ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލޭ މެޑިކަލް ފެސިލިޓީ

ހުޅުމާލޭ ފެސިލިޓީގައި ބަލި މީހުން ހަނާވަނީ!

ކުޑަދޮރަކުން ބޭރު ބަލައިލުން އެއީ ލިބޭނެ ލައްކަ ބޮޑު ނިއުމަތެއް ކަމަށް މީހަކަށް އިހުސާވާނީ ވަރެއް ވެފައި ހުރުމުންނެވެ. މާޝާ 31، (އަސްލު ނަމެއް ނޫން) އެކަން ތަޖުރިބާ ކުރެވުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހުޅުމާލޭގައި ހުންނަ ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއޭ ކިިޔާ ތަނަކަށް ގެންގޮސް "ބަންދު ކުރުމުން" ނެވެ. މާޝާ ބުނާ ގޮތުގައި އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ ކިޔޫއަށް އަރައިގެން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތަނާ އޭގެ އަނެއް ދުވަހު އެެވެ.

"އެންމެ ފުަރަތަމަ ހީކުރީ ވެކްސިން ޖެހުމުން ފިރިމީހާ އާއި ދެމީހުންނަށް ކޮންމެ ވެސް ވަރަކަށް ބަލީގެ އަލާމާތް ފެންނަނީ ކަމަށް. އެކަމަކު 10 އަހަރުގެ ދަރިފުޅުގެ ކިބައިން އަލާމާތް ފެންނަން ފެށުމުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހެދުމުން އެއްމެން ޕޮޒިޓިވްވީ،"

މާޝާގެ ފިރިމީހާގެ ހާލު ދެރަވެ އެޑްމިޓް ކުރަން ޖެހުނީ ފެސިލިޓީގެ އެޗްޑީޔޫގަ އެވެ. ދަރިފުޅުގެ އަލާމަތްތައް ސީރިއަސް ނޫން ކަމުގައި ވިޔަސް އެ ދަރިފުޅު ގޮވައިގެން ހުޅުމާލެ ފެސިލިޓީއަށް ދާން އެނާއަށް މަޖުބޫރުވި އެވެ. ދަރިފުޅު ކައިރީ ގޭގައި ހުންނާނެ އެހެން މީހަކު ނެތުމުންނެވެ.

ހުޅުމާލެ ފެސިލިޓީގެ ބެހިފައިވާ ގޮތް

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19 އިގެ އެންމެ ގިނަ ބަލި މީހުން އަށް ފަރުވާ ދެމުން އަންނަ ފެސިލިޓީ އެވެ. ފެސިލިޓީ ހުންނަނީ ދެ ބްލޮކަކަށެވެ. އެއީ އޭ ބްލޮކް އާއި ބީ ބްލޮކެވެ. އޭ ބްލޮކްގަ ހަތަރު ފުލޯ ހުންނަ އިރު ބީ ބްލޮކާ ހަމައިން މީހުން ރިސީވްކޮށް ހާލަތު ބަލައި އެކި ފުލޯތަކުން އެނދު ކަނޑައަޅައެވެ. ފެސިލިޓީގެ އައިސީޔޫ ހުންނަނީ އެ ބްލޮކް ގްރައުންޑް ފްލޯގަ އެވެ. އެޗްޑީޔޫ އެއްކޮށް ފަސްޓް ފްލޯ އެއީ ސިީރިއަސް މީހުން ބަލަހައްޓާ ތަނެކެވެ. އަދި ދެވަނަ ފްލޯ އާއި ތިން ވަނަ ފްލޯގައި ފަރުވާ ދެނީ ބަލީގެ އަސަރު ކުޑަ މީހުނަށެވެ.

މާޝާ ބުނާ ގޮތުގައި އެ ފެސިލިޓީގައި އޭނާ ހޭދަކުރި ނުވަ ދުވަހުގެ ތަޖުރިބާ ރަނގަޅަށް ކިޔައިދޭން އުނދަގޫވެ ވެއެވެ: "ނުވަ ދުވަހުގެ ތެރެއިން ތިން ދުވަސް ހޭދަވީ ޑިސްޗާޖް ސަމަރީ ނުލިބިގެން، އެއީ މި މޭ މަހުގެ ކުރީ ކޮޅު، އޭރު މިހާ ކޮވިޑް ނަމްބަރުތަކެއް ގިނައެއް ވެސް ނޫން. ފުރަތަމަ ދުވަސްކޮޅު ވަރަށް ވަރުވެފައި ހުރީ. އަދި ފިރިމީހާ އާއި ދަރިފުޅު ބަލަމުން ވަރަށް ހާލުގައި އުޅުނީ."

މާޝާ ހުރީ އަށް މީހުންގެ ވޯޑެއްގަ އެވެ. އިތުރު ދެ އެނދު އޭނާ އޮއްވާ ވައްދާ 10 މީހުން ހަމަ ކުރި އެވެ. ހުރިހާ އެއްމެނަށް ވެސް ފެސިލިޓީގައި ކެއުން އޮންނަ އިރު ބައެއް މީހުން ގެއިން ކެއުން ގެނެ އެވެ. ވަރަށް ގިނަ ފަހަރަށް ބަލި މީހުނަށް ތައްޔާރު ކޮށްގެން ގެންނަ ޕާރުސަލްތައް ނުވެސް ހުޅުވާ ޑަސްޓްބިނަށް ލާ މަަންޒަރު ފެެނެ އެވެ.

"ތަންކޮޅެއް ހަވާދުކަން ބޮޑީ ކެއުން. ހޮޑުލަވާ ބަނޑު ސަކަރާތްވާ މީހުން، ނޫނީ ބަލިވެ އުޅޭ އިރު ކާން ބޭނުންވާ ގޮތަކަށް ނޫން ކެއުން ހުންނަނީ! އެ ވޯޑުގައި ތިބި މާމަމެންނަ ވެސް ކުޅި ކަމުންނާއި ހަވާދު ގިނަވުމުން ނުކެވޭ. އެއް ދައްތައަކު ބުނި ނުކެވުނަސް ކިހިނެއްހޯ ކާ އެއްޗެއް ގެންނާނީ ގޭ އެއްމެން ވެސް ޕޮޒިޓިވް އޭ!" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެޗްޑީޔޫގައި އިވެނީ މީހުން ރޯ އަޑާއި ތަދާއި ވޭނުގައި ކުކުރާ އަޑެވެ. އަދި އެއީ ވަރަށް ބިރުގަންނަ ހާސް ބޮޑު ކަމަކަށްވި އެވެ.

"ޑޮކްޓަރުންނާއި ނަރުހުން އެމީހުންގެ މެޝިންތަކުގެ އަޑުތަކަށް ސަމާލުވެ ތިބެނީ. އެކަމަކު ވެސް މެޝިންތަކުގެ އަޑުގަދަ އަބަދު މީހުން ކްރޭޝް ވެގެން އެމެޖެންސީ ފަރުވާ ދިނުމުގައި އުޅެނީ"

އޭނާ ބުނި ގޮތުގައި ނަފްސާނީ ގޮތުން މީހާ ވަރުބަލިވެފައިވާ އިރު އަދިވެސް އެ ވަރުބަލިކަން ނުފިލަ އެވެ. އޭގެ ސަބަބުން ހާސް ބޮޑުވެ ވަރުބަލި ވަނީ އެއްވެސް ކަހަލަ ކުޑަ ދޮރެއްވެސް ނުހުންނާތީ އެވެ.

"އެތަނުގައި ހޭދަކުރި ހަތަރުވަނަ ދުވަހު ސްޓޯރް ރޫމެއް ގޮތުގައި ބޭނުން ކުރަން ހުރި ތަނެއްގެ ކުޑަދޮރަކުން ބޭރު ފެންނަ ކަން އިނގުނު. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އޭނާ ބުންޏެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލި މީހުނަށް ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަ ކުރަން ޖެންޑާ މިނިސްޓްރީން ފެސިލިޓީއަށް ޓީމެއް ވެސް ފޮނުވަ އެވެ. މާޝާ ބުނި ގޮތުގައި އެއީ ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދޭ ޓީމެކެވެ. އަދި އެ މީހުން އެނާގެ ދަރިފުޅުގެ އެނދު ކައިރީ ކުޑަ އިރުކޮޅަކު މަޑުކޮށްލާ އެހެން ކުޑަކުއްޖެއް ކައިރިޔަށް ދިޔައީ އެވެ. އޭރަށް އެމީހުންގެ ބައި ނިމުނީ އެވެ.

"ބަޑިފަޅައިގެން" ނުގޮސް ނުވަ ދުވަހު ފެސިލިޓީގައި މާޝާއަށް ކެތްކޮށްލެވުނީ އެ ވޯޑުގައި ތިބި އެހެން މީހުނާ ހެދި އެވެ.

"އެ އެއްމެން ވެސް ވަރަށް އޯގާތެރި އަދި ވާހަކަ ދައްކާ ހަދާ، ހުރިހާ އެއްމެން ހުރިހާ ނަމާދެއް ކުރާތަން ފެނޭ... ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ. ބައެއް ބަލި މީހުނާއެކު އެމީހުންގެ އެހީތެރިން ކައިރީގައި ތިބި. އެމީހުން ނިދާ ހަދަނީ ވެސް ފެސިލިޓީގައި ހަަމައެކަނި މާސްކެއް އަޅަނީ. އޭގެ ބައެއް މީހުން ނުކުމެގެން ދިޔައިރު ވެސް ނެގެޓިވް،"

އޭނާ ބުނި ގޮތުގައި އުމުރުން ދުވަސްވީ މީހަކު އެކަނި އެތާ ހޭދަ ކުރަން ޖެހުމަކީ ވޭން ހުރި ކަމެކެވެ. އެއީ ވަރަށް ހިތްދަތި މަންޒަރެކެވެ. އާއިލާތަކަށް އެކަން އެނގޭނަމަ ރުޅިގަނޑު ފަޅައިގެންދާނެ އެވެ.

"އެކަނިވެރިކަން ވަރަށް އިހުސާސް ކުރެވޭ. އަހަރެން ކުޑަކޮށް ރަނގަޅުވީމާ ޓެރަސްއަށް ދެވުނު މައްޗަށް ބޭރު ބަލާލަން. އެކަމަކު ދުވަސްވީ މީހުނަށް ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކުރޭ. ފެސިލިޓީގައި ތިބޭއިރު ވެސް އެމީހުންގެ އެކަނިވެރިކަމާ ހާސްކަމާއި ބިރު ފާހަގަ ކުރެވޭ."

މާޝާ ވަނީ ކޮންމެެހެން ފެސިލިޓީއަށް ދާން ޖެހިއްޖެނަމަ ގެންދަންވީ ތަކެތީގެ ލިސްޓެއް ވެސް ކިޔައިދީފަ އެވެ. އެއީ އެތާނގެ ހާލަތު އޮތް ގޮތުން ދާން ޖެހިދާނެ ބަޔަކަށް އެހީއެއް ވެދޭށެވެ.

  • ރަޖާ އަދި ނަަމާދު ހެދުން
  • ފެން
  • ފެން ފައިވާން
  • އުލާ ސަމްސާ
  • ތުވާލި
  • ޓިޝޫ
  • ލުއި ކާނާ
  • ހެޑްފޯނު އަދި ޗާޖަރު
  • ބޭހެއް ކާ ނަމަ އެ ބޭސް
  • ދަތް އުނގުޅާ ބޭސް / ބުރުސް
  • ޝޭމްޕޫ / ޝަވާޖެލް
  • މާސްކު
  • ތަށި / ޖޯޑު

މާޝާހުރީ މޭ މަހުގެ ކުރީކޮޅުން ފެށިގެންނެވެ. މިހާރު މާލެއިން ގިނަ އަދަދަށް މީހުން ޕޮޒިޓިވަމުންދާއިރު މަރަކަށް ފަހު މަރެއް އަންނައިރު ފެސިލިޓީގައި އެއް ނަރުހަކު ބަލަން ޖެހޭ ޕޭޝަންޓުންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. މާޝާ ފަދަ ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ހުޅުމާލެ ފެސިލިޓީގެ ރައްޔިތުން އުޅޭ ހާލާއި ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ. ޝަކުވާތައް ބަންޑުން ކުރަމުންނެވެ.

ނަޝް ނަޝީދު ކިޔާ ޒުވާނަކު ޓުވިޓަރގައި ލިޔުނެވެ:

"އަހަރެންގެ ކާފަ ފެސިލިޓީގައި ވީ... މީގެ ކުރިން ކާފަ އާއި ވާހަކައެއް ނުދެއްކޭ އަމިއްލައަށް ފޯނުކޮށް ނުލެވޭތީ. ބޮޑުދައިތަ އަހަރެންގެ އެއް އަހަރުގެ ކަޒިން ޕޮޒިޓިވްވެ ފިޓް ޖެހިގެން ފެސިލިޓީއަށް ގެންދިޔައިމަ ކާފަ އާއި ބައްދަލުވީ. ބޮޑުދައިތަ ބުނާ ގޮތުގައި ވަރަށް ހާލަތު ގޯސް އެތަނުގައި. މީހުން އެމީހުންގެ އާއިލާ މީހުނަށް ގުޅައި ރޮނީ، ވަދާއީ ސަލާމެއް ކުރަނީ. އުމުރުން ދުވަސްވީ މީހުން އެމީހުންގެ ލޯބިވާ މީހުން އަށް ގޮވަނީ ޕޭޝަންޓުން ގިނަ ކަމުން ނަރުހުން ބިޒީވެ އަވަދިނެތި އުޅެނީ. ކޮންމެ މީހަކަށް ބޭނުންވާ ފަރުވާ ދިނުމުގައި،"

ނަޝް ބުނާ ގޮތުގައި މީގެ ޒިންމާ ނަގަން ޖެހެނީ ސަރުކާރެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް މި ދެރަ ހާލު ޖެހުނީ އެވެ. ސިޔާސީ މަންފާއަށްޓަކައި ސިޔާސީ ކަންކަމަށް އިސްކަން ދީ ރައްޔިތުންނަށްޓަކައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދި ޒިންމާ އަދާ ނުކުރުމުގެ ސަބަބުން މިއަދު މުޅި ރާއްޖެ ކަރުނަ އަޅާ ރޮނީ އެވެ.

ނަޝް ނަޝީދުގެ ޓުވީޓް

ހުޅުމާލެ ފެސިލިޓީގައި ބަލި މީހުން ފެނަށް ޖެހިފައިވާ ވާހަކަތަކެއް ވެސް އާއްމުވެފައި ވެއެވެ. އެއްބައި ބަލި މީހުން އެކަނި ފާހަނާއަށް ނުދެވޭތީ މީހެއްގެ އެހީތެރިކަން ބޭނުންވާ އިރު އެހީތެރި ކަމެއް ނުލިބި ދާ ވާހަކަ އެބައޮތެވެ. ބަލި މީހުނަށް ބަވާ ވާހަކައިގެ ޝަކުވާތައް ބޮޑެވެ. ބަލި މީހުން ކާން އެހީތެރިކަން ބޭނުންވާ އިރު އެކަމަށް ވެސް އެތައް ގިނަ އިރަކަށް ލަސްވެެގެން ދިއުމުގެ ޝަކުވާ ގިނަ އެވެ. ފެސިލިޓީގެ ސާފު ތާހިރުކަން ކުޑަވެފައިކަން ފޮޓޯއިން ސޯޝަލް މީޑިއާގައި ބޭޒާރު ވެފައި ވެއެވެ.

ހުޅުމާލެ ފެސިލިޓީގެ ސިންކުގެ ހާލަތުފޮޓޯއެއް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިޔަކު އޭނާގެ ނަން ޝާއިއު ނުކުރަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި މެޑިކަލް ފެސިލިޓީގެ ހާލަތު މިހާރު އެވަނީ ވަރަށް ބޮޑަށް ބޮއްސުންލައި ގޯސްވެފަ އެވެ.

"ކޮންމެ މިީހަކު އެބަޖެހޭ 20 ނުވަތަ 30 ޕޭޝަަންޓުން ބަލަން! ޑައެލިސިސް ހަދަން ގެންދަން ޖެހޭ ޕޭޝަންޓުން އެބަތިބޭ ޑައެލިސިސް އަށް މަޑުކޮށްގެން އެތައް އިރަކު. ނޫނީ ޑައެލިސިސް ހަދާ ނިމިގެން އެތަށް އިރަކު ވީލް ޗެއާގައި... އެތާނަގައި އޮތް އުމުރުން 70 އިން މަތީގެ މާމަ އެއް. އޭނާ އަށް ރަނގަޅަކަށް ވާހަކަ ނުދެއްކޭ. އެއްފަޅި ޕެރަަލައިޒްވެފައި އޮތް މާމައެއް އެއީ. އަހަރެން ހަވީރު ޝިފްޓަށް ދިޔައިރު އެ މާމަ އޮތީ ގައުން ވެސް ބޭލިފައި. އެތާ ތިބި ބަލި މީހުން އިރު އިރުކޮޅާ ބެޑްޝީޓް އަޅާ ގައިގަ. އެމީހުން ބުނި ހެނދުނުއްސުރެ ކިޔަމުންނޯ ދިޔައީ އެ މާމަގެ ނެޕީ ބަދަލު ކުރަން އަދި ޔޫރިން ބޭގް ފުރިގެން ބިންމައްޗަށް ލީކްވެފައި އޮތް ވާހަކަ ވެސް."

އޭނާ ބުނި ގޮތުގައި ފެސިލިޓީގައި ސާފުތާހިރު ކަމެއް ނެތެވެ. މުޅިތަނުން ދުވަނީ ކުޑަކަމުދާ ތަކެތީގެ ވަހެވެ.

"އަޅުގަނޑުމެން ޕީޕީއީ ލައިގެން ތިބޭ އިރުވެސް އެ ވަސް ދުވާ. މިވަރު ވީމާ މީހުން ރުޅި އަންނާނެ!"

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހިންގާ ހުޅުމާލެ ހޮސްޕިޓަލް ގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވާ ގޮތުގައި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނަރުހުން ތިބެންޖެހޭ ސްޓޭންޑެޑް އަދަދަކަށް ނަރުހުންނެއް ނެތެވެ. މެޑިކަލް ފެސިލިޓީގައި 274 އެނދު ހުރިއިރު ބަލި މީހުނާއެކު ފެސިލިޓީ ވަނީ ފުރިފަ އެވެ.

ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާއެކު ތައްޔާ ރުކޮށްފައިވާ ތިން އެނދު ވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން މަސައްކަތް ކުރެ އެވެ.

"މެޑިކަލް ފެސިލިޓީގައި ސްޓޭންޑަޑް ރޭޝިއޯއަކަށް ނަރުހުންނެއް ނެތް. އެކަމަށް އަޅުގަނޑުމެން އެއްބަސްވަން." އޭނާ ވިދާޅުވި އެވެ.