މާރިޔާ އަހުމަދު ދީދީ

މާރިޔާގެ ސުވާލެއް ނަޝީދަށް: ތާއިދު ނެތް ނަމަ ކުރިމަތިލެއްވީ ކީއްވެ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދަފްތަރުގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެއް ނެތްނަމަ ކުރިމަތިލެއްވީ ކީއްވެގެންތޯ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސުވާލު އުފައްދައިފި އެވެ.

މާރިޔާ މިފަދަ ސުވާލެއް އުފައްދަވާފައި މިވަނީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ 39،000 މީހުން އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވާތީ އެކަމަށް ރައްދުދެއްވަމުންނެވެ. ނަޝީދު ތުހުމަތުކުރައްވާ ގޮތުގައި އެމްޑީޕީގެ ދަފްތަރުގައި މިހާރު ހިމެނޭ ގިނަ މީހުންނަކީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. އެމްޑީޕީގެ މިހާރުގެ ލީޑަޝިޕުން އެ ޕާޓީގެ ދަފްތަރުން ބަޔަކު އުނިކުރީ ރައީސް ސޯލިހަށް ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ގޮތް ހެދުމަށް ކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ 39،000 މީހުން އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވާއިރު ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

"އަޅުގަނޑަށް ދަތި ގަބޫލުކުރަން މިއަދު އަޅުގަނޑުމެންގެ ޕާޓީގެ ރަޖިސްޓްރީގައި އެތިބީ އެމަނިކުފާނު [ރައީސް ނަޝީދު] ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނަށް ތާއިދު ނުކުރާ މީހުން ކަމަށް. އެއީ ވަރަށް ހިތާމަހުރި ކަމެއް. މިފަހަރު މި ވޯޓުލާ އެންމެންނަކީ އެ މަނިކުފާނަށް ތާއީދު ނުކުރާ މީހުންކަމަށް ވަންޏާ ދެން ކީއްވެބާއޭ ނުކުމެވަޑައިގެން ހުންނެވީ ޕްރައިމަރީގެ ބައިވެރިވެވަޑައިގަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވަނީ އެމްޑީޕީއަކީ މަކި މީހެއްގެ ފަހަތުން އެނބުރޭ ފިކުރެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ޑިމޮކްރަސީ އަކީ އެތެރޭގެ އިންތިހާބެއްގައި ކޯޅުން ކަމަށް މިހާރު ހީވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ. އަދި ވެރިކަން ކުރަން ޖެހެނީ ވަކި ބައެއް ކަމަށް ހީވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ފިކުރަކީ މީހެއްގެ ވަށާލައިގެން އެނބުރޭ ފިކުރެއް ނޫން. އެމްޑީޕީގެ ދިރުމަކީ މިީހެއްގެ ވަށާލައިގެން އެނބުރުމެއް، ދިރުމެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ތަންދިނީ މިނިވަން ހިޔާލާއި މިނިވަން ފިކުރަށް." މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފިކުރާ ގުޅޭގޮތުން މާރިޔާ ވާހަކަ ދައްކަވާފައި މިވަނީ ރައީސް ނަޝީދުގެ ކެމްޕޭނު ސޮލޯގަންގައި "ފިކުރެއްގެ ދިރުން" ބޭނުން ކުރައްވަމުން ގެންދަވާތީ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ދަފްތަރުގެ މައްސަލައިގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ އިންތިހާބުތަކަކީ އަބަދުވެސް މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކެއް ކަމަށެވެ. ނަމަވެސް ނިމިދިޔަ އެއް އަހަރު ތެރޭގައި ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ހަގީގީ މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް 39،000 މެމްބަރުން ޕާޓީން ވަކިކޮށްފައި ކަމަށެވެ. އަދި ވަކިކޮށްފައިވަނީ ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ނުފެންނަ މެމްބަރުން ކަމުގައިވެސް ވިދާޅުވަމުން ގެންދަވަ އެވެ.

ރައީސް ނަޝީދު މީގެކުރިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ވެސް ވަނީ އެމްޑީޕީގެ ދަފްތަރު ގަނޑުބަނޑުކޮށްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވާ ކަންތައްތަކެއް ފައްޔާޒުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. ނަމަވެސް ނަޝީދުގެ ތުހުމަތު އެމްޑީޕީން ގެންދަނީ ދޮގުކުރަމުންނެވެ.