މާރިޔާ އަހުމަދު ދީދީ

ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީގެ މެމްބަރުންނަށް މަލާމާތެއް: މާރިޔާ

ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި އެމްޑީޕީގެ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކައި، ދަތިކުރާ ކަމަށް ބުނެ ވާހަކަދެއްކުމަކީ އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރުންނަށް ކުރެވޭ މާލާމާތެއް ކަމުގައި ޑިފެންސް މިނިސްޓަރު އަދި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ސަރުކާރުން ދައުލަތުގެ މުވައްޒަފުންނަށް ބިރު ދައްކައި، ރައީސް ސޯލިހުގެ ކެމްޕޭންގައި ބައިވެރިވުމަށް މަޖުބޫރުކުރާ ކަމަށް ބުނެ ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ނެރެފައިވާ ބަޔާނަށް ރައްދު ދެއްވަމުންނެވެ.

މި ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެފަދަ މީހުން ވޯޓުލުމުން މުހްރޫމްކުރުމާއި، ރައީސް ނަޝީދަށް އެމީހުންގެ ރަށްރަށުގައި މަސައްކަތްކޮށްދިނުމުން ދުރުކުރުން ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ބިރުދެއްކުމުގެ އަމަލުތަކަކީ "ނާތަހުޒީބު" އަމަލުތަކެއް ކަމަށާއި ސަރުކާރުން ޏާޖާއިޒް ނުފޫޒު ބޭނުންކުރާކަ މަށެވެ. އަދި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާތަކާއި ހަރަކާތްތަކަށް ދިއުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކުންފުނިތަކުގެ އިސްވެރިން އަންގަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ގަދަރާއި ކަރާމާތް ހިމާޔަތްކުރަން މަސައްކަތްކުރާ ޕާޓިއެއް ކަމުން މުވައްޒަފުންނަށް މިފަދައިން ބިރުދެއްކުން ފަދަ އަމަލުތަކުން ދުރުވެ ތިބުމަށް ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ވަނީ ސަރުކާރަށާއި ސަރުކާރުގެ އޮފީސްތަކަށް އިލްތިމާސް ކޮށްފަ އެވެ.

މި ބަޔާނަށް ރައްދު ދެއްވަމުން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސްޖެހޭ މީހުންގެ ޕާޓީއެއް ނޫން ކަމަށެވެ.

"ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީގެ ހިތްވަރުގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ނެރެފައިވާ ބަޔާނާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން އެއްވެސް މުވައްޒަފަކަށް ބިރުދައްކައި އަދި ކެމްޕޭނާ ގުޅިގެން ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުން ފަދަ ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.

"ސަރުކާރުގެ، ރައީސް އޮފީހުގެ މިނިސްޓަރުން ވެސް ރައީސްއާ ދެކޮޅަށް ޕްރައިމަރީ ކެމްޕޭންގައި އެ އުޅުއްވަނީ ނޫންތޯ؟ އަދި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެބަ އުޅުއްވާ ރައީސްގެ ވާދަވެރި ކެންޑިޑޭޓާ އެކީ ކެމްޕޭންގައި. އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރެއް ނުދައްކާ،" މިއުވާން ވިދާޅު ވިއެވެ.

ރައީސް ސޯލިހުގެ ކެމްޕޭންގެ ބޭނުމަކަށް ސަރުކާރުގެ އޮފިސްތައް ބޭނުން ކޮށްފައި ނުވާނެ ކަމަށާއި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނުފޫޒުވެސް ބޭނުންކޮށްފައި ނުވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ނެރެފައިވާ ބަޔާނުގައި ހުރި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރެއްވި އެވެ.