ނެޝަނަލް ޕޭ ކޮމިޝަން

މުސާރަތައް ބޮޑުކުރުމުގެ ފައިދާއާއި ގެއްލުން

ސި އްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް މިވަނީ މި މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގެންނަވާފަ އެވެ. ދައުލަތުގެ ޚިދުމަތުގައި ކަނޑައަޅުއްވާފައި ތިއްބަވާ ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމަކީ ގައުމުގެ އިގްތިޞާދީ ހާލަތާއި ރައްޔިތުންގެ އުދާސްތަކާއި ގުޅިލާމެހިފައިވާ ކަންކަމެވެ. އެގޮތުން މިފަހަރު ސަރުކާރުން ސިއްހީ ދާއިރާއަށް އިސްކަންދީގެން މި ގެނެސްފައިވާ ބަދަލުތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ ތާރީހުގައި މިވޭތުވެދިޔަ ތަނުގައި ފުރަތަމަ ފަހަރަށް މިނިވަންކަމާއެކު ދައުލަތުގެ މުސާރަ އަދުލުވެރި ގޮތުގައި ކަނޑައެޅުމަށް ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ޕޭ ކޮމިޝަން 2016 ވަނަ އަހަރުގެ ތެރޭގައި އުފެއްދުމެވެ. ވޭތުވެދިޔަ ސަރުކާރުގައި ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުގެ މުސާރައިގެ ސިޔާސަތު އެކަށީގެންވާ އުސޫލަކުން ކަނޑައެޅުމަށްޓަކައި ނެޝަނަލް ޕޭ ކޮމިޝަން އުފެއްދީ އެޕްރީލް 28، 2016 ގައެ ވެ. މަގުސަދަކީ ގާނޫނީ ނިޒާމެއްގެ ދަށުން މުޅި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ މަސައްކަތް އެއް އުސޫލަކުން އެއް ފުރާޅެއްގެ ދަށުން އެއް ހަމައަކުން ހިންގައި ބެލެހެއްޓުމެވެ.

މި ކޮމިޝަން ވުޖޫދު ވުމަށްފަހު އެ ކޮމިޝަނުން ސަރުކާރުގެ އެކިދާއިރާތަކުގެ މުސާރަ އަށް އެއް އުސޫލަކުން ހެޔޮ ބަދަލުތައް ގެނައުމަށް ފްރޭމްވާކް އެކުލަވާލުމުގެ ބުރަ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް ސަރުކާރުން އެދިގެން އިސްކަންދީގެން ބައެއް ދާއިރާތަކަށް މުސާރައިގެ ކުއްލި ބަދަލުތައްވެސް މިދަނީ ގެންނަމުންނެވެ. މިފަހަރު ސަރުކާރުން މިގެނައި ބދަލަކީވެސް އަލަކަށް ގެނައި ބަދަލެއް ނޫނެވެ. ސަރުކާރުން މީގެ ކުރިން ވެސް ސިއްހީ ދާއިރާ އަށާއި ތައުލީމީ ދާއިރާ އަށް އަމާޒުކޮށް އެ ދާއިރާތަކުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދީފައިވެ އެވެ. އެގޮތުން ސިއްހީ ދާއިރާގެ ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ވޭތުވެދިޔަ ސަރުކާރުގައި ބޮޑު ކުރި އިރު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ޑިގްރީ ފެންވަރުގައި ތިބި ޓީޗަރުންނަށް އެލަވަންސް ދީ ކޮންމެ ޓީޗަރަކީ ޑިގްރީ ފެންވަރުގެ ޓީޗަރަކަށް ވުމަށް ލާޒިމު ކޮށްފައިވެ އެވެ.

ހިނގަމުން މިދާ ހަފްތާގެ އެޕްރީލް 30 ވަނަ ދުވަހު ސަރުކާރުން ބޮޑުކުރި މުސާރަ އިއުލާން ކުރީވެސް ޕޭ ކޮމިޝަނުގެ ލަފާގެ މަތީން ސިއްހީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް އަމާޒު ކުރެވިގެން ގެނައި އެފަދަ ބަދަލުތަކެކެވެ.

ޕޭ ފްރޭމްވޯކްގެ ދަށުން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތައް ހާމަކުރަމުން ޕޭ ކޮމިޝަނުން ބުނެފައިވަނީ އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެނެސްފައިވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ ހުރިހާ ފަންނުތަކުގެ މުވައްޒަފުންނަށްވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ވެސް ވަނީ ގެނެސްފަ އެވެ. ހަމަ އެގޮތަށް ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ވެސް ޕޭ ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އަދި ކެންސަރު ފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޚާއްޞަ ފަންނުވެރިން ބޭނުންވާތީ އެފަންނުތަކަށްވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވެ އެވެ. ހަމަ އެގޮތަށް އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށްވެސް ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީފައިވެ އެވެ.

ޕޭ ކޮމިޝަނުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ކުރިއެރުމަށް ވިސްނައިގެން މުވައްޒަފުންގެ މުސާރައަށް މިގެންނަ ބަދަލަކީ ގައުމަށް ފައިދާ ހުރި ގޮތުގައި ނިންމޭ ނިންމުންކަމުގައި ވާންޖެހެ އެވެ. އެގޮތުން މިފަހަރު ސިއްހީ ދާއިރާ އަށް އަމާޒުކޮށް މިގެނައި މުސާރައިގެ ކުރިއެރުންތަކަކީވެސް ވަރަށް އެދެވޭ ހެޔޮ ބަދަލުތަކެއްކަން ފާހަގަ ކުރެވެ އެވެ. އެކަމުގައި ޕޭ ކޮމިޝަނުން ކޮށްފައި މިވަނީ ބުރަ ބޮޑު މުހިންމު މަސައްކަތެކެވެ. އެއީ އެތަކެއް ދިރާސާއެއް ހެދުމަށްފަހު އެތަކެއް ވިސްނުންތަކެއްގެ މައްޗަށް ބިނާކުރި ނިންމުމަކަށް ވާތީ އެވެ.

މިފަހަރު މިގެނައި ބަދަލުތަކުގެ ދަށުން ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ އެތައް ގުނައަކަށް ބޮޑުވެ މުވައްޒަފުންނަށް މިވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. ވިހި ހާހުގައި ހުރި މުސާރަތައް ތިރީސް ހާހަށް އަރައި އަދި ތިރީހަކަށް ހާހުގައި ހުރި މުސާރަތައް ސާޅީސް ހާހަށް އަރައި ބައެއް މުސާރަ ގާތްގަނޑަކަށް ލައްކައަކާއި ކައިރި ކުރާ އަދަދަކަށް ބޮޑުކޮށްފައިވެ އެވެ.

ނަމަވެސް މިގެނައި ބަދަލުތައް ގެނެވުނު ގޮތާއި ވަގުތާއި ހާލަތާއި މެދު ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް މިވަނީ އަމާޒުވެފަ އެވެ. ސަބަބަކީ ރިޔާސީ އިންތިހާބު ބޭއްވުމަށް އެންމެ ތިން މަހަށް ވެފައި އޮއްވާ މުވައްޒަފުން މުސާރައަށް މިހާ ބޮޑު ބަދަލެއް ގެނައުމަކީ ސިޔާސީ ކަމެއްކަމުގައި ބެލުމުގެ ޖާގަ އޮތުމެވެ. ހަމަ އެހެންމެ ބައެއް ފަރާތްތަކުން ފާހަގަ ކުރަމުންދާ ގޮތުގައި މިގެނައި މުސާރައިގެ ބަދަލުތައް އޮތީ ހަމައެކަނި އޮނިގަނޑުގައި ޖެހި ނަންބަރެއްގެ ގޮތުގަ އެވެ. އޮނިގަނޑުގައިވާ ބައެއް މުސާރަތައް ލިބޭ އެއްވެސް ދިވެއްސެއް ނެތެވެ. އެހެންކަމުން ބޮޑު ކުރި މުސާރަ ލިބެނީ ކޮން ބަޔަކަށްތޯ އުފައްދާ ސުވާލުތަކެއް ވެސް އެބައުޅެ އެވެ.

ޕޭ ކޮމިޝަނުން މުސާރަތައް އެކި ދާއިރާތައް ނުވަތަ އެކި މުއައްސަސާތަކަށް ހާމަނައިޒް ކުރަމުންދާ ގޮތުން އަދިވެސް ބޮޑެތި ތަފާތުތައް ހުރުމާއެކު ބައެއް ފަރާތްތަކުން އެކަންވެސް ފާހަގަކުރެ އެވެ. ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އަދި އެހެނިހެން ދާއިރާތަކަށް ބެލިޔަސް މިއަދުވެސް އެކި ދާއިރާތަކުގެ އެއް މިންތިއެއްގެ މުވައްޒަފުންނަށް މުސާރައިގެ ބޮޑެތި ތަފާތުތައް އެބަހުއްޓެވެ. ބައެއް ދާއިރާތަކުގައި ފަންނީ މުވައްޒަފުންގެ މުސާރައިގެ ތަފާތުވެސް އެހާމެ ބޮޑެވެ. ފަންނީ މުވައްޒަފުންގެ މުސާރައިގައިވެސް އެކި ދާއިރާތަކުގައި އެކި ވަރެވެ. މިސާލަކަށް ތައުލީމީ ދާއިރާގައި ފަންނީ މީހަކަށް ލިބޭ މިންވަރާއި ސިއްހީ ދާއިރާގެ ފަންނީ މީހަކަށް ލިބޭ މިންވަރު އަޅައިބަލާއިރު ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ޖުމްލަ ގޮތެއްގައި އެއް މުއައްސަސާ އަނެއް މުއައްސަސާއެއްގެ މުވައްޒަފުންގެ މުސާރައިގެ މެދުގައި އިންތިހާއަށް ބޮޑެތި ފަރަގު އެބަހުއްޓެވެ.

ދައުލަތުގެ މުވައްޒަފުންގެ މެދުގައި މިފަދަ ތަފާތުތައް ނައްތާލައި އެއް ހަމައަކުން އަދުލުވެރިކަމާއިއެކު މުސާރަތައް ހާމަނައިޒް ކުރެވިފައި ނުވުމުގެ ސަބަބުން މިއަދުވެސް ރައްޔިތުންގެ ފަރާތުން ސަރުކާރަށް ބޮޑެތި ފާޑު ކިއުންތައް އެދަނީ އަމާޒު ކުރެވެމުންނެވެ. މުހިންމީ މުސާރަތައް އެކި ދާއިރާތަކުގައި ވީހާވެސް އެއް ހަމައަކުން ގެނެސް ތަފާތުތައް ވީހާވެސް ކުޑަކުރުމެވެ.

ސަރުކާރުން މިހާރުވެސް ފުލުހުންނާއި ސިފައިންނާއި ދެންވެސް ހުރި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމުގެ ވައުދުތައް ދަނީ ވަމުންނެވެ. އެކަމަކު ކުރިންވެސް ފާހަގަކުރި ގޮތަށް ގައުމުގެ މާލީ ހާލަތަށްވެސް ބެލިގެން މެނުވީ މިފަދަ ކަންކަން ކަނޑައެޅުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ނުހަނު ގެއްލުން ހުރި ކަންކަމެވެ. ގައުމުގެ ދަރަނީގެ މިންވަރު އިންތިހާ އަށް މިވަގުތު މައްޗެވެ. ހަމައެހެންމެ ރިކަރަންޓު ހަރަދު އެތައްގުނައަކުން ބޮޑެވެ. ދައުލަތުގެ މުޅި ބަޖެޓް ވަނީ ބޮޑު ތަނުން ޑެފިސޓްވެފަ އެވެ. މިހާލަތުގައި ރިކަރަންޓް ހަރަދު ބޮޑު ކުރުމަކީ އޭގެ ނުރައްކާ އިގްތިސާދަށް ކުރާނެ ކަމެކެވެ.

މިވަގުތުވެސް ހަގީގީ އިންފްލޭޝަން ހުރީ މައްޗަށް ހިފާފަ އެވެ. މިފަދަ ވަގުތެއްގައި މުސާރަ ބޮޑު ކުރުމުން މިވަގުތު އޮތް އެ ހާލަތަށް އިތުރު ނުބައި އަސަރުކުރުން އެކަށީގެންވެ އެވެ. ސަބަބަކީ ގިނަ ފަހަރަށް މުސާރަ ބޮޑު ކުރުމަކީ އިންފްލޭޝަން މަތިވުމަށްވެސް މެދުވެރިވާ ސަބަބަކަށްވާތީ އެވެ. މިހާރުވެސް އިންފްލޭޝަން ހުރީ މައްޗަށް ހިފާފަ އެވެ.

ދައުލަތުން އެންމެ ބޮޑު ރިކަރަންޓް ހަރަދެއް ކުރަނީ މުވައްޒަފުންގެ މުސާރަ އަށެވެ. އެމިންވަރު މިހާރުވެސް ބޮޑު ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ. ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރަމުން ގޮސްފައިވާ އާމްދަނީގެ އަދަދަތުކެއް ހާސިލެއް ނުވެ އެވެ. ސިއްހީ ދާއިރާގެ މުސާރަތަކާއިއެކު މިގެނައި ބަދަލުން އެކަނިވެސް ބައި ބިލިއަނަކާ ގާތްކުރާ މިންވަރަކަށް އަހަރަކަށް އެބަ ޖެހެ އެވެ. ދައުލަތަށް މިވަރު ކަވަރުކުރަން އާމްދަނީ އިތުރުނުވެ މިފައިސާ ހަރަދު ކުރާނީ ކޮންގޮތަކަށްތޯ ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ.

ރާއްޖޭގެ ދަރަނީގެ މިންވަރު މިހައި މަތިވެފައިވަނިކޮށް އާމްދަނީ އިތުރުވެގެން ފޫބެއްދޭނެ ގޮތެއް އަދިވެސް ފެނިފައި ނުވާއިރު ރިކަރަންޓް ހަރަދު އަނެއްކާވެސް މައްޗަށް ދާގޮތަށް އަމަލުކުރުމަކީ ގައުމުގެ އިގްތިސާދަށް އިތުރަށް ބުރަ ބޮޑުވެގެންދާނެ ކަމެކެވެ. މިފަދަ ކަންކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވެންޖެހޭ ރިކަރަންޓް ހަރަދުތަކެކެވެ.

އެހެންކަމުން މިފަހަރު މުސާރައިގެ ބަދަލުން ދައުލަތުގެ ކޮންމެވެސް މުވައްޒަފުން ކޮޅަކަށް ހިނިތުންވުން ގެނުވިޔަސް ދައުލަތުގެ މިފަދަ އެތައް ސަތޭކަ ނުވަތަ ހާހެއްހާ މުވައްޒަފުންގެ މުސާރައަށް ގެނެވޭ ބޮޑެތި ބަދަލުތަކަކީ ސިޔާސީ ގޮތުން ކުރެވޭ ކަމަކަށް ވެގެން ނުވާނެ އެވެ. އޭގެބަދަލުގައި މުޅި ގައުމުގެ އެންމެހާ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް އަދި ޖުމްލަ ގޮތެއްގައި މުޅި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދެމެހެއްޓެނިވި ގޮތުގައި ސަރުކާރުތަކުން ގެންނަ ބަދަލުތަކެއްގެ ގޮތުގައި މުސާރައިގެ ބަދަލުތައް ފެންނަން ޖެހެ އެެވެ،