ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެސްޓްރާޒެނެކާ ކުންފުނިން ހޯދަނީ ކޮވިޑު ވެކްސިންގެ ހަތް ލައްކަ ޑޯޒް

ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ހޯދަން އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އެ ވެކްސިންގެ ހަތް ލައްކަ ޑޯޒް ހޯދޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ހާމަކުރައްވައިފި އެވެ.

އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ. ނަމަވެސް، އެ ކުންފުނިން ގެންނަ ވެކްސިންގެ އަދަދެއް މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ ކޮވިޑް-19 އިގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓާ ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އިންޑިއާ އިން ހިލޭ ދޭ ވެކްސިންގެ އެއް ލައްކަ ޑޯޒްގެ އިތުރުންވެސް ވެކްސިން ހޯދުމަށް ކުރެވޭ އިތުރު މަސައްކަތްތަކުގެ ދަށުން، އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ގަތުމަށް އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒް ހޯދޭނެކަމަށެވެ.

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިސްވެ ފަށާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭނެކަމަށްވެސް އޭނާ މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.

މިއަދު ވެކްސިން ލިބުނު ނަމަވެސް، އަދި ވެކްސިން ދޭން ފެށޭނެ ތާރީހެއް ބުނަން އަދި ދަތިކަމަށާއި، އާ ވެކްސިން ޕްރޮގްރާމެއް ހިންގުމަކީ ބޮޑު މަސައްކަތަކަށްވާއިރު، އެކަމަށް މީހުން ތަމްރީނުކުރުންފަދަ ކަންކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ވެކްސިންގެ ރައްކާތެރިކަމާގުޅޭ ގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި، ނަޒްލާ ވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާނީ އެކަމުގެ ރައްކާތެރިކަން ޔަގީންކަން ހޯދައި، ޑަބްލިޔުއެޗްއޯގެ ހުއްދަތަކާއެކު ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިންޑިއާއިން ވެކްސިން ޝިޕްމަންޓެއް މިއަދު ރާއްޖެ ފޮނުވާއިރު ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވެކްސިން ފުރަތަމަ ދޭނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.