ ޗާންސެއް ރަނގަޅުވާނެ ކަމަށް. ރަނގަޅަށް މަަސައްކަތް ކުރެވިއްޖިއްޔާ ﷲގެ އިރާދަފުޅުން ރަނގަޅުވުމުގެ ޗާންސުވެސް އެބައޮތް، އަޅުގަނޑު ހިތްވަރު އެލުވައެއް ނުލަން" އަފްރާ ބުންޏެވެ.

އަފްރާގެ އުއްމީދަކީ ކުރިންވެސް ހެލިފެލިވެ އުޅުންފަދައިން ދެފައިމައްޗަށް ތެދުވެ އުޅެވޭނެ ދުވަހެއް ފެނުމެވެ. އަލުން ވަޒީފާއަކަށް ގޮސް އާމްދަނީ ހޯދާ، ހުރިހާ ގޮތަކުން އަމިއްލަ ފައިމައްޗަށް އަލުން ތެދުވުމެވެ. މާލީ ދަތިކަމުގެ ހުރަސް އޮތްނަމަވެސް އަފްރާގެ ހިތްވަރަކަށް ގުޑުމެއް ނާދެ އެވެ.