ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިމާވި ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ކޮންގްރެސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރު ފިޔަވައި އެހެން ސަރުކާރަކުން މިހާ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ މަންޒަރު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ނަސީމް ވިދާޅުވީ ޒަމާނީ ފެންވަރަށް ސިއްހީ ނިޒާމު ބައްޓަން ކުރެވި، އިންގިލާބީ ބަދަލެއް ގެނައުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމެއް ކަމަށެވެ. ރާއްޖެއަށް ކޮވިޑްގެ ވަބާ އައިތާ ދެ އަހަރާ ބައި ވެގެންދިޔައިރު ސިއްހީ ނިޒާމަށް ބޮޑު ލޮޅުމެއް އައި ނަމަވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އެބަހުރި ކަމުގައި ވިދާޅުވި އެވެ.
އެގޮތުން މާލެ ފިޔަވައި އަތޮޅުތެރޭގެ ދެ ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އިތުރު ތިން ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އަތޮޅުތެރެއަށް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދައި، އެކިއެކި ޓެސްޓްތައް މިހާރު އަތޮޅުތެރެއިން ކުރެވެމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.
"ކޮވިޑް ކޮންޓްރޯލް ކުރަމުން މިފަދަ ކާމިޔާބީއެއް ލިބުނީ މަދު ގައުމަކަށް. ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގާ ކޮވިޑާ ގުޅޭ ސިއްހީ ކަންކަން ބަލަހައްޓަމުން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހެނިހެން ސިއްހީ ކަންތައްތައް މެދުކެނޑުމެއްނެތި ދިޔައީ ފޯރުކޮށްދެމުން،" ނަސީމް ވިދާޅުވި އެވެ.
ނަސީމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. އުމްރާނީ ތަރައްގީއާ އެއްްހަމައެއްގައި ސިއްހީ ދާއިރާގެ ހިދުމަތްތަކާއި އިންސާނީ ވަސީލަތްތައް ގެނައުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާތަނަށް ސިއްހީ ނިޒާމަށް އަޅާލާ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން،" ނަސީމް ވިދާޅުވި އެވެ.