ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެކްސިން ޖެހި މީހުންގެ ކަރަންޓީނަށް ބަދަލެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނުވާން ޖެހޭ މުއްދަތަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ކޮވިޑާ ގުޅޭ ފަހުގެ މައުލޫމާތުތައް ދިނުމަށް އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓް ވެގެން ކަރަންޓީނުކުރާ މުއްދަތު ރިވިއު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ބަލީގެ އެއްވެސް އަލާމާތެއް ނެތިއްޔާ ކަރަންޓީނުވާން ޖެހޭނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން 10 ދުވަހަށެވެ.

ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ވެސް ދެ ގޮތަަކަށް ލުޔެއް ދޭން ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ފުރަތަމަ ގޮތަކީ 10 ދުވަހު ކަރަންޓީނުވުމަށް ފަހު އަލާމާތެއް ނެތްނަމަ ޓެސްޓް ނުކޮށް ކަރަންޓީނު ނިންމައިލުމެވެ. އަނެއްގޮތަކީ ފަސް ދުވަހު ކަރަންޓީނުވުމަށް ފަހު ޓެސްޓްކޮށް ނެގެޓިވް ނަތީޖާއެއް ލިބިއްޖެ ނަމަ ކަރަންޓީނު ނިންމާލުމެވެ.

ޕޮޒިޓިވް މީހަކާއެކީ ކަރަންޓީނުވާ މީހަކު ހަމަ އެމީހަކު ކަރަންޓީނުގައި ހުންނަ މުއްދަތަކަށް ކަރަންޓީނު ވެގެން ހުންނަން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުން، ހަމަ ކުރިން ވެސް އޮތް ގޮތަށް، 14 ދުވަހު ކަރަންޓީނުވުމަށްފަހު ދޫކޮށްލެވޭނީ ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއަކާއެކީ ކަމަށެވެ.

"ކޮންޓެކްޓުން މިގޮތަށް ދޫކޮށްލި ނަމަވެސް އަދިވެސް ކުރިން ހުރި ބައެއް އުސޫލުތައް އެޕްލައިވާނެ. މިސާލަކަށް އޭނަ ޕޮޒިޓިވް މީހަކާ އެކީ ކަރަންޓީނު ވެގެން ހުރެއްޖެނަމަ ކަރަންޓީނު މުއްދަތު އިތުރުވާން އެބަ އޮވޭ އައިސޮލޭޝަންގަ ހުރި މީހާ އައިސޮލޭޝަން ނިމުނީމަ އަނެކަކުގެ ކަރަންޓީނުގެ މުއްދަތު އިތުރުވާ ގޮތަށް. މިކަންކަން އަދިވެސް ކުރިއަށް ދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސްކޫލްތައް ހުޅުވޭތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށް ވެސް ނަޒްލާ ފާހަގަކުރެއްވި އެވެ.

އެގޮތުން، ރާއްޖެއިން ބޭރުން އަންނަ މުވައްޒަފުން އަދި ދަރިވަރުންނަށް ވެސް ސްކޫލަށް ނިކުމެވޭނީ ގައުމަށް އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދޭތެރޭ ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއަކާ އެކީ އެވެ. މޮނީޓަރިންގައި އޮތް ރަށަކުން އަންނަ ދަރިވަރުންނަށާއި މުވައްޒަފުން ވެސް މިގޮތަށް އަމަލުކުރަން ވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން ވެސް ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯން ފެނި ކޭސްތައް މައްޗަށް ދާތީ މިހާރު އަންނަނީ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ އިތުރުވެފައިވާތީ ރަށްރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓަކާ އެކީ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް 14 ދުވަހު ކަރަންޓީނުވާން ޖެހޭނެ އެވެ. އެކަމަކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން، ނަތީޖާ ނެގެޓިވްވުމަށްފަހު ރަށަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.