ސިއްހަތު

ކާބޯތަކެތީގެ ބިލު ؛ މުސްތަގުބަލާ ގުޅިފައި

މޭވާ އާއި ތަރުކާރީ ކަނީ ކަށިގަނޑަށް ފައިދާ ހޯދައި ދޭށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބާރު އަޅާށެވެ. އެކަމަކު މިހާރު މި ލިބޭ މޭވާ އާއި ތަރުކާރިއާ މެދު އޮތީ ކިހާ ޔަގީން ކަމެއް ހެއްޔެވެ؟ މިއީ ތާޒާ އެއްޗިހި ހެއްޔެވެ؟ ނޫނީ ގަދަކަމުން "ތާޒާ ކުރަން" ބޭސް ޖަހައިގެން ދޮން ކޮށްފައިވާ އެއްޗެއް ނޫންކަމުގެ ޔަގީން ކަމަކީ ކޮބައި ހެއްޔެވެ؟ މާލޭގެ ބާޒާރު ނަން ހުސްކޮށް ބްރޭންޑް ތަކުން ފުރާލައިފިި އެވެ. ބްރޭންޑްތައް ކޮޕީކޮށް ބާޒާރަށް މުދާ "ޑަމްޕް" ކުރުން އާއްމު ވެފައި ވެއެވެ. މި އުފެއްދުންތަކުގެ ކޮލެޓީ ޔަގީން ކުރެވޭ ހެއްޔެވެ؟ މި ފަދަ އެތަށްކަމެއްގެ ވާހަކަ މިހާރު ރައްޔިތުން މަޖިލީހުގައި ކުރި އަށް ދާ ކާބޯ ތަކެތީގެ ގާނޫނު ގެ ބިލް ގައިވެ އެވެ. މި ގަނޫނު ވަނީ މިހާތަނަށް އާއްމުންނާ އެންމެ ގުޅުން ބޮޑު އެއް ގާނޫނަށެވެ.

ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކާއި ޖީލުތަކުގެ ކޮލުން އަންނާނެ ޖީލުތަކާ ހަމައަށް އަސަރު ކުރާނެ މުހިންމު ގާނޫނަކަށެވެ. މި ގާނޫނު ތަންފީޒު ކުރެވޭނެ ހެއްޔެވެ؟ މިވެސް ވާނީ މަތާރަން ފިލާމަތީ އޮންނަ ފޮތަކަށް ހެއްޔެވެ؟

"ހަގީގަތަކީ މިފަދަ ގާނޫނެއް ރާއްޖެއަށް ވަރަށް މުހިންމުކަން. ރާއްޖޭގެ ދަނޑުވެރިކަމަށް އެކަނި ބެލިނަމަވެސް ބިދޭސީންގެ މައްސަލަތަކާހުރެ ހައްދާ އެއްޗިހި މިހާރު އާއްމުންނާ ހަމައަށް އަންނަނީ އެންމެ ރަނގަޅަށްނޫން. އެކި ތަފާތު ކެމިކަލް ހިތުހުރި ގޮތަކަށް ބޭނުންކުރަނީ،" ރާއްޖޭގެ ދަނޑުވެރިކަމުގައި އެންމެ ދުވަސްވީ އެއް ނަން ކަމަށްވާ ބ. އަންހެނުން ފުށީގައި މަސައްކަތް ކުރާ ގަމީރާ އާދަމް ވިދާޅުވި އެވެ. "ގާނޫނެއް ހެދިޔަސް ނުފުދޭ އެ ތަންފީޒު ކުރަން ޖެހޭ. އެހެންނޫނީ ބޭނުމެއް ނެތް."

މިހާރު ހަދަން ހިފާފައިވާ، "ކާބޯތަކެތީގެ ގާނޫނު" ގެ މަގުސަދަކީ ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ ތަކެއްޗާއި ރާއްޖެ އަށް އިމްޕޯޓްކޮށް، އަދި އެކްސްޕޯޓް ކުރާ ކާބޯތަކެތީގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމާއި ކާބޯތަކެތި އުފައްދާ އަދި ގުދަންކޮށް، ތައްޔާރުކޮށް، ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ އިންސާނުން ބޭނުން ކުރަން ސިއްހީ ގޮތުން އެކަށީގެންވާ ރައްކާތެރިތަކެތި ކަމުގައި ހެދުމަށްޓަކައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަން ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމެވެ.- މިއީ މުހިންމު ގާނޫނެކެވެ.

މި ގާނޫނު ވެގެން ދާނީ އާއްމުންނާ އެންމެ ގުޅޭ އާއްމު ސިއްހަތާ ގުޅުން ބޮޑު އެއް ގާނޫނަކަަށެވެ. މީގެ ސަބަބަކީ ރާއްޖޭގެ އާބާދީ ގައިން ގަޔަށް ނާރާ ނަމަވެސް ނުރައްކާތެރި ބޮޑެތި ބަލިތައް އިތުރު ވަމުން ދިއުމެވެ. އަޑިނޭނގޭ ހަގީގަތް ނޭނގޭގޮތަށް އާބާދީ ބަލިވަމުންދާ ދިއުމެވެ. ދައުލަތުގެ ބޭސް ފަރުވާނެ ނިޒާރު "އާސަންދަ" ގެ ތަފާސް ހިސާބުތަކުން ފެންނަނީ މި ބިރުވެރި މަންޒަރެވެ. ކެންސަރާއި އެހެނިހެން ގައިން ގަޔަށް ނާރާ ނަމަވެސް ނުރައްކާތެރި ބޮޑެތި ބަލިތައް ރާއްޖޭގައި އިންތިހާ އަށް ގިނަވާ ސަބަބު ހޯދަން ސީދާ ދިރާސާއެއް ކުރެވިފައިއެއް ނެތެވެ. ނަމަވެސް މީގެ އެއް ސަބަބަކީ ކެއުމުގައި ބޭނުންކުރާ ސާމާނުގެ ފެންވަރު ދަށްވުމެވެ. އެހެންވެ އަހަރުން އަހަރަށް ބަލާއިރު ބޭރުގައި ބޭސްފަރުވާ ކުރާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. ދައުލަތަށް ހަރަދު ދަނީ ބޮޑު ވަމުންނެވެ.

އާސަންދަ އިން ބޭރުން ފަރުވާ ކުރި އަދަދު

  • 2018 ވަނަ އަހަރު ކެންސަރު : 1029 މީހުން
  • 2019 ވަނަ އަހަރު ކެންސަރު: 1،417 މީހުން
  • 2018 ވަނަ އަހަރު ނިއުރޮލޮޖީ: 465 މީހުން
  • 2019 ވަނަ އަހަރު ނިއުރޮލިޖީ: 744 މީހުން
  • ދެ ބަލީގެ ބޭސް ދެ އަހަރުގެ ހަރަދު: 100 މިލިއަން

މި ބިލް މަޖިލީހަށް ހުށަހެޅުއްވި މަނަދޫ ދާއިރާގެ މެންބަރު ހާރޫނު ރަޝީދު ވިދާޅުވި ގޮތުގައި މި ބިލް ގާނޫނަކަށްވުމާއެކު 19 ގަވައިދެއް ތިން މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށާ މިއީ ރާއްޖެ އަށް މުހިންމު ގާނޫނަކަށްވާނެ އެވެ.

"މި [ބޮޑެތި] ބަލިތަކާމެދު ވިސްނަން ޖެހޭ. އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި ކުރެވޭ ކަންތައްތަކުގެ ސަބަބުން މި ޖެހެނީ. މިކަންކަމާ [މި ފަދަ ބަލިތަކާ] ކުރިމަތިވަނީ ޖުމްލަކޮށް ހުރިހާ ޑޮކްޓަރުން ވެސް ފާހަގަ ކުރައްވާ ކާބޯތަކެތީގެ ސަބަބުން ކަމަށް،" ހާރޫނު ވިދާޅުވި އެވެ.

"މި ބިލުގައި ވަރަށް ރަނގަޅު ކަންތައް ތަކެއް ފާހަގަ ކޮށްފައިވޭ. މީގެތޭގައި ކާބޯތަކެތި އުފެއްދުމުގައި ގެންގުޅެން ޖެހޭ ރައްކާތެރިކަން ފާހަގަ ކޮށްފައިވޭ. އުފައްދާ ގޮތުގެ ރައްކާތެރިކަން ބަޔާން ކުރޭ. ކާބޯތަކެތި އުފައްދާ މީހާގެ ގައިގައި ހުންނަން ޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވާނެ. މި މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ބަޔާންކޮށްފައިވާނެ."

މި ބިލުގައިވާ ގޮތުން ގާނޫނު ހިންގުމަށް މިނިސްޓަރާއި ކައުންސިލްތަކުން އަމަލު ކުރަން ޖެހޭނެ ގޮތް ވަރަށް ތަފުސީލުތައް ބަޔާންކޮށްދީފައިވެ އެވެ. އަދި ބާޒާރުގައި ހުންނަ އިންސާނުން ބޭނުން ކުރަން އެކަށީގެންނުވާ ނުވަތަ ފެންވަރުދަށް ނުދާ ނެގުމުގެ ބާރު މޯލްޑިވްސް ފުޑް އެންށް ޑްރަގް އޮތޯރިޓީ އަށް މިހާރަށްވުރެ ބޮޑަށް ދީފައިވެ އެވެ. މިކަން ކުރެވޭނެ ހެއްޔެވެ؟

ގައުމީ ފުޑް ސޭފްޓީ ބޯޑެއް ހަދަން ޖެހޭ

މި ގާނޫނާއެކު "ނޭޝަނަލް ފުޑް ކޮލެޓީ އެންޑް ސޭފްޓީ ބޯޑެއް" ދެ މަސް ތެރޭގައި އުފައްދަން ޖެހެ އެވެ. މި ބޯޑުގައި 10 މެންބަރުން ތިއްބަވާނެ އެވެ. މީގެތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި ޕްރައިވެޓް ސެކްޓާ އަދި މި ދާއިރާގެ އެކްސްޕާޓަރުން ވެސް ހިމެނެ އެވެ. ސޭފްޓީ ބޯޑު އެތުރިފައިވާ ގޮތް:

  • ޑިރެކްޓަރު ޖެނެރަލް
  • މިނިސްޓްރީގެ މުވައްޒަފުންގެ އިސް ފަރާތެއް
  • ކާބޯތަކެތީގެ ސަލާމަތާ ރައްކާތެރިކަމުގައި މަސައްކަތް ކުރައްވާ އިސްވެރިޔާ
  • ކާބޯތަކެތީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ދެނެގަންނަން އެޗްޕީއޭގައި މަސައްކަތް ކުރައްވާ އިސްވެރިއެއް
  • އިގްތިސޯދީ ސިނާއަތުގެ މިނިސްޓަރު ކަނޑައަޅުއްވާ އިސްވެރިއެއް
  • މަސްވެރިކަމުގެ މިނިސްޓަރު ކަނޑައަޅުއްވާ އިސްވެރިއެއް
  • ދަނޑުވެރިކަމުގެ ވުޒާރާގެ އިސްވެރިޔާ އައްޔަން ކުރާ ވެރިއެއް
  • މިނިސްޓަރު އައްޔަން ނުކުރާ ފުޑް އެންޑް ސައިންސުގެ މާހިރެއް
  • ހިދުމަތް ލިބި ގަންނަ ޖަމިއްޔާއެއްގެ މަންދޫބެއް

ކާބޯތަކެތީގެ މި ބިލް ގާނޫނަށްވާ ހިސާބުން ސައިންޓިފިކް ކޮމެޓީ ޕެނަލާއި ޓާސްކް ފޯސް އެއް ގާއިމް ކުރަން ޖެހެ އެވެ. މި ފަރާތްތަކުގެ މަސްހޫލިއްޔަތަކީ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޮތޯރީން ކަނޑައަޅާ މަސައްކަތް ކުރުމެވެ.

ގައުމީ ހެލްތް ލެބޯޓްރީއެއް ގާއިމް ކުރުން

ރާއްޖެ އަށް އިމްޕޯޓްކޮށް ނުވަތަ އެކްސްޕޯޓްކޮށް ރާއްޖޭގައި އުފައްދާ ތަކެތީގެ ފެންވަރު ކަށަވަރު ކުރަން ނޭޝަނަލް ހެލްތް ލެބޯޓްރީއެއް ފުރިހަމަ ވަސީލަތްތަކާއެކު މި ގާނޫނު ދަށުން ގާއިމް ކުރަން ލާޒިމްކޮށްފައިވެ އެވެ. މިހާރު ރާއްޖޭގައި ޖެހޭ މައްސަލައަކީ އެއްޗެއް ރާއްޖޭގައި އެތެރެވި ނަމަވެސް ބޭރުން "އެލާޓެއް" އައުމުން ނޫން ގޮތަކަށް އެ އުފެއްދުމަކީ ބޭނުން ކުރުން އެކަށީގެން ނުވާ އެއްޗެއްކަން ޔަގީން ކުރެވޭނެ އުސޫލެއް އަދި ގޮތެއްވެސް ނޯވެ އެވެ. މި ގާނޫނަކަށްވާ ހިސާބުން ރާއްޖޭން ހެދެން ނެތް ޓެސްޓްތައް ހެދުމަށްޓަކައި ރާއްޖޭން ބޭރުގައި "ރިފަރަލް ލެބޯޓްރީތައް" ގާއިމް ކުރަން ޖެހެ އެވެ.

ބައެއް ތަންތަން ޓްރޭސްކޮށް ބެލޭނެ

ކާބޯތަކެތީގެ މި ބިލުގައިވާ ގޮތުން ފާހަގަ ކުރެވޭ ތަންތަން ގަވައިދުން ބެލުމަށްޓަކައި ޓްރޭސަބިލިޓީ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ. މި ނިޒާމު ގާއިމް ކުރުމާއެކު ކާބޯތަކެތި އުފައްދަން ބޭނުންވާ ފަރާތްތަަށް ތަކެތި ސަޕްލައި ކުރި ފަރާތާއި ކާބޯތަކެތި ވިއްކި ފަރާތް ފަދަ ކަންކަން ބެލިގެންދާނެ އެވެ.

ގާނޫނާ ހިލާފު ވާނަމަ ބޮޑެތި ޖޫރިމަނާތަކެއް

މި ގާނޫނާ ހިލާފުވެއްޖެނަމަ މިހާރު ބިލް އޮތް ގޮތުން ބޮޑެތި ޖޫރިމަނާތަކެއް ކުރުމުގެ ބާރު ލިބިގެންދެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި މީހެއްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ފަދަ ބަދަލެއް ގެނެސްފިނަމަ އެކަމެއްގެ ކުޑަ ބޮޑުމިން ބަލައި 750،000ރ. އަށްވުރެ ބޮޑު ނުވާނެ މިންވަރަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު ވެސް ދީފައިވެ އެވެ.

މި ގާނޫނަކީ މުހިންމު ގާނޫނެކެވެ. މަޖިލީހުގައި އޮތް ބިލް ގާނޫނަކަށްވާ ހިސާބުން ލިބިގެންދާނެ ހިތްހަމަ ޖެހުމަކީ ރާއްޖޭގައި ދުވަހަކު ވެސް ނުބެލި އޮތް ދާއިރާއެއް ބަލަން ސަރުކާރަށް މަޖުބޫރުވުމެވެ. އެއީ ކާބޯތަކެތީގެ ފެންވަރު ކަށަވަރު ކުރުމެވެ. އެކަން ގާނޫނަކުން ލާޒިމްވުމެވެ. ނަމަވެސް ސުވާލަކީ މި ގާނޫނު ތަންފީޒު ކުރެވޭނެ ހެއްޔެވެ؟