އެ
މްޑީޕީގައި މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިގެން ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބީއެއް ވަނީ ލިބިވަޑައިގެންފަ އެވެ. މިކަމާ ގުޅިގެން އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވެވަޑައިގެން ހަތަރުއަނގޮޅިއެއްގައި އެވަނީ ހުއްޓިފަ އެވެ. ގަބޫލުކުރައްވަން އިންކާރު ކުރެއްވި ނަމަވެސް އެއީ ފެންނަން އޮތް ހަގީގަތެވެ. އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި ރައީސް ނަޝީދު ބޭނުންކުރެއްވި "ފިކުރެެއްގެ ދިރުން" ޝިއާރާ އެކު ނިކުމެވަޑައިގެން އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ނަޝީދު ފައްޓާވާފައި އެވަނީވެސް ސިޔާސީ ކުރިމަގު އުޖާލާކުރަން ކަމަށް ބުނެވިދާނެ އެވެ.
އެމްޑީޕީގައި މިއަދާ ޖެހެންދެން ޕާޓީގެ އެންމެ މަގުބޫލު ލީޑަރަކަށް ހުންނެވި ރައީސް ނަޝީދަށް ޕްރައިމަރީގައި ލިބިވަޑައިގަތީ 15،631 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިންސައްތަ އެވެ. ރައީސް ސޯލިހު 24،572 ވޯޓު ޕްރައިމަރީގައި ކާމިޔާބު ކުރެއްވި އެެވެ. އެއީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. މި ނަތީޖާ އިން ފެންނަން އޮތީ އެމްޑީޕީގައި ރައީސް ނަޝީދަށް އޮތް މަގުބޫލުކަން ގެއްލި އެމަނިކުފާނުގެ އޮފް ކެނޑިފައިވާ ކަމެވެ.
ފިކުރެއް ދިރުވަން ކުރާ މަސައްކަތާ އެކު ކުރިމަތިވާ ގޮންޖެހުން
ރައީސް ނަޝީދުގެ ސިޔާސީ ބިންގާ މިނިވަން ފިކުރުގެ މައްޗަށް ބިނާކޮށްފައި އޮތް އޮތުން އެމަނިކުފާނު ޕްރައިމަރީގައި ނެންގެވީ އަނެއްކާވެސް އެބިންގާ ދަމަހައްޓައި ސިޔާސީ ގޮތުން އެނބުރި ކުރިއަށް ވަޑައިގަތުމަށެވެ. މިނިވަން ފިކުރަށް ތާއީދު ކުރާ ބަޔަކާއި އެމަނިކުފާނުގެ އާއިލީ އަދި ރައްޓެހިންނާއި މަދަދުވެރީން އެއްކުރެވޭނެ ގޮތަށް އެމަނިކުފާނު ޕްރައިމަރީ ބޭނުން ކުރެއްވީ ސީދާ މިނިވަން ފިކުރު ދިރުވައި ދެމެހެއްޓުމަށް ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ފިކުރެއް ރައީސް ނަޝީދު ކުރިއަށް ނެރުމުގެ ފަހަތުގައި އޮތީވެސް މިނިވަން ފިކުރުގެ ވަކި ސީޔާސީ ޕާޓީއެއް ހެއްދެވުމުގެ ވިސްނުން ކަމަށް ސިޔާސީ މަސްރަހަށް ފަރިތަ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ޔަގީނުންވެސް ސާފުވާ އެއް ފިކުރަކީ އެމަނިކުފާނަކީ ލިބަރަލް ޑިމޮކްރަސީއަށް ވަރުގަދައަށް ތާއީދުކުރައްވާ ބޭފުޅެއް ކަމެވެ. އިންތިހާއަށް މިނިވަން ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމެވެ. އެމަނިކުފާނުގެ ބަސްފުޅާއި އަމަލުފުޅުން އެކަން ސާފެވެ. އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ބައްޓަން ކުރައްވަމުން އެ ގެންދަވަނީ އެ މަގަށެވެ. ނަމަވެސް ރާއްޖޭގައި ދެން އެ ވިސްނުމާއި އެ ފިކުރަށް ބޮޑުތަނުން ކުރިއަށް ދެވިދާނެ ކަމަށް ނުފެނެ އެވެ.
ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވައިގެން ވަކި ފިކުރެއް ދިރުވަން ކުރާ މަސައްކަތުގައި ޕާޓީގެ ތެރެއިން އަދި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ނަޝީދަށް ފިޔަވަޅު އެޅުމަށް އަދި އެމަނިކުފާނު އެމްޑީޕީން ވަކިކުރުމަށް ޕާޓީ ތެރެއިން ގޮވާ ގޮވުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ. އެހެންވެ ދާދި އަވަހަށް އެމްޑީޕީ އިން ރައީސް ނަޝީދު ވަކިކުރި ކަމަށް ބުނާ ހަބަރެއް ލިބިގެން ދިއުމަކީވެސް މިހާރު ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ރައީސް ނަޝީދުގެ އަމަލުތައް ހުރި ގޮތުން އެއީ އެމްޑީޕީ ތެރެއިން ނިންމާނެ ނިންމުމެއް ކަމަށް ބެލެވުމެވެ.
އެމްޑީޕީގެ ތެރޭގައި ހުންނަވައިގެން ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ކަންކަމަކީ ޕާޓީގެ އަސާސީ ގަވައިދު ހުރަސްއަޅާ ކަމެއް ކަމަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ވަކިން ހާއްސަކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް -- އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ހުންނެވި ހުންނެވުމަކީ އަސާސީ ގަވައިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. އެހެންވެ ރައީސް ނަޝީދު މިވަގުތު އެމްޑީޕީގައި ހުންނެވި ނަމަވެސް އެމަނިކުފާނު އެ ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަފުޅަށް ދުރަށް ވަޑައިގަތުމަކީ ދެން އެންމެ އަވަހަށް ފެންނާނެ މަންޒަރު ކަމަށް ބެލެވެ އެވެ.
ފިކުރެއް ދިރުވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް
ރައީސް ނަޝީދު އެމްޑީޕީގެ ތެރޭގައި ހުންނަވައިގެން "ފިކުރެއްގެ ދިރުން"ގެ ނަމުގައި ހިންގަވާ ސިޔާސީ ހަރަކާތުގެ އަދި ފުރާ ފޯމުތަކުގެ ބޭނުމަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމެވެ. ނަމަވެސް އެއީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެއީ ޕާޓީގެ އަސާސީ ގަވައިދު ތަންދޭ ކަމަކަށް ނުވުމާއި، އެމްޑީޕީގެ އެއްވެސް ގުނަނެއްގައި ރައީސް ނަޝީދުގެ އެއްވެސް ބާރެއް ނުފޫޒެއް މިއަދު ނެތީމަ އެވެ. އެމަނިކުފާނު ސައިޒު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ކުޑަވެފައި އޮތީމަ އެވެ.
ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެއް ގޮތް ނެތިއްޔާ އަނެއް ގޮތް ހޯއްދަވައިގެންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އެމަނިކުފާނަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިނުގަންނަވާނެ ކަން އެނގިވަޑައިގަންނަވާއިރު ވެސް މަސައްކަތް އެ ކުރައްވަނީ ޕާޓީގެ ތެރެއިން ގިނަ ބައެއްގެ ތާއީދު އޮތް ކަން ދައްކުވައި، ފިއްތުއްތަން ކުރިމަތިކުރައްވައިގެން ޕާޓީގެ އާންމު މެންބަރުންގެ ނިންމުން ބަދަލުކުރެއްވުމަށެވެ. އެހެންވެ މި ހާލަތުގައި އެމަނިކުފާނު ކުރައްވަމުން އެ ގެންދަވަނީ ސިޔާސީ ގޮތުން އޮއްޓަރެއް ބުރަދަނެއް އެއްްވެސް ހަމައެއް ވެސް ނެތް މަސައްކަތެކެވެ.
ރައީސް ނަޝީދު ބޭނުންވާ ގޮތަށް ފިކުރެއް ދިރުވެމުން ދިޔަ ނަމަވެސް އެ ފިކުރު އެމްޑީޕީގެ ތެރޭގައި ހެދި ބޮޑުވާކަށް ޕާޓީގެ މިހާރުގެ ލީޑަޝިޕުން ވަކިން ހާއްސަކޮށް ޕާޓީގެ އިސް ލީޑަރު -- ރައީސް ސޯލިހް ފުރުސަތެއް ނުދެއްވާނެ އެވެ. އެހެންކަމަށްވާނަމަ ރައީސް ނަޝީދަށް އޮތް މިހާރު އޮތް ހަމައެކަނި ގޮތަކީ ފިކުރެއްގެ ދިރުން ނަމުގައި ވަކި ސިޔާސީ ޕާޓީއެއް ހައްދަވައިގެން އެ ޕާޓީގެ ލީޑަރަކަށް ވެވަޑައިގަތުމެވެ. ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާނަމަ އަދި ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާނަަމަ މިވަގުތަށް އެމަނިކުފާނަށް އޮތް މަގަކީ މުޅިން އާ ސިޔާސީ ޕާޓީއެއް ވުޖޫދު ކުރުމެވެ.
އެމްޑީޕީގެ ތެރޭގައި ހުންނަވައިގެން ރައީސް ނަޝީދު އެ ކުރައްވަނީ އާ ޕާޓީއެއް އުފެއްދުމަށް އެމްޑީޕީގެ ތެރެއިން އެމަނިކުފާނަށް ހޯދި ދާނެ މެންބަރުންގެ އަދަދު ބެއްލެވުމުގެ މަސައްކަތެވެ. ފިކުރެއްގެ ދިރުން ނަމުގައި ފޯމުތަކެއް ފުރުއްވަމުން އެ ގެންދަވަނީ އެ މަނިކުފާނުގެ އާ ސިޔާސީ ޕާޓީއަށް ލިބިދާނެ ނުވަތަ ހޯދިދާނެ އަދަދުތަކެއް ބަލައި ވަޒަންކޮށްލުމުގެ މަސައްކަތްތަކެއް ކަން ޔަގީނެވެ.
އިންތިހާބުގައި ވާދަކުރައްވައިފިނަމަ ނަތީޖާއަކީ ކޮބާ؟
ރައީސް ނަޝީދުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަކީ ވަރަށް ކައިރި ކަމެއް ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ ތެރޭގައި ސަޕޯޓަރުން ލައްވާ ކުރުވަމުން ގެންދަވާ މަސައްކަތްތަކުންނާއި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅާ ގުޅިގެން އެނގެނީ އިންތިހާބުން އެމަނިކުފާނު ފެންނާނެ ކަމެވެ.
އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހް މިހާރު ބަދަލުވަމުންދާ ގޮތުން ރައީސް ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ވެސް ލިބުން ދުރެވެ. ރައީސް ނަޝީދަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށްވެފައި އެ ވެރިކަމުގެ ތެރޭގައި ހިނގާދިޔަ ކަންކަމުގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ބޮޑެތި ފިއްތުންތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ހަނދާންތައް އިއްޔެވީ ކަމެއްހެން ގިނަ ބައެއްގެ ހަނދާނުގައި ހުރި އިރު ބައެއް އާންމުން ދެކެނީ އެއީ އެމަނިކުފާނުގެ ލީޑަޝިޕް ކޮލިޓީ ނެތުމުން ދިމާވި ކަމެއް ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވައިގެން ނެރުނު ނަތީޖާ ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވަނީ ޕާޓީގެ އާންމު މެންބަރުންގެ ނިންމުމާ ދެކޮޅަށެވެ. އަމިއްލަ ޕާޓީގެ ނިންމުމަށް ގޮންޖައްސަވާފައި ބައެއް އެހެން ފިކުރު ތަކުގެ ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވާ ސިޔާސީ ވިސްނުމާއި ފިކުރު އެއްގޮތް ކުރެވޭތޯ ނަޝީދު އެ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަމިއްލަ ޕާޓީގެ ނިންމުމަށް އިހްތިރާމެއް ނެތުމުން ރައީސް ނަޝީދާ އެކު ސިޔާސީ މަސައްކަތް ކުރާނެ ޕާޓީއެއް އޮތް ކަމަކަށް ނުފެނެ އެވެ.
ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކާ އެކު އެވެ. ގިނަވެގެން ދެ މަސް ތެރޭގައި އެ ކޯލިޝަން ވެސް ރޫޅިގެން ދިޔަބ އެވެ. އެކަމުން އެނގެނީ ހިޔާލުތަފާތުވާ ފިކުރުތަކާ ގުޅިގެން މަސައްކަތް ކުރައްވަން ރައީސް ނަޝީދަށް އެނގިވަޑައިނުގަންނަވާ ކަމެވެ. އެހެންވުމުން ރައީސް ނަޝީދާ އެކު ކުރިން ކުރި ކޯލިޝަން ތަޖުރިބާ ދެވަނަ ފަހަރަށް ކުރަން އެއްވެސް ޕާޓީއަކުން ބޭނުމެއް ނުވެ އެވެ. ނަންނުޖެހުމަށް ޝަރުތުކޮށް ބައެއް ޕާޓީތަކުގެ ބޭފުޅުން އަވަސް އަށް އެކަން ޔަގީންވެސް ކޮށްދެއްވި އެވެ.
މިހުރިހާ ސަބަބުތަކާ ގުޅިގެން މިނިވަން ފިކުރާ އެކު ނުވަތަ އަމިއްލަފުޅު ޕާޓީއެއްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ލަދުވެތި ބައްޔަކުން ބަލިވުމަކީ ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގުން ތިލަކޮށް ފެންނަން އޮތް ނިންމުމެކެވެ. އެހެންކަމުން ރައީސް ނަޝީދަށް ސިޔާސީ ގޮތުން އޮތް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިިހާ އެކު ކުރިއަށް ވަޑައިގަތުން ނޫނީ އެމަނިކުފާނު ޕްރައިމަރީގައި ވިދާޅުވި ގޮތަށް ގޭގައި މަޑުން ހުންނެވުމެވެ.