ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުން ހާމަކުރެއްވުމުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.
ވަހީދަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރެކެވެ. ނަޝީދު ނިންމަވާ ކޮންމެ ނިންމެވުމަށް ފުރަތަމަ ތާއީދު ކުރައްވާ މެންބަރުންގެ ތެރޭގައި ވަހީދު ހިމެނިވަޑައިގަންނަވައެވެ.
ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ ހާމަކުރައްވާފައެވެ. މިއީ މުޅީންވެސް އެމްޑީޕީގެ ސްލޮޓްތަކުގައި މިނިސްޓަރު ކަމުގައި ތިއްބެވި ބޭފުޅުންނެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިމްތިޔާޒް ފަހްމީގެ ކެމްޕެއިން މެނޭޖަރަކަށްވެސް ހުންނެވި ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ތިއްބެވި ބައެއް ވަޒީރުން ނޫން ބަޔަކު އެމަނިކުފާނަށް ތާއީދު ކުރައްވާކަން ހާމަކުރައްވަން އިސްނަންގަވަން ނެތީތޯ ސުވާލު ކުރައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާ އެޕޮއިންޓް ކޮށްފައި ތިބި [ބައެއް] ވަޒީރުން ނޫން ބަޔަކު، މިކަމަށް [ރައީސަށް ތާއީދު ކުރައްވާކަން ހާމަކުރައްވަން] އިސްނަގަން ނެތީތޯ،" ވަހީދު ސުވާލު ކުރައްވާފައިވެއެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް އިއުލާނު ކުރެއްވީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. 2023 ގެ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ އެކި ފަހަރު މަތީން އިއުލާނު ކުރައްވާފައެވެ. އެކަމަށް އިޝާރާތް ކުރެއްވުމެއް ނެތި ރައީސް ސޯލިހް އެ ދުވަހު ވިދާޅުވީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށާ ކޯލިޝަނަކާއެކު ނިކުންނަވާ ވެރިކަން ދިފާއު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ މި ވެރިކަން އިތުރު ދައުރަކަށް ދަންމަވާލައްވަން ބޭނުންފުޅު ނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށްވެސް ސާފުކޮށް ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމާއެކު މިއީ ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ ނަޝީދު ހޫނު ރައްދެއް ދެއްވެވިއެވެ.