ހަބަރު

ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

ހެލްތް މިނިސްޓަރު ކަމަށް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ސިޓީ އިއްވުމަށްފަހު، ނަސީމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ނަޝީދު ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

ކޮމިޓީއަށް މައްސަލަ ފޮނުވުނުކަން އިއުލާނުކުރައްވަމުން ނަޝީދު ވިދާޅުވީ ނަސީމަށް ރުހުން ހޯދަން ފޮނުއްވި ސިޓީއާއެކު އޭނާގެ ސީވީ އެއް ފޮނުއްވާފައިވާ ކަމަށެވެ.

"މެންބަރުންގެ ޝައުގުވެރިކަން މި ސީވީއަށް ހުންނަންވާނެ. 1960 ވަނަ އަހަރުން ފެށިގެން 2020 އާ ހަމައަށް ގޮނުފައިއޮތް ދިގު ދަތުރުނާމާއެއް. ވެސްލީ ކޮލެޖުން ފެށިގެން އައިސް އަލުން އަނބުރާ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ، އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކު އުފެދުނު މި ސަރުކާރުގައި ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަސީމް ވަނީ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ހެލްތް މިނިސްޓަރު ކަމުން އަމީން މަގާމުން އިސްތިއުފާ ދެއްވާފައިިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމަަށް ހުށައަޅާފައި މިވަނީ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ.

އަދި ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށެވެ.