ތައުލީމީ ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އާ އޮނިގަނޑު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
ޕޭ ކޮމިޝަނުން ބުނީ މުސާރައިގެ އައު އޮނިގަނޑު ހެދުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލުމަށް ފަހު މުސާރައިގެ ކުރިއެރުން ލިބޭ ގޮތުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ އަންނަ މޭ މަހު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވުައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައިވާތީ އެކަން ތަންފީޒު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
"މިނިމަމް ވޭޖް ސަރުކާރުން ކަނޑައެޅީ މިދިޔަ ނޮވެމްބަރު މަހު. އެކަމު ޖެނުއަރީ މަހަށް ސްޓްރަކްޗާ ހަދައި އެއަށް އަޅުގަނޑުމެން އަމަލު ކުރަން ފަށައިފިން. އެހެންވީމަ މޭ މަހަށް ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ބޮޑުކޮށް އޮނިގަނޑު ނުހެދޭންވީ ސަބަބެއް ނެތް. އަޅުގަނޑުމެން އެކަން ކުރާނަން،" ނާސިހް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުް ރައީސް ސޯލިހް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާ އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އަންނަ މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ.
އެބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަކިން ހާއްސަކޮށް ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާ އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 2.3 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުގެ ގޮތުގަ އެވެ.