އަހުމަދު ނަސީމް

ސިއްހީ ދާއިރާގެ އެންމެ ބޮޑު ބައްދަލުވުމުގައި ނަސީމު ބައިވެރިވެވަޑައިގެންފި

May 22, 2022
2

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިޔުއެޗްއޯގެ 75 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ބައިވެރިވެވަޑައިގެންފި އެވެ.

މިބައްދަލުވުމަކީ ދުނިޔޭގެ 194 ގައުމެއްގެ ހެލްތު މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގްވާމީ މުހިއްމު ނިންމުންތަކެއް ނިންމާނެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި މިއަދު ފެށި މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ގައުމުތަކުގެ ހެލްތު މިނިސްޓަރުން ތަގުރީރުކުރައްވާނީ "ހެލްތު ފޯ ޕީސް، ޕީސް ފޯ ހެލްތު" މައުލޫއަށެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގައި މިނިސްޓަރުގެ އިތުރުން ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ މިޝަންގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަހްމަދާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުންނާއި ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

ސިއްހީ ދާއިރާއިން ހާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްހީ ދާއިރާގެ މުހިއްމު މައްސަލަތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމުގައި ގައުމުތަކުގެ މެދުގައި މިބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ. ހާއްސަކޮށް ކޮވިޑް 19ގެ ހާލަތުން އަރައިގަނެ ދެން ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް މިނިސްޓަރުން މަޝްވަރާކުރައްވާނެ އެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދިވެހި ވަފްދުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތަކެއް ފަހުން ބާއްވާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.