ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރޯދަ މަހު ވެކްސިން ޖެހުން ރޭގަނޑު

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ރޯދަ މަހު ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ރޭގަނޑު ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހުއެވެ. މިހާތަނަށް 165،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. މާލެ އާއި އަތޮޅުތެރޭގައިވެސް ވެކްސިން ޕްރަގްރާމް މިހާރު ހިނގައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ފެށޭނެ އެވެ. ނަމަވެސް އެއީ މާލެ ސަރަހައްދުގައެވެ. ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާ ފަހުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ރޯދަ މަހުވެސް ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް ރޯދަ މަހު ވެކްސިން ޕްރަގްރާމް ކުރިއަށް ގެންދާނީ ރޭގަނޑު ކަމަށް ވިދާޅުވިއެވެ. ވެކްސިން ދޭނެ ގަޑިތަކާއި ސެންޓަރުތަކަށް ގެންނަ ބަދަލު ފަހުން ހާމަކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް މާލެ ސަރަހައްދުން 95،362 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 70،313 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.