ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އަށް ހަފުތާވުމުން ދެވަނަ ޑޯޒް ފަސް ނުކުރަން އެދިއްޖެ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ދެވަނަ ޑޯޒް ޖެހުމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. ފުރަތަމަ ޖަހާފައިވަނީ ކޮވިޝީލް ވެކްސިނެވެ. އެ ވެކްސިން 200،000 ވުރެ ގިނަ މީހުންނަށް ދީފައިވެއެވެ. ކޮވިޝީލްގެ ދެވަނަ ޑޯޒް ދޭން ޖެހެނީ 8 ހަފްތާ އާއި 12 ހަފްތާއާ ދެމެދުއެވެ. ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ދޭން ފަށާފައިވާއިރު ދެވަނަ ޑޯޒް ޖެހޭނެ މީހުންގެ މައުލޫމާތު އެޗްޕީއޭއިން ދަނީ އާންމު ކުރަމުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނެ މުއްދަތެއް ކަނޑައަޅާފައި ވަނީ ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު އެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ އާއި 12 ހަފްތާއާ ދެމެދު ޖެހުމަށް އޮތް ނަމަވެސް ރާއްޖެއިން ނިންމާފައިވަނީ 8 ހަފްތާ ވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށެވެ.

ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ އިލްތިމާސް އަކީ 8 ހަފްތާވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކަމަށެވެ. އަދި އެ މުއްދަތު ފަސްކޮށްފިނަމަ އަލުން ބައްޔަށް ހުށައެޅުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

"ވަރަށް މުުހިންމު ކަމެއް އަށް ހަފްތާ އާއި 12 ހަފްތާއާ ދެމެދު އޮތް ކަމުގައިވިޔަސް އަށް ހަފްތާވުމުން ދެވަނަ ޑޯޒް ޖެއްސެވުން. އެއީ ގިނަ ދުވަސްވާ ވަރަކަށް އެންޓިބޮޑީ ރެސްޕޮސް ތަންކޮޅެއް ދަށްވަމުންދާނީ. އެހެންވީމަ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވާނެ މާގިނަ ދުވަސް ދެ ޑޯޒް ދޭތެރޭ ވާކަމަށްވާނަމަ،" ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒް ދެމުން ދަނީ ޗައިނާގެ ސިނޯފާމް އެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭން ފަށާނެ އެވެ. އެހެން ކަމުން މި މަސް ނިމުމުގެ ކުރިން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތުވެސް ހުޅުވާލާނެ އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުންވެސްް ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންވެސް ދެން ޖަހާނީ ދެވަނަ ޑޯޒް ކަމަށާ ނަމަވެސް އެ މީހުންނަށް ވެކްސިން ދޭނީ ޕޮޒިޓިވްވީތާ 28 ދުވަސް ފަހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް 3737 މީހަކު ދެވަނަ ޑޯޒް ޖަހާފައިވެއެވެ. 246،896 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ 5،000 ވުރެ ގިނަ ޑޯޒް އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިން ދޭނީ ހާއްސަ ހާލަތްތަކުގައިވާ ބަޔަކަށެވެ. އެ މީހުންނަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.