އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމަށާއި ގުދުރަތީ ވެށި އޭގެ ތޮބީއީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބު ގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަ ނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރާ މުނާސަބާ އިއްތިފާގުވެފައިވާ އަނެއް މުނާސަބަތަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯއަށް 75 އަހަރު ފުރުމެވެ. ރައީސް ވިދާޅުވީ ފާއިތުވި 75 އަހަރުގެ ތެރޭގައި ޑަބްލިއުއެޗްއޯގެ ފަރާތުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތައް ވަރަށް ގިނަ ކަމަށެވެ. އެހެންވެ އެކަމުގެ އަގު ވަޒަންކުރައްވައި، އެންމެހައި ދިވެހިންގެ ނަމުގައި ރައީސް ވަނީ ޑަބްލިއުއެޗްއޯ އަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިއަހަރުގެ ސިއްހަތު ދުވަހަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ "ސިއްހަތު އެންމެނަށް" އެވެ.
މި ޝިއާރަކީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ ޕަބްލިކް ހެލްތު ދާއިރާއާ ވަރަށް ގުޅުން ހުރި ޝިއާރެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
"ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މިހޭދަވި މުއްދަތުގެ ތެރޭގައިވެސް، އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމު،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު އާންމު ސިއްހަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުމެވެ.
ރައީސް ވަނީ މިފަދަ ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމަކީ ސިއްހީ ހިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރުމުގެ މުހިއްމު ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.