ހަބަރު

ހެލްތު މިނިސްޓަރުކަމަށް ނަސީމަށް ރުހުން ދީފި

ހެލްތް މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާ އަހުމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވާފައިވަނީ މިއަދު މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދިރާސާކޮށް ވަނީ ނަސީމަށް ރުހުން ދޭން ފެންނަކަށް ނިންމައިފަ އެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ ނަސީމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެއް ބާނީ ނަމަވެސް، 1970 ގެ އަހަރުން ފެށިގެން ސިއްހީ ދާއިރާގައި ވަރަށް ޝައުގުވެރިކަމާއެކު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އެހެން ކަމުން، ދައުލަތަށް ގިނަ އަހަރުތަކެއް ހިދުމަތް ކޮށްދެއްވައިގެން، ހޯއްދަވާފައިވާ ގިނަ ތަޖުރިބާތަކުގެ ބޭނުން ހެލްތު މިނިސްޓަރުގެ މަގާމުގެ އިތުރުން ސަރުކާރު ހިންގުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާނެކަމަށްވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

އެއާއެކު ކޮމިޓީން ނިންމިގޮތަށް، ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރަން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އެކަމަށް މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ، އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކު އުފެދުނު މި ސަރުކާރުގައި ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ހެލްތް މިނިސްޓަރު ކަމުން އަމީން މަގާމުން އިސްތިއުފާ ދެއްވާފައިިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމަަށް ހުށައަޅާފައި މިވަނީ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ.

އަދި ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށެވެ.