ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ސަރުކާރު މުވައްޒަފުން ކެމްޕޭންގައި ބައިވެރިވުމަށް ދަތިކޮށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކޮށް އެފަދަ އަމަލުތައް ހުއްޓާލުމަށް ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ގޮވާލައިފި އެވެ.
ނަޝީދުގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ގަދަ ހިތްވަރުން 2018 ގައި ނުކުމެ ބަދަލުކުރަން ވޯޓުލީ އެތައްކަމެއް އަލުން އަނބުރާ އިއާދަކުރަމުންދާ ކަމުގެ ކަންބޮޑުވުން ޕާޓީގެ ވަރަށް ގިނަ މެމްބަރުން ފާޅުކުރަމުންދާ ކަމަށެވެ.
އެކަންކަމުގެ މައުލޫމާތު ރައީސް ނަޝީދުގެ ކެމްޕޭނާ ހިއްސާކުރަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މިގޮތުން ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެފައިވެ އެވެ. މިކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެފަދަ މީހުން ވޯޓުލުމުން މުހްރޫމްކުރުމާއި، ރައީސް ނަޝީދަށް އެމީހުންގެ ރަށްރަށުގައި މަސައްކަތްކޮށްދިނުމުން ދުރުކުރުން ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
"މީގެ އިތުރުން ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންނެވެ. އެގޮތުން ވާދަވެރި ކެންޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނޭ ކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދެ އެވެ." ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފއިވަނީ ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާތަކާއި ހަރަކާތްތަކަށް ދިއުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އެކުންފުނިތަކުގެ އިސްވެރިން އަންގަމުން ގެންދާ ކަމަށެވެ. އެ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެކި ގޮތްގޮތުން ދެމުން ގެންދާކަމުގެ ގިނަ ޝަކުވާ ލިބެމުންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ރައީސް ސޯލިހްގެ ކެމްޕޭން ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް، ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރީން މަގާމުގެ ނާޖާއިޒު ބޭނުން ހިފަމުންދާ ކަމުގެ ޝަކުވާތައް ލިބޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ނާތަހްޒީބު ބިރުދެއްކުމުގެ އަމަލުތަކާއި، ސަރުކާރުން ނާޖާއިޒު ނުފޫޒު ބޭނުންކުރުމުގެ މިފަދަ އަމަލުތަކަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރީން އެއިރު އޮތް ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ޑީއާރްޕީގެ ސަރުކާރުގެ ތެރެއިން ފެށިގެން އައި ކަންތައްތަކެއް ކަމަށެވެ.
"އެކަންކަން ވަނީ 2008 ވަނަ އަހަރު އިންތިހާބުވި އެމްޑީޕީގެ ސަރުކާރު އައުމާއެކު ނައްތާލާފައިކަމާއި، އެހެންނަމަވެސް އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އެ ނާތަހްޒީބު އަމަލުތައް ވުޖޫދުކުރުވާފައިވާ ކަމީ މިޕާޓީގެ މެންބަރުން ދެބަސްވާނޭ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
ނާތަހްޒީބު މިފަދަ އަމަލުތައް އަނެއްކާވެސް އެމްޑީޕީއަށް ނިސްބަތްވާ ރައީސް ސޯލިހްގެ ސަރުކާރުން ދަމަހައްޓައި އެމަގަށް ކަންކަން ބައްޓަންކުރާން މަސައްކަތް ކުރަމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ އަދި ހަރުއަޑުން ކުށްވެރި ކުރާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
"އެމްޑީޕީ އަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ގަދަރާއި ކަރާމާތް ހިމާޔަތްކުރާން މަސައްކަތް ކުރާ ޕާޓީއެއް ކަމުން، މުވައްޒަފުންނަށް އެފަދަ ބިރުދެއްކުމުގެ އަމަލުތަކުން ދުރުވެ ތިބުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިކެމްޕޭނުން އިލްތިމާސް ކުރަމެވެ. އަދި ވަޒީފާ އަދާކުރާ މި ޕާޓީގެ މެންބަރުންނަށް ދައްކާ ބިރަށް ފަހަތަށް ނުޖެހި، އެ މެންބަރެއްގެ ސިޔާސީ ފިކުރާ އެއްގޮތަށް މަސައްކަތްކުރުމަށް މިޕާޓީގެ އެންމެހައި މެންބަރުންނަށް އިލްތިމާސް ކުރަމެވެ." ނަޝީދުގެ ކެމްޕޭން އޮފީހުން ނެރުނު ބަޔާނުގއިވެ އެވެ.
ރައީސް ސޯލިހުގެ ކެމްޕޭނަށް ދިއުމަށް ސަރުކާރު މުވައްޒަފުންނަށް ބާރު އަޅައި ބިރު ދައްކާ ކަމަށް ނަޝީދުގެ ކެމްޕޭން އޮފީހުން ބުނި ނަމަވެސް ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި ރައީސް ސޯލިހް މަގާމު ދެއްވާފައިވާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނަޝީދުގެ ކެމްޕޭންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އާއި ފެން ކުންފުނި -- އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމު ހިމެނެ އެވެ.