ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހި ފަހުން މަރުވި ތިން މީހުންގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެކަމާ ގުޅޭ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑް-19 ގެ ވެކްސިން ޖެހި ފަހުން ފުރަތަމަ މީހަކު މަރުވީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހެނދުނުއެވެ. ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 93 އަހަރުގެ މީހެކެވެ. މަރުވި މީހަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުންދާ އަދި ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރެއްހާ ދުވަސްވެފައިވާ މީހެއް ކަމަަަށް އެޗްޕީއޭއިން ބުންޏެވެ. އޭނާ މަރުވީ ވެކްސިން ޖެހިތާ ދެ ދުވަސް ފަހުންނެވެ. ޖެހިގެން އައި ދުވަހު އެ ފިރިހެން މީހާގެ އަންހެނުންވެސް ވަނީ މަރުވެފައެވެ. އެއީވެސް 17 ވަނަ ދުވަހު ވެކްސިން ޖެހި މީހެކެވެ. 81 އަހަރުގެ އެ އަންހެން މީހާ މަރުވީ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އޭގެ ފަހުން މިއަދު ހެނދުނު 45 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. މަހަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވެގެން ފަރުވާ ދެނިކޮށް މަރުވި އެ މީހާއަށް ވެކްސިން ދިނީ އިއްޔެ އެވެ.
މަރުތަކާއި ގުޅޭ ތަހުގީގު އެޗްޕީއޭއިން ފަށާފައިވާއިރު މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ދިމާވާ ކޮންމެ ކަމެއް ބަލާނެ ކަމަށާ އެހެން އިންފެކްޝަނަކުން ކަމެއް ދިމާވިޔަސް އެއީ ވެކްސިނުން ދިމާވި ކަމެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ.
ވެކްސިން ޖަހާއިރު ބިރުން ހުރުމުންވެސް ކަމެއް ދިމާވެދާނެ ކަަމަށާ ނޫންނަމަ ވެކްސިނާއި ގުޅުމެއް ނެތް އެހެން ކަންކަންވެސް ވެކްސިން ޖަހާ ފަހުން ދިމާވިޔަސް އެކަންކަން ބަލަނީ ވެކްސިނުން ދިމާވި ކަމެއް ނޫންކަން ޔަގީން ކުރުމުގެ ގޮތުން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކުރިން ނިޔާވި ފަރާތުގެވެސް އަދި މިއަދު ނިޔާވި ފަރާތުގެވެސް އޭއެފްއައި އިންވެސްޓިގޭޝަންއަށްފަހު ކޯޒްއޮފް ޑެތް ހާމަކުރާނަން އިނގޭތޯ،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ވެކްސިން ޖެހި ފަހުން މީހަކު މަރުވެއްޖެ ނަމަ ނުވަތަ ސިއްހީ މައްސަލަތަކެއް ދިމާވެއްޖެނަމަ އެކަން ބަލާނެ މިންގަނޑެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ. އެ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ބެލުމަށްފަހު މަރުތަކާއި ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"ފުރަތަމަ ހޯދަނީ ކަމާގުޅޭ ހުރިހާ މައުލޫމާތު. އެ މީހެއްގެ ހުރި ބަލިތަކާއި އެ މީހަކު ހުރި ހާލަތު ހުރި ގޮތާއި ވެކްސިން ޖަހަން ދިޔައިރު ހާލަތު ހުރި ގޮތާއި އޭގެ ފަހުން އެމީހާގެ ހާލަތު ހުރި ގޮތާއި ދެން އެއްވެސް މެޑިކަލް ރިޕޯޓެއް ހުރިނަމަ އެ ރިޕޯޓެއްވެސް ބެލުމަށްފަހު އޭއެފްއައި ކޮމެޓީން މިކަން ބައްލަވާފައި ކޯޒަލް އެސެސްމަންޓެއް ހަދާފައި އެ ނިންމަނީ،" ނަޒްލާ ވިދާޅުވިއެވެ.