އެމްޑީޕީ

އެމްޑީޕީން ރިއެކްޓް ނުކުރާނެ، ކުޅޭނީ ހަކުޅި ކުރިއަށް: މާރިޔާ

އެމްޑީޕީ އަކީ ކަންކަމުގައި އެއްވެސް އިރަކު "ރިއެކްޓް" ކުރާ ޕާޓީއެއް ނޫން ކަމަށާއި އޭގެބަދަލުގައި އެމްޑީޕީއަކީ ހަކުޅި ކުރިއަށް ކުޅެގެން ކަންކަން ހާސިލް ޕާޓީއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މާރިޔާ ފާޑުވިދާޅުވެފައި މިވަނީ ސަޕްޓަން ޕާކްގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕޭން ޖަލްސާގައި ސަރުކާރާ ގުޅުންހުރި މައްސަލަތައް ރައީސް ސޯލިހްގެ ސަމާލުކަމަށް ގެނައުމުން އެކަންކަމަށް ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ ރިއެކްޓް ކުރާ ޕާޓީއެއްގެ ބަދަލުގައި ޕްރޯ އެކްޓިވް ޕާޓީއެއް ކަމަށެވެ.

"މި ޕާޓީއަކީ އެއްވެސް އިރަކު ރިއެކްޓް ކުރާ ޕާޓީއެއް ނޫން. މި ޕާޓީއަކީ ޕްރޯއެކްޓިވް ޕާޓީއެއް. މިއީ އަބަދުވެސް ހަކުޅި ކުރިއަށް ކުޅޭ ޕާޓީއެއް" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އަކީ އެމްޑީޕީގެ މަންމަ ކަމަށް އެޕާޓީގެ ބައެއް މެންބަރުން މީގެކުރިން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ މަންމައެއްގެ ހައިސިއްޔަތުން ޕާޓީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެކަމަނާ ރައީސް ސާލިހާ އެކީގައި ހުންނެވީ ރައީސް ސޯލިހުގެ ހެޔޮވެރިންކަން ވަރަށް ގާތުން ފެނި ކަންކަން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާތީ ކަމަށެވެ.

ކައިވެއްޏެއްގެ މިސާލު ނަންގަވާ މާރިޔާ ވަނީ ނަޝީދުގެ ވެރިކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދަކީ ވެރިކަން ދެމެހެއްޓޭނ ވަރުގެ ވެރިއެއް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް މާރިޔާ ވަނީ ވާހަކަދައްކަވާފަ އެވެ. މާރިޔާ ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ގެނައުމުން "ހަނީމޫން ޕީރިއަޑް ނިމުމުން" ކެބިނެޓް އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށެވެ. ނަމަވެސް ރައިސް ސޯލިހްގެ ވެރިކަމުގައި ފެނިގެން ދަނީ އެތައް ގޮންޖެހުންތަކަކާ އެކު ވެސް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ކޯލިޝަނާއި ސަރުކާރުވެސް ހިފަހައްޓަވައިގެން ކުރިއަށް ގެންދަވާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރެއް ދަަމަހައްޓަން ފަސޭހައެއް ނުވާނެ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވާނެ. އެހެންނަމަވެސް ކޯލިޝަން ދަމަހައްޓަން އެބަޖެހޭ. އެންމެ ގިނަ ބަަޔަކާ އެކީގައި ކެއްތެރިކަމާއެކީގައި ހަތަރު އަހަރު ވެގެންދިޔަ އިރު މިހިސާބަށް ވެރިކަން ގެންނެވުނު ބޭފުޅަކީ ރައިސް ސޯލިހް،" މާރިޔާ ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ ދެވަނަ ސަބަބެއް ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ ރައީސް ސާލިހަކީ ކަންކަން ކުރަންވީ ގޮތް ކިޔައިދެއްވާ ކަންކަމަށް މާބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއް ނޫން ކަމަށެވެ.

"އަޅުގަނޑު ކައިރީ ވެސް ރައީސް ވިދާޅުވާނީ ކުރަންވީ ކަމެއް. އެކަން ކުރަންވީ ގޮތް އެނގޭނީ އަޅުގަނޑަށް. ކުރަންވީކަން ސާފުކޮށް ވިދާޅުވޭ ކުރަންވީ ގޮތް ބުނަންޏާ ތަން ބޮއްސުންލާނެ،" މާރިޔާ ވިދާޅުވި އެވެ.