ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ޖެހުން: އެއްވެސް މީހަކަށް ސީރިއަސް މައްސަލައެއް ދިމާނުވޭ

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން މިހާތަނަށް 9،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.

މި ވެކްސިން ދިނުމުން ކޮށްފައިވާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ، ނޫފައިގަތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުމާއި މޭނުބައިކުރުމާއި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ. މީގެ ތެރެއިން ކުދިކުދި ކަަންކަމަކީ މިހާރު އާންމުކޮށް ބޭނުން ކުރާ ގިނަ ވެކްސިން ޖެހުމުންވެސް ދިމާވާ ކަންކަމެވެ. ނަމަވެސް ކޮވިޑް ވެކްސިން ޖެހުމުން ބައެއް މީހުންނަށް ބޯ އެނބުރުމާއި ކާހިތް ނުވުމާއި ބަނޑުގައި ރިއްސުން އަދި ގޮއްލުން ފަދަ ކަންކަން ވަރަށް މަދުން ނަމަވެސް ދިމާވެފައިވެއެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއީ ވެކްސިންގެ ސަބަބުން ދިމާވާ ބޮޑު އެލާޖީއެކެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ތެރެއިން ބައެއް މީހުންނަށް ކުދިކުދި ކަންކަން ދިމާވެފައިވާ ކަމަށެވެ. އަދި އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން ދެ މީހަކަށް ކަރުތެރެއަށް އުނދަގޫވުމާއި ހިތް އަވަސް ވުމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ފަދަ ހާލަތެއް ދިމާވެފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވިފަ އެބަހުރި ވެކްސިން ޖެހި ބައެއް މީހުން ހުން އައުމާއި ގައިގައި ރިއްސުމާއި ވެކްސިން ޖެހިތަނަށް ތަދުވުން ފަދަ އަލާމަތްތައް ފެނިގެން ބައެއް މީހުން އެބަހުރި ރިޕޯޓް ކޮށްފައި. އޭގެ އިތުރުން އިއްޔެގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހި ދެ މީހަކު ކަރުތެރެއަށް އުނދަގޫވުމާއި ހިތްއަވަސް ވުމާއި މި ކަހަލަ ބައެއް އަލާމަތްތައް ފެނުނު. އެ ދެ މީހުންނަށްވެސް ވަނީ އެ ތަނުގައި ފަރުވާދީފައި،" ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖަހާ ތަން ރަތްވުން ނުވަތަ އެ ތަނަށް ކޮންމެވެސް ވަރަކަށް ތަދުވުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. އެފަދަަ ކަމެއް ދިމާވުމުން ބައެއް މީހުން އެތަންތަން ބޮނޑިތާން ކުރެއެވެ. ނަމަވެސް މިއީ ރަނގަޅު ކަމެއް ނޫނެވެ. ކޮވިޑް ވެކްސިން ޖެހުމަށްފަހު އެ ތަނެއް ރަތްވެ، ނުވަތަ ތަދުވީނަމަވެސް ބޮނޑިތާން ނުކުރަން ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެއެވެ.

ވެކްސިން ޖެހުން ރަނގަޅު ނޫނީ ކޮން ބައެއް؟

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 18 އަހަރުން ދަށުގެ މީހުންނަށް ކޮވިޑް ވެކްސިން ޖަހާކަށް ނުޖެހޭނެ އެވެ. އަދި މާބަނޑު މީހުންވެސް ވެކްސިން ޖެހުން ރަނގަޅެއް ނޫނެވެ. އެހެންވީމަ ރާއްޖޭގައިވެސް ކޮވިޑް ވެކްސިން މި ދެ ކެޓަގަރީގެ މީހުންނަށް ނުދޭނެ އެވެ. މާބަނޑު މީހުންނަށް ވެކްސިން ނުދިން ނަމަވެސް ގާތުން ދޭ މައިންނަށް ވެކްސިން ދޭނެ އެވެ. އެފަދަ މީހުންނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މީގެ އިތުރުން ލޭ ދިޔާކުރަން ބޭސް ބޭނުން ކުރަން ޖެހޭ މީހުންގެ ތެރެއިން ސްޓޭބަލް މީހުންނަށް ވެކްސިން ދެވޭނެ އެވެ. ލޭ ދިޔާކުރަން ބޭސް ބޭނުން ކުރާ މީހުންނަށް ވެކްސިން ދީފިނަމަ ބައެއް ފަހަރު ވަރަށް ގިނައިން ލޭ އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ވެފައިވެސް އެބަ ހުއްޓެވެ. ނަމަވެސް ދިގު މުއްދަތަކަށް މި ބޭސް ބޭނުންކުރާ މީހުންނަކީ ސްޓޭބަލް ހާލަތުގައި ތިބޭ ބައެކެވެ. އެހެންވީމަ ވެކްސިން ދިން ނަމަވެސް އެފަދަ މައްސަލަތައް ދިމައެއް ނުވެއެވެ.

އަދި ވޯފަރިން ބޭނުން ކުރާ މީހެއްނަމަ އައިއެންއާރު ރަނގަޅު ރޭންޖްގައި ހުރިނަަމަ ވެކްސިން ޖެހޭނެއެވެ.

ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންގެ ތެރެއިން ވެކްސިން ދެވޭނީ ބަލި ޖެހުނުތާ 28 ދުވަސްވީ މީހުންނަށެވެ. މާނައަކީ ބަލި ޖެހި 14 ދުވަސް ފަހުން ރަނގަޅުވުމާއެކު ވެކްސިން ނުދެވޭނެ އެވެ. ވެކްސިން ދެވޭނީ ބަލި ދެނެގަނެވުނުތާ 28 ދުވަސް ފަހުންނެވެ. މީގެ އިތުރުން އެހެން ބައްޔަކަށް ވެކްސިނެއް ޖަހާފައި ހުރި މީހެއް ނަމަ އެ ވެކްސިނެއް ޖެހިތާ 14 ދުވަސް ފަހުން ވެކްސިން ޖެހޭނެ އެވެ.