އަހުމަދު ނަސީމް

ގަވާނިން ބޯޑުތަކާ އެކު ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް

ހެލްތު މިނިސްޓަރު އަހްމަަދު ނަސީމު އަވަސްގެ ނޫސްވެރިޔާ ޖައިލަމް އަބްދުއްސައްތާރަށް އިންޓަވިއު ދެއްވަނީ

ސިއްހީ ހިދުމަތް ދޭ ސަރުކާރުގެ އިދާރާތައް ނުވަތަ ހޮސްޕިޓަލްތައް ހިންގުމަކީ މިސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސިޔާސަތެއް ނޫނެވެ. އެހެންވެ ސަރުކާރުން މިހާރުވެސް ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި "ގަވާނިން ބޯޑު" ތަކެއް އުފައްދާފަ އެވެ. ބޯޑުތަކުގެ މައިގަނޑު ޒިންމާ އަކީ ހޮސްޕިޓަލްތައް ހިންގުން ހަރުދަނާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުވެ. އެކަމަކު ހޮސްޕިޓަލްތަކާ ގުޅޭ މުހިއްމު ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރެއް ބޯޑުތަކަށް ނޯވެ އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވަނީ ގަވާނިން ބޯޑުތަކުގެ ދައުރާ ގުޅޭގޮތުންނާއި ބޯޑުތަކުން ހޮސްޕިޓަލްތައް ހިންގަން ފެށުމުން އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

ހެލްތު މިނިސްޓަރު ނަސީމު ވިދާޅުވީ ހެލްތް މިނިސްޓްރީ އަކީ ހޮސްޕިޓަލްތައް ހިންގަން ޖެހޭ މުއައްސަސާއެއްގެ ގޮތުގައި އޮންނަ އޮތުމަކީ ގަބޫލުކުރައްވާ ގޮތެއް ނޫން ކަމަށެވެ. ހެލްތު މިނިސްޓްރީގެ މައިގަނޑު ދައުރަކަށް ވާންޖެހޭނީ ހޮސްޕިޓަލްތައް ހިންގާ ގޮތް ބަލައި މޮނިޓާކުރުން ކަމުގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މުސްތަގުބަލްގައި މިނިސްޓްރީ ވާނީ ރެގިއުލޭޓް ކުރާ އިދާރާ އަކަށެވެ.

ހެލްތު މިނިސްޓްރީން ހޮސްޕިޓަލްތައް ހިންގަން ޖެހުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަދި ހިދުމަތްތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް އެންމެ ފުރިހަމަ ސަމާލުކަން ނުދެވޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވީމަ ހޮސްޕިޓަލްތައް ހިންގުމަށް ގަވާނިން ބޯޑުތަކެއް މުހިންމު ވަނީ. މިހާރު އެކުލަވާލެވިފައި ހުރި މިފަދަ ބޯޑުތައް ހިންގޭ ގޮތާއި މެދު ހިތްހަމަޖެހޭ. ރަނގަޅު ނަތީޖާތަކެއް އެބަ ފެނޭ. ހެލްތް މިިނިސްޓްރީއަކުން ހޮސްޕިޓަލް މެނޭޖް ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ކަމަކަށް ނުދެކެން
އަހްމަދު ނަސީމު | ހެލްތު މިނިސްޓަރު

ހޮސްޕިޓަލްތައް ހިންގުމަށް މިސަރުކާރުން މިހާރު ވެސް ވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރޫ ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިތުން މާލެ އާއި ވިލިމާލޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލްތައް މެނޭޖުކުރުމަށް ގަވާނިން ބޯޑުތައް އެކުލަވާލާފަ އެެވެ.

މިނިސްޓަރު ވިދާޅުވީ ގަވާނިން ބޯޑުތަކެއްގެ ދަށަށް ބަދަލުކޮށްފައި ނުވާ ހޮސްޕިޓަލްތައް ހިންގުމަށް "މޯލްޑިވްސް ހެލްތް ސާވިސަސް"ގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އެންމެ ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި މި އިދާރާ އުފެއްދޭނެ ކަމުގައި ވިދާޅުވި އެވެ.

"މަސައްކަތް ކުރަމުން މިދަނީ މޯލްޑިވްސް ހެލްތް ސާވިސެސް ކިޔާ މުއައްސަސާއެއް ގާއިމު ކުރަން. އެ މުއައްސަސާ ގާއިމުކުރެވުނީމަ މިހާރުގެ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަންޖެހޭނެ. އެހިސާބުން މި މުއައްސަސާގެ ދަށައް ހުރިހާ ހޮސްޕިޓަލްތަކެއް ދާނީ. މި ކަމަކީ ހެލްތް މިނިސްޓްރީގެ މެންޑޭޓުގައިވާ ކަމެއް. އެހެންކަމުން މި މުއައްސަސާ ގާއިމުކުރީމާ އަޅުގަނޑުމެންގެ މެންޑޭޓްވެސް ފުރިހަމަ ކުރެވޭނެ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތައް ހިންގުމަށް ގަވާނިން ބޯޑުތަކާ ހަވާލުކޮށްފައިވީ ނަމަވެސް އާންމު ސިއްހަތާ ގުޅޭ ކަންކަމުގައި އެ ބޯޑުތަކުން އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ. އާންމު ސިއްހަތާ ގުޅޭ ކަންކަން ހިނގާނީ ހެލްތު މިނިސްޓްރީން ސިއްހީ ކަންކަން ހިންގަން އެކުލަވާލާފައިވާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ވިދާޅުވި އެވެ.

މިސާލަކަށް ފިނޭންސް މިނިސްޓްރީން ކުންފުންޏެއް އުފެއްދީ. ފިނޭންސް މިނިސްޓްރީން އެކުންފުނީގެ ތެރެއަކަށް ވަންނާކަށް ނުޖެހޭނެ. އެކަމަކު އެކުންފުނި ހިންގަންޖެހޭ ގަވައިދުތައް ފިނޭންސް މިނިސްޓްރީން ކިޔައިދޭނެ. ހަމަ އެގޮތަށް ގަވާނިން ބޯޑަކީ ހޮސްޕިޓާ ހިންގާ ބޯޑު. ހޮސްޕިޓާ ހިންގުމާ ބެހޭ ގޮތުން އެ ބޯޑަށް މި އޮންނަނީ ހެލްތް މިނިސްޓްރީން ވަކި ގަވައިދުތަކެއް ދީފައި. މިސާލަކަށް ރައްޔިތުންނަށް ހިދުމަތް ދޭއިރު ހުންނަން ޖެހޭ ފެންވަރު
އަހްމަދު ނަސީމު | ހެލްތު މިނިސްޓަރު

ގަވާނިން ބޯޑުތަކުން ހޮސްޕިޓަލްތައް ހިންގާއިރު ހޮސްޕިޓަލްތައް ވަނީ ގިންތިތަކަކަށް ބަހާލާފަ އެވެ. މިނިސްޓަރު ވިދާޅުވި އެ ގިންތިއަކާ ގުޅޭ ގޮތުން ހޮސްޕިޓަލްތަކަށް ބޭނުންވާ އަގު ބޮޑެތި ވަސީލަތްތައް ގަވާނިން ބޯޑުގެ ލަފާގެ މަތިން ހޯދައިދޭނީ ހެލްތު މިނިސްޓްރީން ކަމަށެވެ.

"[ހެލްތު މިނިސްޓްރީއާއި ގަވާނިން ބޯޑުތަކާ] ފުދޭވަރަކަށް ގުޅިގެން އެފަދަ މަސައްކަތް ހިނގާނީ. ގަވާނިން ބޯޑުތަކަށް އެނގޭނެ އެ ބޭފުޅުންގެ ހޮސްޕިޓަލުގެ ގްރޭޑްތައް. ގްރޭޑް އެކަކުން ފެށިގެން ގޮސް ޓާޝިއަރީއާ ހަމައަށް ހޮސްޕިޓާތައް ގްރޭޑް ކުރެވިފައިވޭ. ގްރޭޑްތަކާ އެއްވަރަށް ސާމާނުވެސް ދެވޭނީ،" ނަސީމު ވިދާޅުވި އެވެ.

ހޮސްޕިޓަލްތައް ގިންތި ކޮށްފައި ހުރި ގޮތަށް ބަލައިގެން ހޮސްޕިޓަލްތައް ހިންގާނަމަ ހިދުމަތްތަކަށް ބުރޫއެރުމުގެ ފުރުސަތު މުސްތަގުބަލްގައި ކުޑަވާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. ގަވާނިން ބޯޑުތަކަށް އެ މީހުންގެ ޒިންމާއާއި މަސްއޫލިއްޔަތު ވަރަށް ބޮޑަށް ސާފުކޮށްދެވިފައިވާތީ ހޮސްޕިޓަލްތަކުގެ ހިންގުން ގަވާނީ ބޯޑުތަކާ އެކު ހަރުދަނާވެ، ބޮޑެތި ހެޔޮ ބަދަލުތަކެއް ސިއްހީ ދާއިރާ އިން ވަރަށް އަވަހަށް ފެންނާނެ ކަމަށް މިނިސްޓަރު އުއްމީދު ކުރައްވަ އެވެ.