އަންނަ އަހަރު މުސާރާއިގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ހޭދަވާނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އަންނަ އަހަރު 2.7 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. ޖުމުލަ 13،312 މީހުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.
ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރައަށް ތިން ބިލިއަނާ ގާތް ކުރާ އަދަދަކަށް ހޭދަކުރަން ބަޖެޓުގައި ހިމަނާފައިވާއިރު އެންމެ ބޮޑު ހަރަދެއް ދަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަށެވެ. ސިވިލް ސާވިސްގެ 11،595 މުވައްޒަފުންގެ މުސާރައަށް ޖުމުލަ 2.4 ބިލިއަން ރުފިޔާ ހޭދަވެ އެވެ.
މީގެ އިތުރުން ކޮންޓްރެކްޓް އުސޫލުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ 1،693 މުވައްޒަފުންގެ މުސާރައަށް 312 މިލިއަން ރުފިޔާ އާއި، ތައުލީމީ ދާއިރާގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި 15 ބޭފުޅުންގެ މުސާރައަށް 6.9 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މުސާރައަށް ދެން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތަށެވެ. ފުލުހުންގެ ޖުމުލަ 5،173 މުވައްޒަފުންގެ މުސާރައަށް 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. އެމްއެންޑީއެފް އަދި ހެލްތް މިނިސްޓްރީއަށްވެސް މުސާރައިގެ ގޮތުގައި ބަޖެޓުކޮށްފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.
މި ހަތަރު މުއައްސަސާގެ ތެރެއިން އެންމެ ގިނަ ސިޔާސީ މަގާމުތައް ހުރީ ހެލްތް މިނިސްޓްރީގައިކަން ފާހަގަކުރެވެ އެވެ. ހެލްތް މިނިސްޓްރީގައި ޖުމުލަ 140 ބޭފުޅުން ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރާ އިރު އެބޭފުޅުންގެ މުސާރައަށް 33.8 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމައްޓަކައި 2023ގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިއީ ސިއްހީ ދާއިރާގެ ޑޮކްޓަރުން، ނަރުހުން އަދި އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް މުސާރަ އެއްހަމަކުރުމަށްޓަކައި ކުރެވޭ ހަރަދެވެ.
ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ.
މިއަހަރާ އަޅާބަލާއިރު 2023 ގައި މުވައްޒަފުންނަށް ކުރާ ހަރަދު 17.5 އިންސައްތަ އިތުރުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މިއީ މުސާރަ އެއްހަމަކުރުން ނުވަތަ ހާމަނައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑަށް ބަދަލުކުރުމަށް ބަޖެޓުގައި ހިމަނާފައިވާތީ އައި އިތުރުވުމެކެވެ.
މުވައްޒަފުންނަށް ކުރާ ހަރަދު އިތުރުވާނެ ކަމަށް ލަފާ ކުރާ އަނެއް ސަބަބަކީ ސިއްހީ ދާއިރާއަށް އިތުރު 1،000 މުވައްޒަފުން އިތުރުކުރުމަށް ނިންމާފައިވާތީ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް އަންނަ އަހަރުގެ ކުރީކޮޅު ބޮޑުކުރަން ނިންމާ، ކަމާ ގުޅޭ ދިރާސާ ސަރުކާރުން ވަނީ ހަދާފަ އެވެ. އަދި މުސާރަތައް ހަމަހަމަކުރުމުގެ ސިޔާސަތުގެ ދަށުން ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ މުސާރާއިގެ އާ އޮނިގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފަ އެވެ.