ތެލެސީމިއާ ސެންޓަރުގެ ހިންގުން ދޯދިޔާވެ ދޭ ހިދުމަތްތަކާމެދު އަބަދުވެސް ޝަކުވާ އޮވެއެވެ. އެ މައްސަލަތައް ސަރުކާރުގެ އެކި ލެވެލްގެ ވެރިންގެ ސަމާލު ކަމަށް ގެންދަން ވެސް މަސައްކަތް ކުރެއެވެ. މިނިސްޓަރުންނާއި ނާއިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ސަމާލު ކަމަށް ވެސް އެ މައްސަލަތައް ގެންގޮސް ހައްލު ހޯދަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މައްސަލަތައް ހައްލު ނުވެ އިތުރު މައްސަލަތަކާއެކު ތެލެސީމިއާ ޕޭޝަންޓުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުމެއްގަ އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުގެ ހުރިހާ އިދާރާ ތަކަކުން ވެސް ހިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނައެވެ. މަސައްކަތް ކުރާ ވަގުތު މަދުކޮށް އޮފީހަށް ނުކުންނަ މުވައްޒިފުންގެ އަދަދު މަދުކޮށްފައި ވެއެވެ. އެ ބަދަލުތަކާއެކު އެންމެ ބޮޑު ދައްޗެއް ކުރިމަތިވި އެއް ބަޔަކީ ތެލެސީމިއާ ކުދިންނެވެ.
ހިންގުން ދޯދިޔާވެ ބޮއްސުން ލާފައި އޮތް ތެލެސީމިއާ ސެންޓަރުން ގެނައި ބަދަލާއެކު ލޭ އެޅުމުގައި އެތައް ޕޭޝަންޓުންނަކަށް ދައްޗާ ދިމާވެފައި ވެއެވެ. ކުރިން ތެލެސީމިއާ ކުދިންގެ ތެރެއިން ދެ ޔުނިޓް ލޭ އަޅާ ކުދިންނަށް ހެނދުނު އަށަކުން ފެށިގެން މެންދުރު 1:30 އަށް ލޭ އަޅައި ދެއެވެ. ވަޒީފާތަކުގައި އުޅޭ މީހުނާއި ސުކޫލު ދަރިވަރުންނަށް ވެސް ފަސޭހައިން ލޭ އެޅެއެވެ. ނަަމަވެސް މިހާރު ލޭ އަޅާ ޕޭޝަންޓުން އެ ސެންޓަރުން ފުރުސަތު ދެނީ ހެނދުނު އަށަކުން ނުވަޔަކަށް އަދި މެންދުރު 12:00 އިން އެކަކަށެވެ. މިއީ ވަރަށް އުނދަގޫވި ކަމެކެވެ. އެ ޝަކުވާ ކުރަމުން ގެންދާތާ މަހެއްހާ ދުވަސް ވަނީ އެވެ. އަދި ހައްލެއް ލިބިފައެއް ނުވެއެވެ.
އެތައް މައްސަލަތަކެއް ހުއްޓާ ސެންޓަރުން ނިންމި ނިންމުމާއެކު ތެލެސީމިއާ ކުދިން ވަނީ ޝަކުވާތައް ހިފައިގެން އާންމުންގެ ތެރެއަށް ނުކުމެފައެވެ. އަދި ރައީސް ސޯލިހާއި ނާއިބު ރައީސާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ ސަމާލު ކަމަށް ކޮންމެ ދުވަހަކު އެކަން ގެނެއެވެ.
ޝަކުވާތައް ބޮޑުވުމުން ތެލެސީމިއާގެ ބައެއް ޕޭޝެންޓުންނާއި ބެލެނިވެރިންނާއި ހެލްތު މިނިސްޓަރު ނަސީމް ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ވެސް ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލައެއް މިނިސްޓަރުގެ ސަމާލު ކަމަށް ގެންދިޔަ އެވެ.
އެ ބައްދަލުވުމަށް ފަހު ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ތެލެސީމިއާ ކުދިންގެ ހުށަހެޅުމަށް ރިއާޔަތްކޮށް ހިދުމަތް އިސްލާހު ކުރުމުގައި ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާ ގާތް އަމިއްލަވަންތަކަމުގެ އިހްސާސް ލިބިދޭ ތަނަކަށް ބަދަލު ކުރުމުގެ އަމާޒެއް ހިފާނެ އެވެ. އިތުރު ތަފްސީލެއް ނެތެވެ.
ބައްދަލުވުމުގައި އެންމެ ބޮޑު ޝަކުވާއަކަށް އޮތީ ލޭ އަޅައިދޭ ވަގުތު ކުރުކޮށްފައި ވުމެވެ. ހިދުމަތްދޭ ވަގުތުތަކުގެ ތެރެއިން ވަކި ގަޑިތަކެއްގައި ދިއުމުން ނޫނީ ލޭ އަޅައި ނުދެވޭނެ ކަމަށް ސެންޓަރުން ބުނާތީ އޮތް ކަން ބޮޑުވުމެވެ. ހަމައެކަނި ތެލެސީމިއާ ޕޭޝަންޓުންނަށް ހާއްސަ އެ ސެންޓަރުން އެފަދަ ގޮތަކަށް އެންގުމަކީ ލޭ އަޅާ މީހުނާއި ކުދިންނާއ ބެލެނިވެރިންގެ ނަޒަރުގައި ގޯހެކެވެ.
ތިންސަތޭކައެއްހާ ތެލެސީމިއާ ޕޭޝަންޓުން މާލޭގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް ޕޭޝަންޓުންނަކީ މިހާރު އުމުރުން 30 އަހަރުން މަތީގެ މީހުންނެވެ. ކައިވެންޏެއްކޮށް ދިރިއުޅުން ފަށާ ދިރިއުޅުމަށް މަސައްކަތް ކުރަމުންދާ ބައެކެވެ. އަދި ދަރިން ލިބިފައިވާ އެތަށް ބަޔަކުވެސް ތެލެސީމިއާ މީހުންގެ ތެރޭގައި ހިމެނެއެވެ.
އެހެން ކަމުން ވަކި ވަގުތުތަކެއްގައި ނޫނީ ލޭ ނޭޅޭ ގޮތަށް ހަމަޖެއްސުމުން ބައެއް ޕޭޝަންޓުންނަށް ވަޒީފާ އަދާ ކުރުމަށް ހުރަސް އެޅެއެވެ. އާއިލީ ޒިންމާއާ އެހެނިހެން ކަންކަން ހުންނަ ގޮތުން ހުރަސް ކުރިމަތި ވެެއެވެ.
"އެންމެ ބޮޑު މައްސަލައަކީ އެ އަންގާ ވަކި ވަގުތަކަށް ނުދެވިއްޖެނަމަ ދެން އެ ދުވަހަކު ލެއެއް ނޭޅޭނެ. އަޅުގަނޑުމެން މިއީ މިހާރު ވަޒީފާ އަދާ ކުރާ މީހުން. ބައެއް މީހުން އެއީ މާބަނޑުވެފައި ނުވަތަ ކުދިން ލިބިފައި ތިބި މީހުން. އެހެންވީމަ އެހެން ސީދާ ކަނޑައަޅާ ވަކި ވަގުތަކަށް ނުދެވިދާނެ. ހަމަ ކިތަންމެ ކުޑަ ވަގުތުކޮޅެއް ލަސްވިޔަސް ލޭ އަޅާ ނުދީ ފޮނުވާލާފައި އެބަހުރި. އަދި އެބުނާ ވަގުތަށް ނުދެވޭނެތީ ގަޑި ބަދަލު ކޮށްދޭން އެދުމުން ވެސް އެކަން ނުކުރެވޭނެ ކަމަށް ބުނޭ،" ލޭ އަޅާ މީހުންގެ އާއިލާގައި ހިމެނޭ އުމުރުން 30 އަހަރުގެ ޒުވާނަކު ބުންޏެވެ.
ބައެއް ޕޭޝަންޓުންނަށް މަހަކު ދެ ފަހަރު ނޫނީ ތިން ފަަހަރުވެސް ލޭ އަޅަން ޖެހޭ ކުދިންނެވެ. ލޭ އަޅަން ޖެހެނީ މަހަކު ވަކި ދުވަހަކު ނޫނެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިގެން އެކި މަހު ލޭ އަޅަން ޖެހޭ ދުވަސް ތަފާތެވެ. އަދި ލޭ އަޅަންޖެހޭ މިންވަރު ވެސް ތަފާތެވެ. ބައެއް ފަހަރު ދެ ޔުނިޓް ލޭ ވެސް އަޅަން ޖެހެއެވެ.
ލޭ އަޅާ ދުވަސް ދުވަހު ދެ ޔުނިޓް ލޭ އަޅާނަމަ ހަ ގަޑިއިރު ހޭދަ ކުރަން ޖެހެއެވެ. ޔުނިޓެއް އަޅާނަމަ ތިން ގަޑިއިރެވެ. ބައެއް މީހުނާއި ކުދިން ލޭ އަމިއްލައަށް ހޯދަ އެވެ. ޑޯނާއެއް ހޯދާ އެ މީހެއްގެ ގައިން ލޭ ނެގެންދެން އެ މަސައްކަތުގައި އުޅެން ޖެހެނީވެސް އެމީހުނެވެ. ކްރޮސްމެޗް ހެދުމާއި އެ ނޫން ކަންކަން ކުރަން އެއް ދުވަސް ކުރިން އުޅެން ޖެހެއެވެ.
"ލޭ އަޅާ ފަހަރަކު ދެތިން ދުވަސް އަސްލު މި އުޅެން ޖެހެނީ އެކަމާ. އެހެންވީމަ މިއީ މިއަށްވުރެ ފަސޭހައިން އިންތިޒާމުވެފައި ހުންނަން ޖެހޭ ކަމެއް. އަޅުގަނޑުމެން ނުބުނަން އަޅުގަނޑުމެން ވެސް ދާހާ އިރަކު ލޭ އެޅެން ޖެހޭނެ އެކޭ. އަޅުގަނޑުމެން މި ބުނަނީ އޮފީސް ހުޅުވަނީ ހެނދުނު އަށަކުން ރޭގަނޑު އަށަކަށް ނަމަ އެ ދެމެދުގައި ލޭ އެޅޭހާ ވަގުތު އޮއްވާ ދާ ކޮންމެ މީހަކަށް ވެސް ލޭ އެޅެން ވާނޭ. ކުރިން ވެސް އަމަލު ކުރަމުން ދިޔައީ އެ އުސޫލުން. އެވަރަށް ބެޑް އެބަހުރި. އެހެންވީމަ މިހެން ވަކި ވަގުތުތަކެއް ހަމަޖައްސަން ޖެހޭ ސަބަބެއް ނެތް،"
ލޭ އަޅާއިރު ކޮންމެހެން އޮށޯވެ ނުވަަތަ ވަކި ގޮތަކަށް އިށީންދެ އިންނާކަށް ވެސް ނުޖެހެއެވެ. އެހެންވެ ތަނުގައި ހުރި އެނދަށް ބަލާކަށް ނުޖެހެ އެވެ.
ޑޯނަރުން ހޯދައި ލޭ ނެގުމަށް ފަހު ވެސް ތެލެސީމިއާ ސެންޓަރުން ހަމަޖައްސާފައިވާ އިންތިޒާމުތަކާމެދު ވެސް ކަންބޮޑުވުން އެބައޮތެވެ. އެކަމަށް ވަކި ނިޒާމެއް ގާއިމް ކޮށްފައިވާއިރު އެކަންވެސް ބިނާވެފައި ވަނީ ޑޯނަރަށް އަދި ކުދިންނަށް ފަސޭހަ ގޮތަކަށް ނޫނެވެ. ސެންޓަރަށް ފަސޭހަ ވާނެ ގޮތަށެވެ.
"ޑޯނަރު އެ ކޮށްދެނީ ވަރަށް ބޮޑު ހެޔޮ ކަމެއް. އެހެންވީމަ އިތުރު ތަކުލީފުތަކެއް ޑޯނަރަށް ޖެއްސުމަކީ ވަރަސް ދެރަ ކަމެއް. އެތައް ވަގުތެއް ހުސް ކޮށްގެން ޑޯނަރު އަންނަ ވަގުތު ލޭ ނެގެން ނެތް ކަމަށް ބުނެފާނެ. އެމީހުން އެ ކަނޑައަޅާ ވަކި ވަގުތަކަށް ނުދެވިއްޖެނަމަ ކިތަންމެ ކުޑަ ވަގުތުކޮޅެއް ލަސްވިޔަސް ލޭ ނަގައި ނުދީ އެބަ ފޮނުވާލާ. ނަމަވެސް ތަނުގައި ކިއު ނުޖެހި އެކަން ކުރެވޭނެ ގޮތް އެބައޮތް. ކުރީން ވެސް އެކަން ކުރީ އެ ގޮތަށް. ކުއްލިއަކަށް މި ހުރިހާ އުސޫލުތަކެއް މި ބަދަލު ކުރީ،"
ތެލެސީމިއާ ސެންޓަރުގެ މައްސަލަތައް އިތުރުވެ ފުނި ޖެހުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ސެންޓަރު ހިންގަން ދާއިމީ ވެރިއަކު ނެތުމެވެ. ތެލެސީމިއާ ސެންޓަރު ހިންގަން ދާއިމީ ވެރިޔަކު ނެތި ދާތާ ކިތަންމެ ދުވަހެކެވެ. މި ވަގުތުވެސް ޕޭޝަންޓުންނާއި ބެލެނިވެރިންނަށް ފަހިވާ ގޮތަށް ކަންކަން އިންތިޒާމު ކުރަން މަސައްކަތް ނުކުރުމަކީ މައްސަލަ ބޮޑުވަމުންދާ ސަބަބެވެ. އެ ސެންޓަރުގައި ދާއިމީ ވެރިއަކު ނެތުމުން ޝަކުވާތައް ކުރާނެ އަދި އަޑު އަހާނެ މީހަކު ވެސް ނުހުރެއެވެ.
އެ ޝަކުވާވެސް ހެލްތް މިނިސްޓަރާ ހަމައަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން ދޭ ބޭހާއި ފަރުވާ "ޕޭސަންޓް އޮރިއެންޓް" ނުވުމަކީވެސް އޮތް ކަންބޮޑުވުމެކެވެ. ތެލެސީމިއާ ކޮންމެ ޕޭޝަންޓަކީ ވެސްސްދޭ ފަރުވާ ތަފާތު މީހެކެވެ. ލޭ އަޅާ މިންވަރާއި ދޭ ބޭހާއި އެ ނޫން ކަންކަން ވެސް ތަފާތެވެ. ގަވާއިދުން ހަދަން ޖެހޭ ޓެސްޓްތައް ވެސް ގިނައެވެ.
ރާއްޖޭގައި ކަން އޮތީ އެހެނެއް ނޫނެވެ. ތެލެސީމިއާ ކުދިން އަވަހަށް މަރުވުމާއި އެ ކުދިން ހެދި ބޮޑުވުމުގައި އެކި މައްސަލަތައް ދިމާވަނީ ދެވޭ ފަރުވާއާ ބަލަން ޖެހޭ ވަރަށް ކަންކަން ނުބެލޭތީ ކަމަށް ގިނަ ޕޭޝަންޓުންނާއި ބެލެނިވެރިން ދެކެއެވެ. މިހާރު ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ދެނީ އެއް ފަރުވާއެކެވެ. އަދި ހަދަން ޖެހޭ ޓެސްޓްތައް ގަވާއިދުން ހަދައިތޯ ވެސް ސެންޓަރުން ނުބަލައެވެ.
އަތޮޅުތަކުގައި ތިބި ތެލެސީމިއާ ޕޭޝަންޓުންނަށް އަޅާނުލެވި ފަސޭހައިން ފަރުވާ ލިބިގަތުމުގެ ފުރުސަތު ނެތުމަކީވެސް ކަންބޮޑުވުމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ތެލެސިމިއާ ޕޭޝަންޓުންގެ ފަރުވާގެ ކަންކަން ރާވާ ބަލަހައްޓާ ހިންގުމަކީ ތެލެސީމިއާ ސެންޓަރުގެ ޒިންމާއެކެވެ. ނަމަވެސް އެ ސެންޓަރަށް އެކަންކަން ނުކުރެވި ރަށްރަށުގައި ތިބި ތެލެސީމިއާ އެތައް ޕޭޝަންޓުންނަކާއި އާއިލާއެއް ދަނީ ތަކުލީފު އުފުލަމުންނެވެ.
ތެލެސީމިއާ ޕޭޝަންޓުންނަކީ ވެސް ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ބައެކެވެ. އުމުރާ ގުޅިގެން ފަރުވާއަށް ބަދަލު އަންނަން ޖެހޭ ކަމާއި ފަރުވާގެ އިންތިޒާމް ހަމަޖެހެން ޖެހޭ ގޮތް އެނގެއެވެ. ނަމަަވެސް އެ ވާހަކަތައް ތަކުރާރުކޮށް ބުނެގެން ނޫނީ ނިޒާމުގެ ތެރެއިން ފަރުވާ ލިބޭނެ ގޮތެއް ނެތެވެ.
ތެލެސީމިއާ ސެންޓަރަކީ ކުދިންނަށް ފަސޭހަ ފަހި މާހައުލެއްވެސް އޮތް ތަނެއް ނޫނެވެ. ބައެއް ޕޭޝަންޓުން ބުނާ ގޮތުން މިހާރު އެ ސެންޓަރަކީ "ރެފިއުޖީ ކޭންޕެ" ކެވެ. ލޭ އަޅަން އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭއިރު ހިތްފަސޭހަ މާހައުލެއް ގާއިމްވެފައެއް ނެތެވެ.